Roadha Mihaaru
ދެ ވަނަ މޯލްޑިވިއަން އައިޑޮލްއަކަށް ވާނީ ކާކު؟

ދެ ވަނަ މޯލްޑިވިއަން އައިޑޮލްއަކަށް ވާނީ ކާކު؟

12 މެއި 2017

މާދަމާ ރެޔަކީ މި ފަހަރުގެ އައިޑޮލްގެ ބޮޑު ރެ އެވެ. މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަން ކާމިޔާބުކުރާނެ ލަވަ ކިޔުންތެރިއަކު އެނގޭނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާދަމާ ރެޔަކީ މި ފަހަރުގެ އައިޑޮލްގެ ބޮޑު ރެ އެވެ. މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަން ކާމިޔާބުކުރާނެ ލަވަ ކިޔުންތެރިއަކު އެނގޭނެ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބޭއްވި އޮޑިޝަންތަކާ އެކު މޯލްޑިވިއަން އައިޑޮލް ފެށިގެން އައީ 16 ބައިވެރިންނާ އެކުގަ އެވެ. މި ޝޯގެ އަސްލު ފެށުމާ ހަމައަށް ނުވަތަ ގާލާ ރައުންޑާ ހަމައަށް ދިޔައީ 12 ލަވަ ކިޔުންތެރިންނާ އެކު އެވެ.

މި ދަތުރުގައި ކޮންމެ ހަފުތާ އަކު ވެސް ބައިވެރިން ކަޓަމުން ގޮސް މިހާރު ތިބީ ޝޯގެ ގަދަ ތިން ބައިވެރިންނެވެ. މިއީ ފިނާލޭގެ ގަދަ ތިނެކެވެ.

ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް، ކޮންމެ ބައިވެރިއަކު ވެސް އައިޑޮލްގެ ސްޓޭޖް ދޫކޮށްފައި ދާނީ ފަހުރުވެރި ވަނައަކާ އެކުގަ އެވެ.

ގަދަ ތިނަކަށް ވާދަކުރާ ބައިވެރިންނަކީ ހަމޫދު އަހުމަދާއި ޝަމްވީލް މުހައްމަދު (ބަރޯ) ގެ އިތުރުން އަހުމަދު ތަސްނީމް (ބޮބް) އެވެ. މި ތިން ބައިވެރިންނަށް މި ހިސާބަށް އާދެވުނީ އައިޑޮލްގެ ތިން ޖަޖުންގެ 50 ޕަސެންޓް މާކުހާއި ބެލުންތެރިންގެ 50 ޕަސެންޓް ވޯޓާ އެކުގަ އެވެ.

މި ރޭ ޕްރި ފިނާލޭ ޝޯގައި ތިން ބައިވެރިން ވެސް އެ މީހުންގެ ހުނަރު އިތުރަށް ދައްކައިލާނެ އެވެ. އެއީ ނަތީޖާ އަށް ބަރޯސާވާނެ ޕަފޮމަންސްތަކަކަށް ވާނެ އެވެ. ހޮނިހިރު ދުވަހުރޭ ގަދަ ތިނެއް ތަރުތީބުވެގެން އަންނާނީ މިރޭ ގެ ޝޯ އަށް ފަހު، ނިކުންނަ ނަތީޖާއާ އެކުގަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް މި ފަހަރު ގެންދާނީ ކާކުހެއްޔެވެ؟

އައިޑޮލްހެ ފިނާލޭ ކައިރިވަމުން އަންނަ އިރު، މި ޝޯ ބަލާ މީހުން މިހާރު ވެސް އަންނަނީ ވަރަށް ހޫނުކޮށް ބަހުސް ކުރަމުންނެވެ. ސޯޝަލް މީޑީގައި ފޯރި ވަރަށް ގަދަ އެވެ.

ގިނަ މީހުންގެ ވާހަކަތަކަށް ބަލާ އިރު، އައިޑޮލްގެ ޓައިޓްލް އަށް އެންމެ ވަރުގަދަ އަށް ގާތުން ވާދަކުރާނެ ކަމަށް ބެލެވެނީ ހަމޫދާއި ބޮބް އެވެ. ބަރޯގެ ނަން އަންނަނީ އެ ދެ މީހުންގެ ފަހަތަށެވެ.

