Roadha Mihaaru
ކުރީގެ މެޗުތަކުން ކުރާނެ ފައިދާއެއް ނެތް: ޒިދާން

ކުރީގެ މެޗުތަކުން ކުރާނެ ފައިދާއެއް ނެތް: ޒިދާން

02 މެއި 2017

މެޑްރިޑް (މެއި 2) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނައިރު ތާރީހު ރެއާލް މެޑްރިޑް ކޮޅަށް ބުރަވި ނަމަވެސް އޭގެން ކުރާނެ ފައިދާއެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (މެއި 2) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނައިރު ތާރީހު ރެއާލް މެޑްރިޑް ކޮޅަށް ބުރަވި ނަމަވެސް އޭގެން ކުރާނެ ފައިދާއެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ޒިދާން ރެއާލްގެ ކޯޗުކަމާ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ހަވާލުވުމަށް ފަހު ވަނީ އެ ޓީމަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދައިދީފަ އެވެ. އެ ފަހަރު ފައިނަލުގައި މޮޅުވީ އެތުލެޓިކޯ އަތުންނެވެ. ރެއާލްގެ ކޯޗުކަމާ ޒިދާން ހަވާލުވި ފަހުން ރެއާލް ދަނޑުގައި އެތުލެޓިކޯ އަށް ހޯދިފައިވަނީ އެންމެ މޮޅެކެވެ.

"މާޒީގައި ވެފައި އޮތް ކަމަކުން މި މެޗަށް ކުރާނެ އަސަރެއް ނެތް. ވިސްނަންވީ މިއީ މުޅިން އާ މެޗެއްގެ ގޮތުގައި އަދި ހާއްސަކޮށް މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއް. ކޮންމެ ޓީމަކީ ވެސް ކޮންމެވެސް ގޮތަކުން ފޭވަރިޓެއް،" މިރޭގެ މެޗު ކުރިން ޒިދާން ބުންޏެވެ.

އޭނާ ބުނީ އެތުލެޓިކޯ އަކީ އަބަދުވެސް ދެކޮޅަށް ކުޅެން އުނދަގޫ ޓީމެއް ކަމަށެވެ.

"އެތުލެޓިކޯގެ ހިތްވަރަކީ ޓީމެއްގެ ގޮތުގައި ދުލެއް ނުދީ އެ ކުރާ ހިތްވަރު. އެތުލެޓިކޯގެ ކޮންމެ ކުޅުންތެރިއެއް ވެސް ޓީމަށްޓަކައި ދަނޑުމަތީގައި އެންމެ ފަހު ވަގުތާ ހަމައަށް ހިތްވަރުކުރޭ. މިއީ އަހަންނަށް އެތުލެޓިކޯ ވަރަށް ކަމުދާ ސަބަބެއް،" ޒިދާން ބުންޏެވެ.

މިރޭގެ މެޗަށް ރެއާލުން ނުކުންނާނީ އަނިޔާގެ ސަބަބުން ގަރެތު ބޭލް ނުލަ އެވެ. ރެއާލަށް ވުރެ ބޮޑަށް އަނިޔާގެ މައްސަލަ ދިމާވެފައިވަނީ އެތުލެޓިކޯ އަށެވެ. އަނިޔާގެ ސަބަބުން އެތުލެޓިކޯގެ ހުއާންފްރަން، ހޯސޭ ގިމެނޭޒް، ސިމޯ ވިސާލްކޯ އަދި ޔަނިކް ކަރަސްކޯ އަށް މިރޭ ނުކުޅެވޭނެ އެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ކޮންމެ ޓީމެއް ނެރުނު ނަމަވެސް ޓާގެޓަކީ މޮޅެއް ކަމަށެވެ.

"މި ޓީމުގެ ކުޅުންތެރިންނަށް ތައުރީފް ކުރުމުގައި އަހަރެން ވަރުބައްޔެއް ނުވާނެ. މިއީ ވަރަށް ހިތްވަރުގަދަ ކުޅުންތެރިން ހިމެނޭ ޓީމެއް. އެތުލެޓިކޯ އަށް އަނިޔާގެ މައްސަލަ ދިމާވެފައިވީ ނަމަވެސް ކޮންމެ ޓީމެއް ނެރެގެން ވެސް އަހަރެމެން ޓާގެޓްކުރާނީ މޮޅަކަށް،" ސިމިއޯނީ ބުންޏެވެ.

އޭނާ ބުނީ މިއީ މިދިޔަ އަހަރުގެ ފައިނަލާއި 2014 ވަނަ އަހަރުގެ ފައިނަލުގައި ރެއާލް އަތުން ބަލިވި މެޗުތަކާ މުޅިން ތަފާތު މެޗެއް ކަމަށާއި ބަދަލު ހިފުމުގެ ރޫހަކަށް ވުރެ ބޮޑަށް އެ ޓީމުގެ އަމާޒަކީ މޮޅެއް ކަމަށެވެ.

ރެއާލާއި އެތުލެޓިކޯ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.