Roadha Mihaaru
ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ޕްރައިމަރީ ބާއްވައިފި

ކައުންސިލް އިންތިހާބަށް ޓިކެޓް ދޭން ޕީޕީއެމްގެ ޕްރައިމަރީ ބާއްވައިފި

27 ޖެނުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މިއަދު ބާއްވައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މިއަދު ބާއްވައިފި އެވެ.

ޕީޕީއެމް އިން ކުރިން ބުނެފައި ވަނީ 64 ގޮނޑި އަށް ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށެވެ. މާލެ އާއި އަތޮޅުތަކުގައި ޕްރައިމަރީ އޮންނައިރު، މާލޭގައި ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު މެންދުރު 2:00 އިން ފެށިގެން ހަވީރު 6:00 އަށް ދަރުބާރުގޭގަ އެވެ. އަދި އޭގެ އިތުރުން ޕްރައިމަރީ ބާއްވަން ޖެހޭ ރަށްރަށުގަ ވެސް ވޯޓުލުން އޮތެވެ.

އެ ޕާޓީގެ އިންތިހާބީ ކޮމިޓީގެ ނައިބު މުގައްރިރު ޝަޒާއިލް ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލުމަށް ދަރުބާރުގޭގައި 17 ވޯޓު ފޮއްޓެއް ބަހައްޓާފައިވާ ކަމަށެވެ.

"އިންތިހާބު ބާއްވަން ޖެހޭ ކޮންމެ ރަށަކަށް ފޮއްޓެއް ބަހައްޓާފައި ވާނެ. މާދަމާ މ. މުލަކު ދާއިރާ އާއި މުލި ދާއިރާގެ ޕްރައިމަރީ އޮންނާނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިއަދުގެ ވޯޓުގެ ނަތީޖާ މިރޭ އިއުލާންކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޓިކެޓްގައި އަތޮޅު ކައުންސިލްގެ ދިހަ ދާއިރާއަކަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވާއިރު، ރަށު ކައުންސިލްތަކަށް ވާދަކުރާނެ ކެންޑިޑޭޓުން ވެސް ހޮވަން ވެސް މިއަދު ވޯޓުލާފައިވެ އެެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ކުރިން ވިދާޅުވެފައި ވަނީ ޕްރައިމަރީއާ ނުލައި 212 ދާއިރާ އަށް ކެންޑިޑޭޓުން ހޮވާފައިވާ ކަމަށެވެ. އެ ކެންޑިޑޭޓުންގެ ފޯމުތައް މި ހަފުތާގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

ޕްރައިމަރީ ނުބާއްވަނީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، ކައުންސިލްގައި ވާދަކުރަން ޖެހޭ އަދަދަށް ކުރިިމަތިލާފައި ތިބި ދާއިރާތަކާއި ކޯލިޝަން ކެންޑިޑޭޓުން ވާދަކުރާ ދާއިރާތަކުގެ އިތުރުން ކްރައިޓީރިއާގައި ކަނޑައަޅާފައިވާ އަދަދަށް މާކްސް ނުލިބުނު ދާއިރާތަކުގަ އެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި މިއަދު ދަރުބާރުގޭގައި ވޯޓުލުން ކުރިއަށް ދަނީ.

ޕީޕީއެމްގެ ޕްރައިމަރީގައި މިއަދު ދަރުބާރުގޭގައި ވޯޓުލުން ކުރިއަށް ދަނީ.

"އަޅުގަނޑުމެންނަށް ލިބިފައިވާ ފޯމުތަކަށް ބަލާއިރު 600 އަށް ވުރެ ގިނަ ކެންޑިޑޭޓުން އެބަތިބި،" ހަލީލް ވިދާޅުވެފައިވެ އެވެ.

މި މަހުގެ 14 ގައި ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ހަމަޖައްސާފައި ވަނިކޮށް، އެ އިންތިހާބު އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި، އިންތިހާބަށް ތައްޔާރު ނުވެވުމުންނެވެ. ޕީޕީއެމްގެ ތެރޭގައި މައްސަލަ ބޮޑުވީ ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ހިޔާލު ތަފާތުވެ، ޕާޓީ ދެ ބައި ވުމުންނެވެ.