Roadha Mihaaru
ރައީސް ޔާމީނަށް 41 ޕަސެންޓު ވޯޓު ލިބުނު: ޕީޕީއެމް

ކައުންސިލް އިންތިހާބުން ރައީސް ޔާމީނަށް 41 ޕަސެންޓު ވޯޓު ލިބުނު: ޕީޕީއެމް

18 މެއި 2017

މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާއި ގުޅިފައިވާ ޕާޓީތަކަށް 41 ޕަސެންޓު ވޯޓު ލިބުނު ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާއި ގުޅިފައިވާ ޕާޓީތަކަށް 41 ޕަސެންޓު ވޯޓު ލިބުނު ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ނަމުގައި ލިބުނު ގޮނޑިތަކަށްވުރެ، އިދިކޮޅު ފަރާތްތަކަށް ލިބުނު ގޮނޑިތައް ގިނަ ކަމަށެވެ.

"ރާއްޖޭގެ ވޯޓުގެ ނިސްބަތުން ޕީޕީއެމަށް 41 ޕަސެންޓު ވޯޓު ލިބިފައި އެބައޮތް، އިދިކޮޅު ފަރާތްތަކަށް ލިބިފައި ވަނީ 45 ޕަސެންޓު ވޯޓު. ބާކީ 14 ޕަސެންޓު ވޯޓަކީ މިނިވަން ކެންޑިޑޭޓުން، މިނިވަން ކެންޑިޑޭޓުންނަށް ބަލައިފިނަމަ، ފެންނާނީ ސުޕަ މެޖޯރިޓީ އޮތީ ޕީޕީއެމަށް ތާއީދުކުރާ ޕާޓީގެ މެމްބަރުން،" އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އިންތިހާބުގައި ނުކުތް ނަތީޖާގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ކާމިޔާބީ ފާހަގަކުރާ ވަރު ނުވާ ކަމަށެވެ. ރައީސް ޔާމީން ރިޔާސީ އިންތިހާބަކާ ކުރިމަތިލެއްވީ ވަޒީރެއްގެ މަގާމު ފުރުއްވުމަށް ފަހު ކަމަށާއި އެ ފަހަރުގެ ފުރަތަމަ ބުރުގައި 25 ޕަސެންޓު ވޯޓު ހޯއްދެވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2018 ވަނަ އަހަރަކީ ރައީސް ޔާމީންގެ އަހަރަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"(އިންތިހާބުގައި) ރައީސް ޔާމީނަށް ވޯޓު ދެއްވި ސަބަބަކީ، ތިން އަހަރު ދުވަހު އެމަނިކުފާނުގެ ސިޔާސަތުތައް ސާބިތުވެގެން ހިނގައްޖެ، އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަންތައްތަކުގެ ނަތީޖާ ވަރަށް ރަނގަޅަށް ދައްކަމުންދާ ކަން ރައްޔިތުން ގަބޫލުކުރާ ކަމުގެ ހެއްކެއް ފެނިގެން މި ދަނީ،" އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަލީލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އިންތިހާބުގައި ކާމިޔާބު ކުރި މިނިވަން ގިނަ ކެންޑިޑޭޓުން ޕީޕީއެމަށް ސޮއި ކުރައްވާނެ އެވެ. އެ ގޮތުން މިފަހަރުގެ އިންތިހާބުގައި ތ.އޮމަދޫ ކައުންސިލަށް ކުރިމަތިލައްވައިގެން ކާމިޔާބު ކުރި މިނިވަން ކެންޑިޑޭޓަކު ޕީޕީއެމަށް ސޮއިކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ސްޕޯކްސްޕާސަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބެއްގައި ވޯޓުތައް ބެހޭ ގިނަ ގޮތްތަކެއް ހުންނަ ކަމަށެވެ. އެ ގޮތުން ޕާޓީ އާއި އާއިލީ ކަންކަމާއި ރައްޓެހިންނަށް ވޯޓުތައް ބެހިގެން ދާނެ ކަމަށް ވިދާޅުވި އެވެ. އަދި ޕީޕީއެމަށް މެޖޯރިޓީ ނުލިބުނަސް، ރައީސް ޔާމީން ހޯއްދެވީ ބޮޑު ޕަސެންޓެއް ކަމަށް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މުޅި ރާއްޖޭން 66 ޕަސެންޓް މީހުން ވޯޓު ލާން ނުކުތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް 655 ކައުންސިލަރުން އިންތިހާބު ކުރާއިރު، ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ. އެ ގޮތުން މާލެ އާއި އައްޑޫ އާއި ފުވައްމުލައް ސިޓީގެ ފުރިހަމަ ކޮންޓްރޯލް ނަގާފައި ވަނީ ވެސް އެ ޕާޓީންނެވެ.