Roadha Mihaaru
ވޭޕް ހުއްޓުވަން ޔޫކޭގެ ޑޮކްޓަރުން ގޮވާލައިފި

ވޭޕް ހުއްޓުވަން ޔޫކޭގެ ޑޮކްޓަރުން ގޮވާލައިފި

29 އޯގަސްޓް 2024

ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް އިނގިރޭސި ވިލާތުގައި އަޅަމުން ގެންދާ ފިޔަވަޅުތައް ވޭޕާ ދެކޮޅަށް ވެސް އެޅުމަށާއި އަދި ހާއްސަކޮށް ޒުވާނުން އެކަމުން ސަލާމަތްކުރުމަށް، ޑިސްޕޮސަބުލް އީސިގިރެޓާއި އޭގެ ފްލޭވާތައް މަނާކުރުމަށް އިސް ޑޮކްޓަރުންގެ ޓީމަކުން ސަރުކާރަށް ގޮވާލައިފި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް އިނގިރޭސި ވިލާތުގައި އަޅަމުން ގެންދާ ފިޔަވަޅުތައް ވޭޕާ ދެކޮޅަށް ވެސް އެޅުމަށާއި އަދި ހާއްސަކޮށް ޒުވާނުން އެކަމުން ސަލާމަތްކުރުމަށް، ޑިސްޕޮސަބުލް އީސިގިރެޓާއި އޭގެ ފްލޭވާތައް މަނާކުރުމަށް އިސް ޑޮކްޓަރުންގެ ޓީމަކުން ސަރުކާރަށް ގޮވާލައިފި އެވެ.

ޑޮކްޓަރުން މިގޮތަށް ގޮވާލާފައި ވަނީ ވޭޕާ ގުޅުން ހުރި ކަންބޮޑުވުންތަކާ އެކު ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން (ބީއެމްއޭ) އިން ޝާއިއުކުރި ލިޔުމަކާ އެކުގަ އެވެ.

ޔޫކޭގައި އެންމެ ފަހުން ވެރިކަމުގައި އޮތް ކޮންޒަވެޓިވް ޕާޓީން ވަނީ އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށާއި ޑިސްޕޮސަބުލް އީ-ސިނގިރެޓް ކޮންޓްރޯލްކުރުމާއި އޭގެ ފްލޭވާތަކާއި ޕެކޭޖިން މަނާކުރުމުގެ ޕްލޭނެއް މި އަހަރުގެ ކުރީކޮޅު އިއުލާނުކޮށްފަ އެވެ. އެކަމަކު މިހާރު އޮތް ލޭބާ ޕާޓީގެ ސަރުކާރުން މި ޕްލޭން ކުރިއަށް ގެންދާނެ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.

ބީއެމްއޭގެ ރިޕޯޓްގައި ބުނެފައިވަނީ ބޮޑެތިވަމުން އަންނަ ކުދިންނަށް އަމާޒުކޮށް ވޭޕް މާކެޓްކުރާކަން އެއީ އެންމެންނަށް ވެސް އެނގޭ ހަގީގަތެއް ކަމަށާއި ކުޑަކުދިންނާއި ޒުވާނުން ވޭޕްކުރާ މިންވަރު މިދިޔަ 10 އަހަރު ތެރޭ ހަ ގުނަ އިތުރުވެފައިވާ ކަމަށެވެ.

ރިޕޯޓްގައި ބުނެފައިވަނީ މިކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ފަސްޖެހިގެން ނުވާނެ ކަމަށެވެ.

ޕްރޮފެސަރު ޑޭވިޑް ސްޓްރެއިން އެ ރިޕޯޓްގައި ސިފަކުރައްވާފައިވާ ގޮތުގައި މިހާރު އަހަރެމެން މި ތިބީ "ވޭޕްގެ ބޮޑު ރޯގާއެއް" ގެ ތެރޭގަ އެވެ. އޭނާ ވިދާޅުވީ ބޮޑެތި މީހުންގެ ތެރެއިން ކޮންމެ ދިހަ މީހަކުން އެކަކު ވޭޕް ކުރާ ކަމަށާއި އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން މިކަން ކުރާ އަދަދު ހަ ގުނަ އިތުރުވެފައިވުމަކީ އަދި އިތުރަށް އޮތް ކަންބޮޑުވުމެއް ކަމަށެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން މަސައްކަތްކުރާ މީހަކަށް ވޭޕްގެ ބޭނުން ހިފިދާނެ ގޮތް ޑޮކްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ގަބޫލުކުރެވޭ. އެކަމަކު އެއީ ކުޑަކުދިންނާއި ޒުވާނުންގެ ދިރިއުޅުމުގެ ބަޔަކަށް ހަދަން ހެޔޮވާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގައި އާދައިގެ ސިގިރެޓް ވިއްކުމުގައި، އިންޒާރުގެ ލިޔުންތައް ހިމެނުމާއި އެކި ފްލޭވާތަކުގެ އިތުރުން ބްރޭންޑިން މަނާކުރުން ފަދަ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. ޑޮކްޓަރުން ގޮވާލާފައިވަނީ ހަމަ މި އުސޫލު އީ-ސިގިރެޓާ މެދު ވެސް ގެންގުޅުމަށެވެ.

ބީއެމްއޭ އިން ވަނީ ވޭޕާ ގުޅުން ހުރި ތަކެތި މާކެޓްކުރުމާއި އިސްތިހާރުކުރުމާއި ފިހާރަތަކުގެ ކައުންޓަރުގެ ފަހަތުގައި ފެންނަ ގޮތަށް ބެހެއްޓުން ފަދަ ކަންކަން ވެސް މަނާކުރުމަށް ލަފާ ދީފަ އެވެ. -- އޭއެފްޕީ