ސިޔާސީ ގޮތުން ވައި ހިނދިފައި އޮތް މި ދުވަސްވަރު ދެއްކެން އޮތް ހަމައެކަނި ވާހަކަ އަކީ، އެޕްރީލް 8ގައި އޮންނަ ލާމަރުކަޒީ އިންތިހާބުގެ ވާހަކަ އެވެ. ލާމަރުކަޒީ ނިޒާމަކީ ރަށާއި އަތޮޅުގެ ތަރައްގީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުން ބާރުވެރިކުރުމުގެ ނިޒާމެއް ކަމަށް ވިޔަސް، މިހާރު އެއީ މުޅިން ސިޔާސީ ނިޒާމެކެވެ. ވަކި ޕާޓީއަކަށްޓަކައި މުޅި ނިޒާމަށް ލޮޅުން އަރުވާލާފައިވާ އިރު، ވެރިކަންކުރާ މައި ޕާޓީ އާއި ގުޅިފައިވާ ޕާޓީތަކުގެ އަމާޒަކީ ވެސް ކައުންސިލްތަކުގެ ވީހާ ގިނަ ގޮނޑި ކާމިޔާބު ކުރުމެވެ.
01 ފެބުރުއަރީ 2017
ސިޔާސީ ގޮތުން ވައި ހިނދިފައި އޮތް މި ދުވަސްވަރު ދެއްކެން އޮތް ހަމައެކަނި ވާހަކަ އަކީ، އެޕްރީލް 8ގައި އޮންނަ ލާމަރުކަޒީ އިންތިހާބުގެ ވާހަކަ އެވެ. ލާމަރުކަޒީ ނިޒާމަކީ ރަށާއި އަތޮޅުގެ ތަރައްގީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުން ބާރުވެރިކުރުމުގެ ނިޒާމެއް ކަމަށް ވިޔަސް، މިހާރު އެއީ މުޅިން ސިޔާސީ ނިޒާމެކެވެ. ވަކި ޕާޓީއަކަށްޓަކައި މުޅި ނިޒާމަށް ލޮޅުން އަރުވާލާފައިވާ އިރު، ވެރިކަންކުރާ މައި ޕާޓީ އާއި ގުޅިފައިވާ ޕާޓީތަކުގެ އަމާޒަކީ ވެސް ކައުންސިލްތަކުގެ ވީހާ ގިނަ ގޮނޑި ކާމިޔާބު ކުރުމެވެ.
އެހެން ވިއްޔާ އިދިކޮޅު ޕާޓީތައް ކޮބައި ހެއްޔެވެ؟ އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މި މަހުގެ ކުރީ ކޮޅު ބުނެފައިވަނީ ލާމަރުކަޒީ އިންތިޚާބުގައި އެ ޕާޓީގެ ނަމުގައި ވާދަ ނުކުރާނެ ކަމަށެވެ. ނަމަވެސް މައި އިދިކޮޅު ޕާޓީ، އެމްޑީޕީން ޖެނުއަރީ 11، 2017 ގައި ބުނެފައިވަނީ ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް ލިބޭ ފުރުސަތަކަށް ވާތީ، ކުޑަ ވެސް ދުލެއް ނުދީ އަދި ފަހަތަށް ޖެހުމެއް ނެތި ލާމަރުކަޒީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށެވެ.
ރައްޔިތުންނަށް ލިބެން އޮތް ކިތަންމެ ކުޑަ ފުރުސަތެއް ވިޔަސް ދޫކޮށްލާކަށް އެ ޕާޓީ ބޭނުމެއް ނުވާނެ އެވެ. ސަބަބަކީ އެއީ "ދިވެހި ރައްޔިތުންގެ" ޑިމޮކްރެޓިކް ޕާޓީ ކަމަށް ވާތީ އެވެ. އެ ޕާޓީން ބުނެފައިވަނީ "ވަކި ބަޔަކު (ސަރުކާރުން) ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ގެންދިޔަސް އެމްޑީޕީ މި އޮތީ، ދީލާލާ ގޮތަކަށް ނޫން" ކަމަށެވެ. އެހެންކަމުން ވީހާ ގިނަ ރައްޔިތުން ނުކުމެ ލާމަރުކަޒީ އިންތިހާބުގައި ވޯޓުލުން މުހިއްމު ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ރައްޔިތުންނަށް ހެޔޮ އެދޭނީ އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނީ މިހާ ވަރަށް ނޫންތޯ އެވެ! ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ކޯޓުތަކުން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، އެމްޑީޕީ އޮތީ، ފިސާރި ހިތްވަރާ އެކު ނުކުމެ އެ ހުރިހާ ފަރާތްތަކާ ކުރިމަތިލައިގެން ވިޔަސް، ރައްޔިތުންގެ ހައްގުތައް ހޯދައިދޭށެވެ.
