28 މެއި 2017
ލަންޑަން (މެއި 28) – ޕްރިމިއާ ލީގުގެ ޗެމްޕިއަން ޗެލްސީ އަތުން 2-1 އިން މޮޅުވެ އެފްއޭ ކަޕުގެ ޗެމްޕިއަންކަން އާސެނަލުން 13 ވަނަ ފަހަރަށް ހޯދައި އެ ކްލަބުގެ ކޯޗު އާސެން ވެންގާގެ ކްލަބުގެ މުސްތަގުބަލަށް އުއްމީދެއް ގެނެސްދީފި އެވެ.
ލަންޑަން (މެއި 28) – ޕްރިމިއާ ލީގުގެ ޗެމްޕިއަން ޗެލްސީ އަތުން 2-1 އިން މޮޅުވެ އެފްއޭ ކަޕުގެ ޗެމްޕިއަންކަން އާސެނަލުން 13 ވަނަ ފަހަރަށް ހޯދައި އެ ކްލަބުގެ ކޯޗު އާސެން ވެންގާގެ ކްލަބުގެ މުސްތަގުބަލަށް އުއްމީދެއް ގެނެސްދީފި އެވެ.
އެކަކު މަދުކޮށް ކުޅުނު ޗެލްސީގެ މައްޗަށް ހޯދި ކާމިޔާބީއާ އެކު އާސެނަލް ވަމީ މެންޗެސްޓާ ޔުނައިޓެޑް ފަހަތަށް ޖައްސާލައި އެފްއޭ ކަޕުގެ އެންމެ ކާމިޔާބު ޓީމުގެ މަގާމް ހޯދައިފަ އެވެ. އަދި ހަތް ވަނަ ތަށްޓާ އެކު ވެންގާ އަށް ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗުގެ ޝަރަފް ލިބިފަ އެވެ.
މި ސީޒަނާ އެކު ވެންގާގެ ކޮންޓްރެކްޓް ހަމަވާއިރު، ގިނަ ސަޕޯޓަރުންގެ ބޭނުންވަނީ އޭނާ އިތުރު މަޑުނުކުރުމަށެވެ. އާސެނަލަށް 20 އަހަރަށް ފަހު ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލުމުން ސަޕޯޓަރުންގެ ހިތްހަމަނުޖެހުން އިތުރަށް ބޮޑުވި ނަމަވެސް މިރޭގެ ކާމިޔާބީއާ އެކު ވެންގާ އަށް ކްލަބުން އިތުރު ފުރުސަތެއް ދޭނެ ކަމަށް ބެލެވެ އެވެ.
"މި ޓީމު ވަރަށް ހިތްދަތި ދުވަސްތަކެއް ހޭދަކޮށްފި. އެކަމަކު އެންމެން އެކުވެރިވެ އެއްބައިވެ އެކަމަށް ޖަވާބެއް ދީފި. މިރޭ މި ޓީމުން އެކުވެރިކަމާއި ވަރުގަދަކަން ދައްކާލައި މޮޅު ފުޓްބޯޅައެއް ކުޅެފި،" ވެންގާ ބުންޏެވެ. "ވަރަށް ފަހުރުވެރިވޭ ހަތް އެފްއޭ ކަޕް ކާމިޔާބުކުރެވުމުން."
ފުރަތަމަ ސީޒަނުގައި ކްލަބަށް ދެ ވަނަ ތަށި ހޯދައިދޭން ނުކުތް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އުއްމީދަށް ހުރަސް އެޅުނު އިރު، މިރޭ ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނީ އާސެނަލެވެ. ހާއްސަކޮށް މި ސީޒަނުގައި ފުރަތަމަ ފަހަރަށް ކުޅުނު އާސެނަލްގެ ކެޕްޓަން ޕާ މާޓަސެކާ އާއި ގޯލްކީޕަރު ޑޭވިޑް އޮސްޕިނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މިރޭގެ މެޗުގެ ހަތަރު ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ އެލެކްސިސް ސަންޗޭޒެވެ. އޭނާ ގޯލަށް ބޯޅަ ވައްދާލިއިރު އެ ޓީމުގެ އާރޮން ރަމްސީ ހުރީ އޮފްސައިޑް މަގާމެއްގަ އެވެ. އެއާ އެކު ލައިންސްމަން ހުރީ އޮފްސައިޑް ދިދަ ނަގައިގެންނެވެ. އެކަމަކު އޭނާއާ މަޝްވަރާކުރުމަށް ފަހު ރެފްރީ އެންތަނީ ޓޭލާ ނިންމީ އޮފްސައިޑުގައި ހުރި ރަމްސީ ބޯޅައަށް ހަރަކާތްކޮށްފައިނުވާތީ އެއީ ރަނގަޅު ލަނޑެއް ކަމަށެވެ. އެކަމަކު ރީޕްލޭ އިން ދައްކާ ގޮތުގައި ސަންޗޭޒް ވަނީ އެ ބޯޅަ ހޯދުމުގައި ބޯޅައިގައި އަތްލައިފަ އެވެ.
