Roadha Mihaaru
ހަމައެކަނި ނިދައިގެން ކެލޮރީޒް އަންދާ ޖިމް ކްލާހެއް

ހަމައެކަނި ނިދައިގެން ކެލޮރީޒް އަންދާ ޖިމް ކްލާހެއް

02 މެއި 2017

ޖިމަށް ދިއުމަކީ ބޮޑު ކަމަކަށް ވޭ ހެއްޔެވެ؟ ކަސްރަތު ކުރުމަކީ ކުރާހިތްވާ ކަމަކަށް ނުވިޔަސް ބަރުދަން ލުއިކުރަން ކޮންމެހެން ވެސް ކަސްރަތުކުރަން މަޖުބޫރުވެގެން އުޅެން ހެއްޔެވެ؟

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ޖިމަށް ދިއުމަކީ ބޮޑު ކަމަކަށް ވޭ ހެއްޔެވެ؟ ކަސްރަތު ކުރުމަކީ ކުރާހިތްވާ ކަމަކަށް ނުވިޔަސް ބަރުދަން ލުއިކުރަން ކޮންމެހެން ވެސް ކަސްރަތުކުރަން މަޖުބޫރުވެގެން އުޅެން ހެއްޔެވެ؟

މިފަދަ މީހުންނަށް ވަރަށް ރަނގަޅު ޖިމް ކްލާހެއް އިނގިރޭސި ވިލާތުގައި ހުޅުވައިފި އެވެ.

ޑޭވިޑް ލޮއިޑް ޖިމްސްގެ ބްރާންޗުތައް ޔޫކޭގެ އެކި ހިސާބުތަކުގައި މިހާރު ވަނީ ހުޅުވައިފަ އެވެ. ނަމަވެސް "ނެޕާސައިޒް" ކިޔާ މި ކްލާސް ފެށީ ދާދި މިދާކަށް ދުވަހު އެވެ. މެންދުރުފަހު އޮންނަ މި ކްލާހަށް ދާ މީހުންނަށް ކުރަން ޖެހޭ ހަމަ އެކަނި ކަމަކީ 45 މިނިޓް ވަންދެން ނިދުމެވެ.

މި ޖިމް ހުންނަ ސްޓޫޑިއޯއަށް ޒިޔާރަތްކުރާ އެއްވެސް މީހަކަށް، އާއްމުކޮށް ޖިމްތަކުން ފެންނަ ކަހަލަ ޓްރެޑިމިލް އާއި ސްޕިން-ބައިކްސް ފަދަ އެއްޗެއް ނުފެންނާނެ އެވެ. މިތަނުން ފެންނާނީ ވަރަށް އަރާމުކޮށް ތައްޔާރުކޮށްފައިވާ ސިންގަލް އެނދުތަކެކެވެ.

ކަސްރަތުކުރަން ޖަހާ ބާރުގަދަ މިއުޒިކެއް ވެސް މިތަނަކުން ނީވޭނެ އެވެ. އޭގެ ބަދަލުގައި އިވޭނީ އެންމެ ހިތްގައިމުކޮށް ނިދާލެވޭ ކަހަލަ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ ލުއި މިއުޒިކެވެ.

ހަމައެކަނި މިގޮތަށް ނިދައިގެން ވެސް ކެލޮރީޒް އަނދަ އެވެ. އެހެންކަމުން މިއީ މަކަރަކަށް ވެސް ނުވެ އެވެ. އަދި ސްޓޫޑިއޯގެ ފިނިހޫނުމިން ވެސް ދަށްކޮށްފައިވާ މިންވަރުން އިތުރަށް ކެލޮރީޒް އެނދުމަށް މަގު ފަހިވެ އެވެ.

ހަމައެކަނި ނިދުމުން މިގޮތަށް ކެލޮރީޒް އަނދަނީ ކީއްވެ ހެއްޔެވެ؟ މިއީ ސައިންޓިފިކް ގޮތްތަކެއް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ތަންތަނެވެ. މިއީ ސިކުނޑީގެ ހަކަތަ ވަރުގަދަކޮށް ތާޒާކޮށްދިނުމާއި މޫޑު ރަނގަޅުކޮށްދިނުން އަދި ކެލޮރީޒް ވެސް އަނދާ ގޮތަށް ފަރުމާ ކޮށްފައިވާ ތަނެކެވެ.

