Roadha Mihaaru
އިންތިހާބުގެ ނަތީޖާ ހޯދަން ޖެހެނީ ގަދަބާރުން: ނިޔާޒު

އިންތިހާބު ބާއްވައި، ނަތީޖާ ހޯދަން މި ޖެހެނީ ގަދަ ބާރުން: ނިޔާޒް

13 މެއި 2017

މިދިޔަ ހަފުތާގެ ހޮނިހިރުދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި އަދި ނަތީޖާ ހޯދަން ޖެހުނީ ވެސް ގަދަ ބާރުން ކަމަށް އެމްޑީޕީގެ ޗެއާޕަސަންގެ ނައިބު އަލީ ނިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގެ ހޮނިހިރުދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި އަދި ނަތީޖާ ހޯދަން ޖެހުނީ ވެސް ގަދަ ބާރުން ކަމަށް އެމްޑީޕީގެ ޗެއާޕަސަންގެ ނައިބު އަލީ ނިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ އިންތިޚާބު ބޭއްވިތާ ހަފުތާއެއް ވެގެން ދިޔައިރު އަދިވެސް އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ޝީޓްތައް ހަމަނުވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން 8،503 ޝީޓް އޮތްއިރު އަދިވެސް އެ ކޮމިޝަނަށް ހަ ނަތީޖާ ނުލިބޭ ކަމަށް، އެމްޑީޕީގެ ފަރާތުން އިލެކްޝަންސްގެ އިންތިހާބާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ނިޔާޒު ވިދާޅުވި އެވެ.

"މިހާތަނަށް ނަތީޖާ ސާފުކުރި އެއްވެސް ޝީޓެއް ވެރިފައެއް ނުކުރޭ. ޗެކްކުރުމުގެ މަރުހަލާގައި ހުރީ. ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް، ކިތަންމެ ލަހުން މިކަން ކުރަން ތިބި ނަމަވެސް އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް ލިބިފައި މިއޮތް ނަތީޖާއަކަށް ބަދަލެއް ނުގެނެވޭނެ،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުގައި ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށާއި ރައްޔިތުން އެދެނީ މި ސަރުކާރު ބަދަލުވާން ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާއިން ރައީސް ޔާމީނަށް ތާއީދެއް ނެތްކަން ފެންނަން އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން އިންތިހާބަށް ނުކުތްއިރު ކަނޑައެޅި އަމާޒުތައް އަޅުގަނޑުމެންނަށް މިހިރީ ވަރަށް ސާފު ނަތީޖާއިން ހާސިލްވެފައި. އަޅުގަނޑުމެން ބުނަމުން ދިޔައީ ރައީސް ޔާމީނާ ދެކޮޅަށް ދިވެހި ރައްޔިތުންގެ 70 އިންސައްތަ ނޫނެކޭ ބުނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ ކިތަންމެ ވަރަކަށް ވޯޓު ކަރުދާސް ގުނި ނަމަވެސް އެ ނަތީޖާ ދެން ބަދަލެއް ނުވާނެ ކަމަށެވެ.

"ރައްޔިތުން އެވަނީ ކަނޑައެޅިގެން ނޫނެކޭ ބުނެފައި. އެ ނަތީޖާއިން އަޅުގަނޑުމެންނަށް ދޭހަވާ ވަރަށް ގިނަ ކަންތައް އެބަހުރި. ހަގީގަތުގައި ދިވެހި ރާއްޖެ ތަރައްގީކުރަން ރައީސް ޔާމީން އެ ގެންގުޅުއްވާ މޮޑެލްއަކީ ދިވެހިރާއްޖެއަށް ކަމުދާ ޒާތުގެ މޮޑެލެއް ނޫން ކަން ދިވެހި ރައްޔިތުން މިވަނީ ބުނެފައި،" އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބިއްޖެ ނަމަ ކައުންސިލްތަކާ ބެހޭ ގާނޫނަށް ބަދަލު ގެނެސް، ކުރިން ދީފައިވާ ބާރުތައް އަލުން ދޭނެ އެވެ. އަދި މިފަހަރުގެ އިންތިހާބުގައި ރައްޔިތުން ބުނެފައި ވަނީ ސަރުކާރުން މާލެއަށް ބަދަލުކޮށްފައިވާ ބާރުތައް ކަމުނުދާކަން ކަމަށް ވެސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރެވުނީ އިދިކޮޅު ހަތަރު ލީޑަރަކު ކުރެއްވި މަސައްކަތުން ކަމަށެވެ. އެކަމަށްޓަކައި އޭނާ ވަނީ ރައީސް މުހައްމަދު ނަޝީދަށާއި ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިދިކޮޅު ޕާޓީތަކުން މިރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. މައުސޫމް ވާހަކަދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އިދިކޮޅު ޕާޓީތަކުން މިރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. މައުސޫމް ވާހަކަދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މައުސޫމް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރެވުނީ ތަފާތު ހިޔާލުގެ ލީޑަރުން އެކައްޗެއް ވިދާޅުވެ، ކުރެއްވި މަސައްކަތުން ކަމަށެވެ.

"އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމަށް ބުނާ ބުނުމުގެ ފުރިހަމަ ފައިދާ ފެނިފައި މިއޮތީ. ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ވަރަށް ބޮޑުކޮށް އިދިކޮޅު ހުރިހާ ފަރާތްތަކުން މިވަނީ ކާމިޔާބުކޮށްފައި،" އޭނާ ވިދާޅުވި އެވެ.