Roadha Mihaaru
އައްފާންގެ އެނބުރި އައުން ސަޕްރައިޒަކަށް ނުވި

އައްފާންގެ އެނބުރި އައުން ސަޕްރައިޒަކަށް ނުވި

22 އެޕްރީލް 2017

މޯލްޑިވިއަން އައިޑޮލްގެ މި ސީޒަންގެ އެއް ޖަޖު ކަމަށްވާ އިސްމާއިލް އައްފާން މިދިޔަ ހަފުތާގެ ހުކުރު ދުވަހު ރޭ، ބައިވެރިންގެ ފެންވަރު މާ ދަށް ކަމަށް ބުނެ ޝޯ ދޫކޮށް ދިއުމަށް ފަހު މިރޭ ވަނީ އެނބުރި އައިސްފަ އެވެ. އެކަމަކު އެއީ ބޮޑު ސަޕްރައިޒަކަށް ނުވި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޯލްޑިވިއަން އައިޑޮލްގެ މި ސީޒަންގެ އެއް ޖަޖު ކަމަށްވާ އިސްމާއިލް އައްފާން މިދިޔަ ހަފުތާގެ ހުކުރު ދުވަހު ރޭ، ބައިވެރިންގެ ފެންވަރު މާ ދަށް ކަމަށް ބުނެ ޝޯ ދޫކޮށް ދިއުމަށް ފަހު މިރޭ ވަނީ އެނބުރި އައިސްފަ އެވެ. އެކަމަކު އެއީ ބޮޑު ސަޕްރައިޒަކަށް ނުވި އެވެ.

އައްފާން ޝޯއިން ދިއުމަށް ފަހު، އޭނާގެ ގޮނޑިއަށް ކުރީގެ ޖަޖު އަހްމަދު އިބްރާހިމް (އައްމަޑޭ) ގެނައުމަކީ ޝޯއަށް ސަމާލުކަން ހޯދަން ކުރި ކަމެއްގެ ގޮތުގައި ބެލެވުނަސް އައްފާން ޝޯ އިން ނިކުމެގެން ދަމުން ދެއްކި ވާހަކަތަކަށް ތާއީދުކުރި މީހުން ގިނަ އެވެ.

އައްފާން މިރޭ ބުނީ އެ ރޭ ޝޯ ދޫކޮށްފައި ދިޔައީ އެހެން ޖަޖުން ދެކެ ހިތްހަމަނުޖެހިގެން ނޫން ކަމަށެވެ. އޭނާ ބުނީ މިހާރު އައިޑޮލްގައި ތިބީ ލަވަ ކިޔުމުގެ ގާބިލްކަން ހުރި މީހުން ކަމަށް ވިޔަސް، އުންމީދު ކުރި ވަރުގެ ކުރިއެރުންތަކެއް އެ ރޭ ނުފެނުމުން ހިތްހަމަނުޖެހުނީ ކަމަށެވެ.

އެހެންވެ ބުނަން ހުރި އެއްޗެހި ގިނަކަމުން އަމަލުން ހިތްހަމަނުޖެހުނު ދައްކައިލީ ކަމަށް އައްފާން ބުންޏެވެ.

ހަމޫދު ރޭ ލަވައެއް ކިޔަނީ: އެންމެ ބޮޑު ކުރިއެރުމެއް ފެންނަނީ އޭނަގެ ފަރާތުން.

އެއްބަޔަކު މާކުރިން ވެސް ތިބީ މޯލްޑިވިއަން އައިޑޮލްގައި "ސްޓަންޓެއް" ޖެއްސީ ކަމަށް ނިންމައިގެންނެވެ. މިރޭ އައްފާން އަންނާނެ ކަމަށް ބަލައިގެންނެވެ. މިހާރު ކުރިއަށްދާ ސީޒަން 2 އާ އަލަށް ޖަޖެއްގެ ގޮތުގައި ގުޅުނު އައްފާނާ އެކު، ޖަޖިން ޕެނަލުގައި ތިބެނީ ސީޒަން އެކެއްގައި ވެސް ޖަޖްކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އެވެ.

ބޮބް ރޭ ލަވައެއް ކިޔަނީ.

އައްފާން އެނބުރި އައީ ބައިވެރިންނަށް ޗެލެންޖެއް ވެސް ދެމުންނެވެ.

އެގޮތުން ޝޯ ދެ ތީމަކަށް ބަހަލާލައިގެން ފަސް ބައިވެރިންގެ ތެރެއިން ކޮންމެ ބައިވެރިއަކު ދެ ލަވަ ހުށަހެޅި އިރު، ފުރަތަމަ ކިޔާފައި ވަނީ، އައްފާންގެ ކޯޗްކަމުގެ ދަށުން، އޭނާ ހޮވައި ދިން ލަވަތަކެވެ. "އައްފާން ސްޕެޝަލް" ގެ ގޮތުގައި ބައިވެރިން ވަރަށް ރީތި ލަވަތަކެއް ހުށަހަަޅައި ދިނެވެ.

ދެވަނަ ތީމެއްގެ ގޮތުގައި އޮތީ އެކޯސްޓިކް ލަވަތަކެވެ. އެ ތީމްގެ ދަށުން ވެސް ފަސް ބައިވެރިން ވަނީ ވަރަށް ފުރިހަމަ ލަވަތަކެއް ހުށަހަޅައި ދީގެން، ތިން ޖަޖުން ވެސް އުފާކޮށްދިނެވެ.

މާދަމާ ރެޔަކީ އަނެއްކާވެސް ބައިވެރިއަކު ވަކިވާނެ ރެއެކެވެ. ޝޯ ނިމޭނީ ބައިވެރިންގެ އަދަދު ހަތަރަކަށް ތިރިކޮށްފަ އެވެ.

މޯލްޑިވިއަން އައިޑޮލް ދޭއްގެ ގަދަ ފަސް ބައިވެރިން.

މޯލްޑިވިއަން އައިޑޮލް ދޭއްގެ ގަދަ ފަސް ބައިވެރިން.

މޯލްޑިވިއަން އައިޑޮލް 2 ގެ ގަދަ ފަހެއް:

1. މުހައްމަދު ތަސްނީމް (ބޮބް) 2. އިބްރާހީމް ވަހީދު (ބޮޑުބެ) 3. ޝަމްވީލް މުހައްމަދު (ބޮރޯ) 4. ހަމޫދު އަހުމަދު (އަލްވިން) 5. އަބްދުﷲ ހިޝާން

މި ފަސް ބައިވެރިންނަށް ވޯޓް ދިނުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަށް އާންމުންނަށް ހުޅުވުފައި އޮންނާނެ އެވެ. ނަތީޖާ ނެރޭނީ އާންމުންގެ 50 ޕަސަންޓް ވޯޓާއި ޖަޖުންގެ 50 ޕަސަންޓާ އެކުގަ އެވެ.