ނެޕަސައިޒް އަކީ މީގެ ކުރިން ހަދާފައިވާ ބައެއް އެކަޑަމިކް ދިރާސާތަކުގެ އަލީގައި ތައްޔާރުކުރި ޖިމެކެވެ. މި ދިރާސާތަކުގައި ދުވާލުގެ ކުޑަ ވަގުތުކޮޅަކު ނިދާލުމުން ސިއްހަތަށް ލިބޭ ފައިދާތަކަށް ބަލާފައިވެ އެވެ. އެގޮތުން ލިބޭ ފައިދާތައް ކަމަށް މި ދިރާސާތަކުގައި ފާހަގަކޮށްފައި ވަނީ މީހާއަށް ކަންކަމަށް ހޭލެވިފައި ހުންނަ މިންވަރު އިތުރުވުމާއި ހިތް ނުތަނަވަސްވުން ނުވަތަ ސްޓްރެސް ފިލުން އަދި މޫޑު ރަނގަޅުވުމެވެ.

ދަރިން ބެލުމުގައި ރެއާއި ދުވާލުގެ ގިނަ ވަގުތެއް އުޅެން ޖެހުމުގެ ސަބަބުން ވަރުބަލިވެ ސިކުނޑިއަށް ހާސްކަން ލިބިފައިވާ މައިންބަފައިންނާއި ވަރަށް ބުރަކޮށް މަސައްކަތްކުރާ ޕްރޮފެޝަނަލް މަސައްކަތްތްތެރިންނަށް މިއީ "އެއްވެސް މީހެއްގެ އުނދަގުލެއް ނެތި" 40 ވަރަކަށް މިނިޓް ލޯ މަރާލަން ލިބޭ ވާކްއައުޓެކެވެ.

މިހާރު މި ޚިދުމަތް ލިބެނީ ހަމައެކަނި ލަންޑަންގައި ދިރިއުޅޭ މީހުންނަށް ނަމަވެސް ކުރިއަށް އޮތް ތަނުގައި މީގެ ޖިމްތައް އެހެން ހިސާބުތަކުގައި ވެސް ހުޅުވަން ވަނީ ހަމަޖެހިފަ އެވެ.

މި ކްލާސްތައް ކާމިޔާބު ވެއްޖެ ނަމަ މީގެ ކްލަބްތައް އެހެން ހިސާބުތަކުގައި ވެސް ހުޅުވާނެ އެވެ. ނެޕަސައިޒް ތަރައްގީކޮށްފައި ވަނީ ޑްރީމްސްގެ ސްލީޕް އެކްސްޕާޓް ކެތުރީން ޕިންކަމްގެ ބައިވެރިވުމާ އެކުގަ އެވެ. އޭނާ ބުނާ ގޮތުގައި ނިންޖަކީ މީހުން ހީކުރާ ވަރަށް ވުރެ މާ މުހިއްމު އެއްޗެކެވެ.

"އަހަރެމެންނަށް ބޮޑަށް ފޯކަސް ކުރެވެނީ ވަރުބަލިވުމާއި ކޮންސެންޓްރޭޓް ކުރަން އުނދަގޫވުން ފަދަ، ނިދި މަދުވުމުން ކުރު މުއްދަތެއްގައި ދިމާވާ ކަންތައްތަކަށް. ނަމަވެސް ނިދި މަދުވުމުން ދިގު މުއްދަތަކަށް އެމީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމާއި ސިކުނޑިއަށް ކުރާ ނޭދެވޭ އަސަރުތަކަށް ވެސް ބަލަން ޖެހޭނެ،" އޭނާ ބުންޏެވެ.

ކެތުރީން ބުނި ގޮތުގައި މިކަންތައްތަކުގެ އިތުރުން ނިދި މަދުވުމަކީ ހިތްނުތަނަވަސްކަމާއި ޑިޕްރެޝަން ފަދަ ކަންތައްތައް ދިމާވުމުގެ ނުރައްކާ އިތުރުވާ ކަމެކެވެ. އަދި އަހަރެމެންނަށް ހަމަ ނިދި ނުލިބޭ ނަމަ ކަސްރަތުކުރުމަށް ބޭނުންވާ ހަކަތައެއްވެސް ނުހުންނާނެ އެވެ. އަދި ސިއްހަތަށް ރަނގަޅު ކާނާ ކެއުމުގެ ރަނގަޅު ވިސްނުމެއް ވެސް ނުގެންގުޅެވޭނެ އެވެ. މިއީ ދިގު މުއްދަތަކަށް ބަލާއިރު އިންސާނުންގެ ހަށިގަނޑަށް ގެއްލުންތައް ލިބޭނެ ކަންކަމެވެ.