Roadha Mihaaru
ނަތީޖާ އިއުލާން ކުރުން ލަސްވާތީ އެމްޑީޕީން ފާޑު ކިޔައިފި

ނަތީޖާ އިއުލާން ކުރުން ލަސްވާ މައްސަލާގައި އެމްޑީޕީގެ ފާޑު ކިޔުން ކޮމިޝަނަށް

10 މެއި 2017

މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުން ލަސްވާ މައްސަލާގައި އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުން ލަސްވާ މައްސަލާގައި އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަންޖެހޭ މުއްދަތެއް، އެ އިންތިޚާބުގެ ގާނޫނުގައި އަދި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ވެސް ބުނެފައެއް ނޯވެ އެވެ. ކައުންސިލް އިންތިޚާބުތަކުގެ ގާނޫނުގައި ބުނަނީ ދާއިމީ ނަތީޖާ 14 ދުވަސް ތެރޭގައި އިއުލާން ކުރަން ޖެހޭނެ ވާހަކަ އެކަންޏެވެ.

ލޯކަލް އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއްޔެ އިއުލާން ކުރަން ފަށައި، މިހާތަނަށް 17 ކައުންސިލެއްގެ ވަގުތީ ނަތީޖާ ވަނީ އިއުލާންކޮށްފަ އެވެ. ބާކީ ކައުންސިލްތަކުގެ ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އެކަން ލަސްކުރަނީ ނަތީޖާ ބަދަލު ކުރުމަށެވެ. ނަތީޖާ އިއުލާން ކުރުން ލަސްވާން ޖެހޭ ސަބަބެއް އޮތް އެމްޑީޕީން ނުދެކެ އެވެ.

"ކުދިކުދި ތަންތަންކޮޅު ހޯދައި ވެސް ނަތީޖާ އަށް ބަދަލެއް ގެނެވޭތޯ ކޮމިޝަނުން އެ އުޅެނީ" އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވި އެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަނުން ބުނަނީ ނަތީޖާ އިއުލާން ކުރުން ލަސްވެފައިވާ ކަމަށް އެ ކޮމިޝަނުން ނުދެކޭ ކަމަށެވެ.

ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބުތަކުގައި ވަގުތީ ނަތީޖާ އިއުލާން ކުރަން އާންމުކޮށް ކޮންމެވެސް ވަގުތުތަކެއް ނަގާ ކަމަށެވެ. އެކަމަކު ލަސްތަކެއް ނުވެ، ނަތީޖާ އިއުލާން ކުރެވޭނެ ކަމުގެ ޔަގީން ކަން އޭނާ ދެއްވި އެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގައި ވަގުތީ ނަތީޖާ އިއުލާން ކުރަން އާންމު ގޮތެއްގައި ފަސް ދުވަހާއި ހަތް ދުވަސް ނަގާ. އެ މުއްދަތުގައި ތެރޭގައި އިއުލާން ކުރެވޭނެ އިރާދަ ކުރެއްވިއްޔާ،" އަކްރަމް ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގައި ބޮޑެތި ދާއިރާތަކުގެ މިހާތަނަށް އާންމުވި ނަތީޖާތައް ދައްކާ ގޮތުން އެންމެ ގިނަ ގޮނޑި ހޯދައި، ކައުންސިލްތަކުގެ އަޣުލަބިއްޔަތު ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީން ކާމިޔާބީ ފާޅު ކުރަމުންދާއިރު ސަރުކާރު ހިންގާ ޕީޕީއެމުން ވަނީ ބަލި ގަބޫލުކޮށްފަ އެވެ.