އޭގެ ފަހުން އާސެނަލަށް އިތުރު ތިން ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއް ލިބުނެވެ. މެސުތު އޮޒިލް ފޮނުވާލި ބޯޅަ ގޯލް ރޮނގު މަތިން ގެރީ ކޭހިލް ސާފުކޮށްލިއިރު ޑެނީ ވެލްބެކާއި ރަމްސީ ޖެހި ބޯޅައެއް ވަނީ ދަނޑީގައި ޖެހިފަ އެވެ.
ދެ ވަނަ ހާފުގައި ޗެލްސީން އެޓޭކް ވަރުގަދަކުރިއިރު އެ ޓީމުގެ އެންގޯލޯ ކާންޓޭ އަދި ވިކްޓަ މޮސެސް ފޮނުވާލި ހަމަލާތައް އޮސްޕިނާ މަތަކުރި އެވެ. އަދި ޕެޑްރޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
އާސެނަލުން ކައުންޓާގައި ނުރައްކާކުރިއިރު، އެ ޓީމުގެ ހެކްޓާ ބެލެރިން ފޮނުވާލި ނުރައްކާތެރި ބޯޅައެއް ޗެލްސީގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ މަތަކުރި އެވެ. އާސެނަލަށް ހަމަޖެހުމެއް ލިބިގެން ދިޔައީ، އޭރިއާ ތެރެއިން ޑައިވްކުރުމުން ޗެލްސީގެ މޮސެސް އަށް 68 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުންނެވެ. އެކަމަކު 76 ވަނަ މިނެޓުގައި ޗެލްސީގެ ކޮސްޓާ ވަނީ ލަނޑެއް ޖަހައި ހަމަހަމަކޮށްފަ އެވެ. މި ލަނޑަށް ފަހު ޗެލްސީ ހަމަޖެހިނުލެވެނީސް އާސެނަލަށް އަލުން ލީޑު ނަގައިދިނީ ރަމްސީ އެވެ. ބަދަލު ކުޅުންތެރިއާ އޮލިވާ ޖިރޯ އަރައި ފުރަތަމަ ފައިގައި ޖެހުނު ބޯޅައިން 79 ވަނަ މިނެޓުގައި ހުރަސްކުރި ބޯޅަ ރަމްސީ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.
ފަހު ވަގުތު ތަފާތު ބޮޑުކުރަން އާސެނަލަށް ފުރުސަތު ލިބުނެވެ. ބެލެރިން އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޯލް ދަނޑި ކައިރިން ބޭރަށް ދިޔައިރު އޮޒިލް އެކަނިމާއެކަނި އަރައި ޖެހި ބޯޅައިގެ ހުރަހަކަށްވީ ގޯލް ދަނޑި އެވެ.
ފައިނަލުގެ ކުރިން ކޮންޓޭގެ ތައުރީފް ވެންގާ އަށް
ޗެލްސީ ބަލިކޮށް އާސެނަލުން އެފްއޭ ކަޕް ކާމިޔާބުކޮށްފި
ލަމްޕާޑާއި އާޓެޓާ: ޓީމާ އެކު މުހިއްމު ފައިނަލަކަށް!
އެފްއޭ ކަޕް ސެމީގައި އާސެނަލް-ސިޓީ، ޔުނައިޓެޑް-ޗެލްސީ
ޔުނައިޓެޑް، ޗެލްސީ އަދި އާސެނަލް އަނެއް ބުރަށް
ފަހު މެޗުން ވެންގާ އަށް ބޮޑު މޮޅަކާ ހާއްސަ އުފަލެއް
ފާޑުކިޔުންތަކަށް ޖަވާބު ދޭނެ ވަގުތެއް ނެތް: ވެންގާ
ފޭވަރިޓަކީ ޗެލްސީ، އާސެނަލް ދުލެއް ނުދޭނެ: ވެންގާ
ވެންގާ ހަތަރު މެޗަށް ސަސްޕެންޑްކޮށްފި
އެފްއޭ ކަޕަކީ އަބަދުވެސް އާސެނަލްގެ ޓާގެޓެއް: ވެންގާ