މި ތިން ބައިވެރިން މިހާތަނަށް އައިޑޮލްގައި ދައްކާލި ހުނަރަށް ބަލާ އިރު، މާލެ އަށް ނިސްބަތްވާ ހަމޫދް، 21، އަކީ ވަރަށް ވަރުގަދަ ހުށަހެޅުންތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ލަވަ ކިޔުންތެރިއެކެވެ.

ޝޯގެ ފުރަތަކޮޅު އޭނާ ވަރަށް ފަނޑުކޮށް ފެނުނު ނަމަވެސް، ގަދަ ފަހަކާ ހަމައަށް އައި އިރު، ހަމޫދް ވަނީ އޭނާގެ ވަރުގަދަކަން އިތުރަށް ދައްކާލައި، ޝޯގެ ތިން ޖަޖުން ކަމަށްވާ މަރިޔަމް އުނޫޝާ (ކިޑީ) އާއި އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ގެ އިތުރުން އިސްމާއީލް އައްފާން ވެސް ހައިރާންކޮށްލައިފަ އެވެ.

އެ ތިން ޖަޖުން ވެސް ފާހަގަކޮށްފައިވާ ގޮތުގައި ހަމޫދަކީ މިހާރު ތިބި ބައިވެރިންނަށް ބަލާ އިރު، ކުއްލިއަކަށް އެންމެ ބޮޑު ކުރިއެރުމެއް ދައްކައިލި ލަވަ ކިޔުންތެރިޔާ އެވެ. އަނެއްކޮޅުން އޭނާ ވަނީ ކޮންމެ ކަހަލަ ޖޯންރާއެއްގެ ލަވައެއް ވެސް ކިޔޭނެކަން ސާބިތުކޮށް ދީފަ އެވެ. އެހެންވެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ މި ފަހަރުގެ ޓައިޓްލް އުފުލައިލުން ވަރަށް ގާތެވެ.

ދެން އޮތީ ކ. މާފުއްޓަށް އުފަން ބޮބް، 20، ގެ ވާހަކަ އެވެ. ބޮބަކީ ވަރަށް ސްޓައިލްގައި އަބަދުވެސް ލަވަ ކިޔާ މީހެކެވެ. ހަމޫދެކޭ އެއްގޮތަށް ބޮބަކީ ވެސް ވަރަށް ތަފާތު ވައްތަރުގެ ލަވަތައް ޝޯގެ ތެރޭގައި އިއްވާލަ ދިން ބައިވެރިއެކެވެ. ހަމައެއާ އެކު އޭނާގެ އަޑު ވަރަށް ވަރުގަދަ އެވެ.

އައިޑޮލްގެ ގަދަ ތިނެއް ކަށަވަރުވެގެން ދިޔަ އިރު، ގިނަ ބަޔަކު އެންމެ ބޮޑަށް ސުވާލު އުފެއްދި ބައިވެރިޔަކީ ބަރޯ އެވެ. މާލެ އަށް ނިސްބަތްވާ 24 އަހަރުގެ މި ލަވަ ކިޔުންތެރިޔާއަކީ ހަމަ ހަގީގަތުގައި ވެސް ފިނާލޭއާ ހަމައަށް ދާން ހެޔޮވަރުގެ ލަވަ ކިޔުންތެރިއެއްތޯ ބައެއް މީހުން ސުވާލު އުފެއްދި އެވެ. އެކަމަކު އެ ވާހަކަ އަށް ދިއުމުގެ މާ ބޮޑު ބޭނުމެއް ނެތެވެ. ނަތީޖާ ނެރުނީ ޖަޖުންނާއި އާންމުންގެ ވޯޓާ އެކުގަ އެވެ.

ބަރޯއަކީ ޝޯ ފެށުނު ހިސާބުން ވެސް އެއް ވަރެއްގައި ހިފަހައްޓާލި ލަވަ ކިޔުންތެރިއެކެވެ.

ވާ ގޮތެއް ބަލަން މާދަމާ ރެއާ ހަމައަށް މަޑުކޮށްލަމާ ހިނގާށެވެ. ބައެއް މީހުން ލަފާކުރި ގޮތަށް ނަތީޖާ އައުމަކީ ވެސް ވެދާނެ ގޮތެކެވެ.