Roadha Mihaaru
ދިރާގުގެ އާ ބަދަލު: "ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި"

ދިރާގުގެ އާ ބަދަލުން ދައްކައިދެނީ "ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި"

25 މެއި 2017

ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވާ ކުންފުންޏެއްކަން ދޭހަކޮށްދޭ ގޮތަށް ދިރާގުގެ ލޯގޯ އާއި ކުލަ ބަދަލުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވާ ކުންފުންޏެއްކަން ދޭހަކޮށްދޭ ގޮތަށް ދިރާގުގެ ލޯގޯ އާއި ކުލަ ބަދަލުކޮށްފި އެވެ.

ބާރަ އަހަރަށް ފަހު ދިރާގުން ވަނީ ކުންފުނީގެ ރަސްމީ ކުލައިގެ ގޮތުގައި ބޭނުންކުރި ރަތް ކުލައިގެ ބަދަލުގައި އޮރެންޖް ހިޔާރުކޮށް މުޅިން އާ ލޯގޯއެއް ތައާރަފްކޮށްފަ އެވެ. އާ ލޯގޯ އިން ދައްކައިދެނީ އަތްތިލައެއްގެ ތެރެއިން ސިމްޕަލް ޑީ އަކުރެކެވެ. އެ ކުންފުނިން އެންމެ ފަހުން ލޯގޯ އާއި ކުލަ ބަދަލުކޮށްފައި ވަނީ 2005 ވަނަ އަހަރު އެވެ.

"ޒަމާނީ ވިސްނުމާއި އުޖާލާ މުސްތަގުބަލަކާއި އެކުވެރިކަން ރަމްޒުކޮށްދޭ ގޮތަށް ދިރާގުގެ މިބްރޭންޑް ކަށަވަރުކޮށްދެނީ ދިރާގަކީ ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވާ ނުވަތަ ލައިފްސްޓައިލް ޑްރިވަން ޑިޖިޓަލް ސާވިސަސް ޕްރޮވައިޑަރެއްކަން،" އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

އެތައް އަހަރެއް ވަންދެން ބޭނުން ކުރަމުން އައި ލޯގޯ އާއި ކުލަ ބަދަލުކުރީ ރޭ އާޓް ގެލަރީގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި އެ ކުންފުނީގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.

ދިރާގުގެ އާ ބްރޭންޑް ތައާރަފްކުރުމަށް ރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ. ފޮޓޯ: ދިރާގު

ދިރާގުގެ އާ ބްރޭންޑް ތައާރަފްކުރުމަށް ރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ. ފޮޓޯ: ދިރާގު

ދިރާގުން ވަނީ ކުރިން ޝިއާރެއްގެ ގޮތުގައި ބޭނުންކުރަމުން އައި "ޓަޗް މޯލްޑިވްސް"ގެ ބަދަލުގައި "ޓޭކް އޮން ޓުމޯރޯ" ނުވަތަ "މުސްތަގުބަލަށް ފުރިހަމައަށް ތައްޔާރު" އަށް ބަދަލުކޮށްފަ އެވެ.

"މި ބްރޭންޑިންއަކީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެކު ދިރިއުޅުމަށް އަންނަ ކުރިއެރުންތަކަށް ދިރާގު ތައްޔާރަށް އޮތްކަން ސިގްނަލްކޮށްދޭ ބަދަލެއް. ދުވަހަކަށް ވުރެ ދުވަހެއް ޓެކްނޮލޮޖީ އަންނަނީ ދިވެހިންގެ އިޖްތިމާއި އަދި އިގްތިސާދީ ހަޔާތުގައި މުހިއްމު ދައުރެއް އަދާކުރަމުން. މުއާސަލާތު، ވިޔަފާރި މުނިފޫހި ފިލުވުން އަދި ތައުލީމަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމްގެ މައްޗަށް ބިނާވެފައިވާ ބައެއް ދާއިރާތަކެއް،" އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ މަގުސަދަކީ ކަސްޓަމަރުން ބާރުވެރިކޮށް ޑިޖިޓަލް މުސްތަގުބަލުގެ ބޭނުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

ދިރާގުގެ ދެ މުވައްޒަފަކު ހެޑް އޮފީހުގައި: ދިރާގުގެ ބްރޭންޑާއެކު މުވައްޒަފުންގެ ޔުނިފޯމް ވެސް ވަނީ ބަދަލުވެފައި.

ދިރާގުގެ ދެ މުވައްޒަފަކު ހެޑް އޮފީހުގައި: ދިރާގުގެ ބްރޭންޑާއެކު މުވައްޒަފުންގެ ޔުނިފޯމް ވެސް ވަނީ ބަދަލުވެފައި.

"މި ތައާރަފްކުރި އާ ބްރޭންޑްގެ މަގުސަދަކީ ގުޅުން ބަދަހިކުރުމާއި ބާރުވެރިކުރުމާއި އިނޮވޭޓްކުރުމަށް ހިތްވަރުދިނުން. ދިރާގަކީ ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްބާރުމިނެއްގައި ކުރިއަރަމުން އަންނަ ކުންފުންޏެއް،" އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ އެ ކުންފުންޏަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަގުބަލާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއްކަން އާ ބްރޭންޑުން ވެސް ކަށަވަރުކޮށްދޭ ކަމަށެވެ.