Roadha Mihaaru
އައިޑޮލް އިން މިރޭ ކަޓާނީ ކޮން ބައެއް؟

މޯލްޑިވިއަން އައިޑޮލް އިން މިރޭ ކަޓާނީ ކޮން ބައެއް؟

29 އެޕްރީލް 2017

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއް މިހާރު އޮތީ މުހިންމު ހިސާބަކަށް އައިސްފަ އެވެ. މިރޭގެ ޝޯ ވަކިން ހާއްސަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއް މިހާރު އޮތީ މުހިންމު ހިސާބަކަށް އައިސްފަ އެވެ. މިރޭގެ ޝޯ ވަކިން ހާއްސަ އެވެ.

މި ސީޒަންގެ ގަދަ ތިނެއް މިރޭ ޔަގީންވާނެ އެވެ. އޭގެ މާނައަކީ ދެ ބައިވެރިއަކު މިރޭ އައިޑޮލްގެ ސްޓޭޖް ދޫކޮށްލައިފައި ދާން ޖެހޭނެ އެވެ.

އައިޑޮލްގައި މިހާރު ތިބި ގަދަ ފަސް ބައިވެރިންގެ ތެރޭގައި ވަކި މީހަކަށް ދޫކުރާނެ މީހަކު ނެތެވެ.

މޯލްޑިވިއަން އައިޑޮލް 2 ގަދަ ފަހެއް:

1. މުހައްމަދު ތަސްނީމް (ބޮބް) 2. އިބްރާހީމް ވަހީދު (ބޮޑުބެ) 3. ޝަމްވީލް މުހައްމަދު (ބޮރޯ) 4. ހަމޫދު އަހުމަދު (އަލްވިން) 5. އަބްދުﷲ ހިޝާން

ނަމަވެސް މި ފަސް ބައިވެެރިންނަށް ވޯޓް ދީގެން ނަތީޖާ އަނބުރާލުމުގައި ޝޯ ބަލާ މީހުންގެ ހިއްސާ ވެސް ބޮޑެވެ.

ރޭގެ ޝޯގައި ބޮބް ލަވައެއް ކިޔަނީ: މިއީ ރޭ ޖަޖުންނަށް އެންމެ ކަމުދިޔަ އެއް ލަވަ.

މުބާރާތުގެ ގަދަ ތިނެއް މިރޭ ކަށަވަރުވެގެންދާ އިރު، އެ ތިން ބައިވެރިން ކަނޑައެޅިގެން ދާނީ ބައިވެރިންނަށް ބެލުންތެރިން ދޭ ވޯޓާ އެކު ނިކުންނަ ނަތީޖާއާ ވެސް އެކުގަ އެވެ. ވޯޓް ދިނުމުގެ ފުރުސަތު މިއަދު މެންދުރު ފަހު 3:00 ހަމައަށް އޮންނާނެ އެވެ.

ދެން އެންމެ ހާއްސަ ކަމަކަށް އޮންނާނީ މި ޝޯގެ ފިނާލޭ އެވެ. އެ ރެއަކުން މުބާރާތުގެ ޓައިޓްލް ގެންދާނެ ބައިވެރިއަކު ލަފާކޮށްލަން ފަސޭހަވަނާ އެވެ.

ޓީވީއެމުން ހަފުތާ ބަންދުގައި ގެނެސްދޭ އައިޑޮލްގެ ރޭގެ ޝޯގައި ފަސް ބައިވެރިން ވަނީ ޖުމްލަ 10 ލަވަ ހުށަހަޅައި ދީފަ އެވެ. އެއީ ކޮންމެ ބައިވެރިއަކަށް ދެ ލަވަ ކިޔައިގެންނެވެ.

މޯލްޑިވިއަން އައިޑޮލް 2 ގެ ރޭގެ ޝޯގައި ބައިވެރިވި ހާއްސަ ޖަޖް ރިއްޓެ.

މޯލްޑިވިއަން އައިޑޮލް 2 ގެ ރޭގެ ޝޯގައި ބައިވެރިވި ހާއްސަ ޖަޖް ރިއްޓެ.

ރާއްޖޭގެ ޒުވާން ލަވަ ކިޔުންތެރިއެއް ކަމަށްވާ ރިޝްވާ އައިމަން (ރިއްޓެ) ހާއްސަ ޖަޖެއްގެ ގޮތުގައި ބައިވެރިވި ރޭގެ ޝޯ ކުރިއަށް ގެންދިޔައީ ދެ ތީމަކަށެވެ.

އެއީ ލޯބީގެ ލަވަތަކާއި ބައިވެރިންގެ ހަނދާނުން ނައްތާލަން ދަތި، އެންމެ ގަޔާވާ ލަވަތަކަށެވެ.

ޝޯގެ ތިން ޖަޖުން ކަމަށްވާ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އުނޫޝާ (ކިޑީ) އަދި އިސްމާއީލް އައްފާން ރޭ ބައިވެރިންގެ ހުށަހެޅުންތަކަށް ދިން ކޮމެންޓްތަކަށް ބަލާ އިރު، ގަދަ ފަސް ބައިވެރިން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިކަން ފާހަގަކުރި އެވެ.

ހާއްސަކޮށް ރޭގެ ޝޯގައި ހުރިހާ ބައިވެރިންގެ ވެސް ހުށަހެޅުންތައް ރީތިކަން ފާހަގަ ކުރި އެވެ.

މޯލްޑިވިއަން އައިޑޮލް 2 ގެ ތިން ޖަޖުން.

މޯލްޑިވިއަން އައިޑޮލް 2 ގެ ތިން ޖަޖުން.

އޭގެ މާނައަކީ މިރޭ ގަދަ ތިނެއް ކަނޑައެޅިގެންދާ އިރު، ނަތީޖާ ނެރުމުގައި ޖަޖުންނަށް ވެސް އެހާ ލުއި ނުވާނެ ކަމެވެ. ނަތީޖާގައި ޖަޖުންގެ 50 ޕަސަންޓް ހިއްސާ އޮވެ އެވެ.