Roadha Mihaaru
މޯލްޑިވިއަން އައިޑޮލް 2ގެ ފިނާލޭ މިރޭ

މޯލްޑިވިއަން އައިޑޮލް 2ގެ ފިނާލޭ މިރޭ

13 މެއި 2017

ރޭގެ ފޯރިގަދަ އަދި ވާދަވެރި ހުށަހެޅުންތަކަށް ފަހު މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ފިނާލޭ މިރޭ އޮންނާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޭގެ ފޯރިގަދަ އަދި ވާދަވެރި ހުށަހެޅުންތަކަށް ފަހު މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ފިނާލޭ މިރޭ އޮންނާނެ އެވެ.

ސަޕޯޓްކުރާ ލަވަކިޔުންތެރިޔާ އަށް ޓައިޓްލް ހާސިލްކޮށް ދޭން އަވަހަށް އެސްއެމްއެސް އިން ވޯޓް ދިނުމުގެ ފުރުސަތު މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ނަތީޖާ ނުކުމެގެން އަންނާނީ ބެލުންތެރިންގެ 50 ޕަސެންޓާއި ޖަޖުންގެ 50 ޕަސަންޓާ އެކުގަ އެވެ.

މޯލްޑިވިއަން އައިޑޮލް ދޭއްގެ ފިނާލޭ އަށް ވާދަކުރަނީ ހަމޫދު އަހުމަދާއި އަހުމަދު ތަސްނީމް (ބޮބް) ގެ އިތުރުން ޝަމްވީލް މުހައްމަދު (ބަރޯ) އެވެ.

ރޭގެ ޕްރި ފިނާލޭ ޝޯގައި އެ ތިން ބައިވެރިން ވެސް ވަނީ ވަރަށް ފޯރިގަދަ އަދި ވަރަށް ވާދަވެރި ހުށަހެޅުންތަކެއް ގެނެސް ދީފަ އެވެ. ކޮންމެ ބައިވެރިއަކު ރޭ ދެ ލަވަ ހުށަހަޅައި ދިނެވެ.

ތިން ޖަޖުން ކަމަށްވާ އިބްރާހީމް ޒައީދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އުނޫޝާ (ކިޑީ) ގެ އިތުރުން އިސްމާއިލް އައްފާން ވެސް ރޭ ބުނި ގޮތުގައި ފިނާލޭ އަށް ދިޔަ ތިން ބައިވެރިންނަކީ ހަމަ އެ ހިސާބަށް ދާން އެންމެ ހައްގު ތިން ހައްގު ބައިވެރިންނެވެ.

ޖަޖުން ވަނީ ހަމޫދާއި ބޮބް އަދި ބަރޯގެ ރޭގެ ހުށަހެޅުންތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

ރޭގެ ޝޯ ނިންމާލަމުން ކުޑަ އިއްބެ ބުނީ މިއުޒިކީ ދާއިރާއިން ކުރިއަށްދާ އިރު، މި ދާއިރާގައި މިހާރު ތިބި މީހުންނަށް އައިޑޮލް އިން ނިކުންނަ ޒުވާނުން އަބަދުވެސް ވަރަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް ދާން ވާނީ އެންމެންގެ ލޯތްބާއި އިހުތިރާމް ވެސް ހޯދައިގެން ކަމަށް ބުންޏެވެ.

ކިޑީ ބުނީ ކިތަންމެ މައްޗަށް ދެވުނު ނަމަވެސް، ބިންގާ އަޅައި ދިން މީހުންގެ މަތިން އައިޑޮލްގެ ބައިވެރިން އަބަދުވެސް ހަނދާންކޮށް، އެކަމަށް ޝުކުރުވެރި ވާން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އައިޑޮލް ދޭއް، މި ޝޯގެ އެކަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު ކަމަށެވެ.

މޯލްޑިވިއަން އައިޑޮލް ދޭއްހެ ގަދަ ތިނެއް ޝޯގެ ދެ ހޯސްޓުންނާ އެކު.

މޯލްޑިވިއަން އައިޑޮލް ދޭއްހެ ގަދަ ތިނެއް ޝޯގެ ދެ ހޯސްޓުންނާ އެކު.

އައްފާން ވެސް ފާހަގަކުރި ގޮތުގައި އައިޑޮލްގެ ސްޓޭޖުން ލިބުނު މަޝްހޫރުކަން، ބައިވެރިން ބޭނުންކުރަން ޖެހޭނީ ހެޔޮ ގޮތުގަ އެވެ. އަދި އަބަދުވެސް އަހުލާގު ހިފަހައްޓަން ޖެހޭނެ ކަމަށާއި ފުރިހަމަ ތަރިއަކަށް ވެވޭނީ، ހިތްވަރާ އެކު މަސައްކަތްކޮށްގެން ކަމަށް ބުންޏެވެ.

މިދިޔަ އަހަރު ޝޯގެ ފުރަތަމަ ސީޒަން ކާމިޔާބުކުރީ ލައިޝާ ޖުނައިދެވެ.