Roadha Mihaaru
ވެންގާ ހަތަރު މެޗަށް ސަސްޕެންޑްކޮށްފި

ވެންގާ ހަތަރު މެޗަށް ސަސްޕެންޑްކޮށްފި

28 ޖެނުއަރީ 2017

ލަންޑަން (ޖެނުއަރީ 28) - އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް އެ ޓީމުގެ ބެންޗަށް ނުދެވޭ ގޮތަށް ހަތަރު މެޗަށް ސަސްޕެންޑް ކުރަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 28) - އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް އެ ޓީމުގެ ބެންޗަށް ނުދެވޭ ގޮތަށް ހަތަރު މެޗަށް ސަސްޕެންޑް ކުރަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

ވެންގާ އަށް އަދަބުދިނީ މިދިޔަ ހަފްތާގައި ބާންލީ އަތުން އާސެނަލް މޮޅުވި މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. އެ މެޗުގެ ފަހު ވަގުތު ބާންލީ އަށް ރެފްރީ ޖޯން މޮސް ޕެނަލްޓީއެއް ދިނުމުން ވެންގާ ވަނީ އެ ކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި ވެންގާ ބެންޗުން ފޮނުވާލިއިރު، އޭނާ ވަނީ މެޗުގެ ހަތަރު ވަނަ އޮފިޝަލް އެންތަނީ ޓޭލާ ކޮށްޕާލައިފަ އެވެ.

މި މައްސަލަ ބެލުމަށް ފަހު އިނގިރޭސި އެފްއޭ އިން ނިންމީ ވެންގާ އަށް އެ ޓީމުގެ ބެންޗަށް ނާދެވޭ ގޮތަށް ހަތަރު މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 25،000 ޕައުންޑުން ޖޫރިމަނާ ކުރުމަށެވެ. ވެންގާ އަށް އަދަބު ދިނީ ހަތަރު ވަނަ އޮފިޝަލާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުގެ އިތުރުން އޭނާ ގައިގައި އަތްލުމުނެވެ.

އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެންގާ ވަނީ އޭނާގެ ހަރަކާތްތައް ހުރި ގޮތާ މެދު ކަންބޮޑުވާ ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް ބުނެފަ އެވެ.

ސަސްޕެންޝަންގެ ސަބަބުން ވެންގާ އަށް މިރޭ އެ ޓީމު ރަށުން ބޭރުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް މެޗާއި އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ އެވެ. ވެންގާ އަށް އެނބުރި ބެންޗަށް އާދެވޭނީ އަންނަ މަހު 11 ވަނަ ދުވަހު ހަލް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.

އާސެނަލާއި ސައުތެމްޓަން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.