Roadha Mihaaru
ވޯޓާސް ލިސްޓު އޮތީ ގައިޑްލައިނާ އެއްގޮތަށް: އީސީ

ވޯޓާސް ލިސްޓު އޮތީ ގައިޑްލައިނާ އެއްގޮތަށް: އިލެކްޝަންސް ކޮމިޝަން

18 އެޕްރީލް 2017

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓާސް ލިސްޓަކީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓާސް ލިސްޓަކީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ސުޕްރީމް ކޯޓުން 2013 ގައި އެކުލަވާލި ގައިޑްލައިން ބުނާގޮތުން ވޯޓުލާ މަރުކަޒުތަކުގައި ބޭނުން ކުރަން ޖެހޭނީ ހުރިހާ ކެންޑިޑޭޓުން ސޮއިކޮށްފައިވާ ވޯޓާސް ލިސްޓެކެވެ.

އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލާ މީހުންގެ ވޯޓާސް ލިސްޓުތަކުގައި ސޮއިކުރުމާ ދެކޮޅު ހަދައިފަ އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ބުނެފައިވަނީ އެ ލިސްޓު އޮތީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް ކަމަށާއި އެ ގައިޑްލައިންގައި ބުނާ މައުލޫމާތުތައް ލިސްޓުގައި ނެތް ކަމަށެވެ. ޖުމްހޫރީ ޕާޓީން ބުނަނީ އެ ޕާޓީން ތިން ލިސްޓެއްގައި ސޮއި ކުރަން ޖެހުނު ކަމަށާއި ތިން ލިސްޓެއްގައި ސޮއިކުރަން އުޒުރުވެރިވާ ކަމަށެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ވޯޓާސް ލިސްޓުތައް ހުންނާނީ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އަދި އެ ލިސްޓުތަކުގައި މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގައިޑްލައިންގައި ބުނާ މައުލޫމާތުތައް ކަމަށްވާ ވޯޓުލާ މީހާގެ ނަމާއި ދާއިމީ އެޑްރެހާއި އައިޑީކާޑު ނަމްބަރު އަދި ފޮޓޯ ވެސް ވޯޓާސް ލިސްޓުގައި ހިމަނާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ގައިޑްލައިންގައި ބުނެފައިވާ ހުރިހާ ކަމެއް އެ ލިސްޓުތަކުގައި ފުރިހަމަކޮށްފައި ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓުތައް ނޫސްވެރިންނަށް މިއަދު ދައްކާލައިފަ އެވެ. އެ ލިސްޓުތަކުގައި، ވޯޓުލާ މީހާގެ ނަމާއި އައިޑީކާޑު ނަމްބަރާއި ދާއިމީ އެޑްރެސް އަދި ފޮޓޯ ހިމަނާފައިވެ އެވެ. އެކަމަކު އެމްޑީޕީން ފާހަގަކުރާ މައްސަލައަކީ ޕާޓީތަކާ ހިއްސާކުރި ލިސްޓާއި އާންމުކުރި ވޯޓާސް ލިސްޓުގައި އެ މައުލޫމާތުތައް ނެތުމުންނެވެ.

އަކްރަމް ވިދާޅުވީ ގައިޑްލައިންގައި ބުނެފައިވާ ގޮތަށް ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތް ކަމަށާއި އަންނަ މަހުގެ ހަ ވަނަ ދުވަހު އިންތިޚާބު އޮންނާނެ ކަމަށެވެ.