Roadha Mihaaru
ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި

20 އެޕްރީލް 2017

އަންނަ މަހުގެ ހައެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރެޖިސްޓްރޭޝަން ލިސްޓް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ ހައެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރެޖިސްޓްރޭޝަން ލިސްޓް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފި އެވެ.

އެ ކޮމިޝަނުން ބުނީ އެތަނުގެ ވެބްސައިޓުން ވެސް ލިސްޓް މިހާރު ފެންނާނެ ކަމަށާއި ނަން ހިމެނިފައިވޭތޯ އެސްއެމްއެސްކޮށްގެން ޗެކް ކުރެވޭނެ ކަމަށެވެ.

މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 255،987 މީހަކަށް ލިބިފައިވާ ކަމަށް އީސީން ބުންޏެވެ.

ވޯޓްލާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފައި މި ވަނީ ވޯޓްލާ ލިސްޓްގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އެ ލިސްޓްގައި ސޮއި ކުރަން ދެކޮޅު ހަދާފައި ވަނިކޮށެވެ.

ނަމަވެސް އީސީން ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓާސް ލިސްޓަކީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށާއި ވޯޓު ލާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި ސިޔާސީ ޕާޓީތަކުން ސޮއި ނުކުރިޔަސް، އިންތިޚާބު ބާއްވަން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ތިން ފަހަރެއްގެ މަތިން ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާއިރު، 1،497 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މި ފަހަރުގެ އިންތިޚާބުގައި 422 ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ.