Roadha Mihaaru
އަޅުގަނޑުގެ އަމިއްލަ ފައިދާ އަށް ކުރާ ކަމެއް ނޯންނާނެ

އަޅުގަނޑުގެ އަމިއްލަ ފައިދާ އަށް ކުރާ ކަމެއް ނޯންނާނެ: ރައީސް

05 މެއި 2017

އަމިއްލަ ފައިދާ އަށް ކުރައްވާ ކަމެއް ނޯންނާނެ ކަމަށާއި ހުރިހާ ކަމެއް ކުރައްވަނީ ގައުމުގެ ތަރައްގީ އަށް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަމިއްލަ ފައިދާ އަށް ކުރައްވާ ކަމެއް ނޯންނާނެ ކަމަށާއި ހުރިހާ ކަމެއް ކުރައްވަނީ ގައުމުގެ ތަރައްގީ އަށް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

"ޕީޕީއެމް ހޮވަމާ" ނަމުގައި ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިނަށް އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ތާއީދާއެކު ގައުމަށް ހިދުމަތް ކުރެއްވުމަށެވެ. އަދި ރާއްޖޭގައި އޮތް އިސްލާމް ދީން ދެމެހެއްޓުމަށާއި ގާނޫނުއަސާސީގެ ބާރުތައް ދަމަހައްޓަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މާލެ އަށް އައި ބައެއް ތަރައްގީތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓަކީ ގައުމާއި ދީނީ ކަންތައްތައް ދިފާއު ކުރަންދޭ ވޯޓެއް ކަމަށެވެ. އަދި އެ ދުވަހު ޕީޕީއެމްގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދީނީ ކަންކަމުގައި މަދުމަދުން ހިޔާލު ތަފާތުވިޔަސް، ދައުލަތުން އެކަމަށް ޖާގައެއް ނުދޭނެ އެވެ. އަދި އެހެން އެއްވެސް ދައުލަތަކާ ދޭތެރޭގައި ނެތް ވަރަށް މާތް ﷲ ގެ ދަރުމަ ރާއްޖެއާ ދޭތެރޭގައި އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެން ނޫންނަމަ، އިސްތިއުމާރީ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ރާއްޖެ ދިފާއުވުމުގެ ބާރެއް ނެތީސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓަކީ ސިޔާސީ ވޯޓެއް ނޫން ކަމަށާއި ކައުންސިލަރުންނަކީ ތަރައްގީ އަށް ހުރަސް އަޅަން ޖެހޭ ބައެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ކައުންސިލަރުންނަކީ ސަރުކާރާއެކު ތަރައްގީ އަށް މަސައްކަތް ކުރައްވަން ޖެހޭ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުނީގެ މައްސަލަ އާއި މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ސަރުކާރުން ހައްލު ކުރި ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޒިންމާދާރުކަމާއެކު މަސައްކަތް ކުރެއްވިނަމަ، މިހާރު އޮތް މާލެ ސިޓީ ކައުންސިލަށް ވެސް އެ ފަދަ މައްސަލަތައް ހައްލު ކުރެވުނީސް ކަމަށެވެ.

"އަޅުގަނޑު ވިއްކާނެ އެއްޗެއް ނެތް، އަޅުގަނޑު ނެތް ދައްކާނެ ވާހަކައެއް. މި އަންނަ ތަރައްގީ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ. ރައްޔިތުންގެ އިހްސާންތެރި ކަމެއް ހުރިނަމަ، އެއަށް މާކްސް ދެއްވާނެ،" ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭ ވެސް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރެވޭނެ އެއްވެސް ގޮތެއް މިވަގުތު ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ކުރާ ޝަރުތުތަކަކީ ގާނޫނީ ތަރަހައިގެ ތެރެއިން ކުރެވޭ ޝަރުތުތަކަށް ވާން ޖެހޭނެ ކަމަށާއި އެ ނޫން ނަމަ، ގާނޫނުތަކަށް ބަދަލު ގެނައުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނާ ހަމައަށް އަންނަން ވާނީ އުފުއްލެވޭ ވަރުގެ ބުރަތަކެވެ. ނަޝީދަށް 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތަށް އެމަނިކުފާނު މިނިވަންކުރަން ބޭނުންވާ ނަމަ، އިދިކޮޅު ސިޔާސީ ލީޑަރުން އެކަމަށް ވަކިވަކިން އެދިވަޑައިގަތުމުން އެކަމާ ބައެއް ލީޑަރުން ދެކޮޅު ހައްދަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގާނޫނުތައް އެއް ފަރާތަށް ޖައްސާފައި އެކަމެއް ނުކުރެވޭނެ،" ރައީސް ނަޝީދު މިނިވަން ކުރުމުގެ ފުރުސަތެއް ނެތް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރައްޔިތުން ވަކިވަކިން އާދޭސް ނުކުރިޔަސް، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ، އިންސާފުން އަމަލުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ. ވަކި ބޭފުޅަކު މިނިވަން ކުރުމަށް ނުވަތަ ބަދަލު ހިފުމުގެ ރޫހުގައި ވަކި ބޭފުޅަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހުއްޓުމަކަށް ގެނެއުމަށް އެދި ވަކިފަރާތަކަށް ސިޓީ ލިޔަން ޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.