ކުރިއަށް އޮތް ލާމަރުކަޒީ އިންތިޚާބާ މެދު ގިނަ ބަޔަކު ފާޑުކިޔަން ފެށީ ވެރިކަން ކުރާ ޕީޕީއެމްގެ އެދުމުގެ މަތިން، ކޯޓުން އެ އިންތިޚާބު އިތުރު ދެ މަސްދުވަހަށް ފަސްކޮށްދިނުމުންނެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ލާމަރުކަޒީ އިންތިޚާބު އޮންނާނީ ޖެނުއަރީ 14ގަ އެވެ. ނަމަވެސް ކޯޓުގެ އެ ނިންމުމާ ވިދިގެން މިހާރު ހަމަޖައްސާފައި އޮތީ އެޕްރީލް 8 ގައި އިންތިޚާބު ބާއްވާ ގޮތަށެވެ.
ކޯޓު އަމުރުން އިންތިޚާބު ފަސްކުރި އިރު، ކުރިން ހަމަޖެހިފައި އޮތް ގޮތަށް މި މަހު 14ގައި ބާއްވަން އިއުލާން ކުރި އިންތިޚާބަށް އެތައް ބަޔަކު ކުރިމަތިލި އެވެ. އޭގެ ތެރެއިން 900 މީހެއްގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށް އެކަމުގެ ލިޔުން ވެސް ދިނެވެ. ނަމަވެސް ޖެނުއަރީ 9ގައި އިލެކްޝަނުން ވަނީ އެ 900 މީހުންގެ ކެންޑިޑޭސީ ބާތިލުކޮށް، އަލުން އިންތިޚާބަށް ކުރިމަތިލާން އިއުލާން ކޮށްފަ އެވެ.
އެމްޑީޕީގެ އިސް މެމްބަރުންނާ އެކު ނަޝީދު ލަންކާގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް (ކ) އާއި އެހެން ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެމްޑީޕީ
އެމްޑީޕީން ދުށީ މިއީ ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ. އެހެންކަމުން އެ ކެންޑިޑޭޓުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް، ޖެނުއަރީ 15، 2017 ގައި ހައި ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ ޕާޓީގެ ލީގަލް ޑައިރެކްޓަރު ހިސާން ހުސައިން ވިދާޅުވި ގޮތުގައި އިންތިހާބު ފަސްކުރަން ކޯޓުން ކުރި ހުކުމުގައި، މުޅިން އާ އިންތިހާބެއް ބާއްވަން އިލެކްޝަންސްގެ މައްޗަށް އަމުރު ކޮށްފައެއް ނެތެވެ. އެހެންކަމުން، ކުރިން ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލް ކުރެވިގެން ނުވާނެ ކަމަށް އެ ޕާޓީން ދެކެ އެވެ.
އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ލާމަރުކަޒީ އިންތިހާބަށް އެންމެ ފުރަތަމަ ފުރުސަތު ހުޅުވައިލުމުން ކުރިމަތިލި މީހުންގެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު، އެ ނިންމުން ބާތިލްކޮށް އެޕްރީލް 8 ގައި އޮންނަ އިންތިހާބަށް އަލުން ކުރިމަތިލާން ޖެހޭ ގޮތަށް ނިންމީ، އިންތިޚާބު ފަސްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމާއި އިންތިހާބާ ބެހޭ ގާނޫނާ ވެސް ހިލާފަށެވެ. އެހެންވެ އެމްޑީޕީން ހައި ކޯޓުގައި އެދުނީ އިލެކްޝަންސްގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެމްޑީޕީގެ އެ ދައުވާ ހައި ކޯޓަށް ބަލައިގަތީ ޖެނުއަރީ 19، 2017ގަ އެވެ. އަދި ޖެނުއަރީ 26، 2017ގައި އެ ދައުވާގެ އަޑުއެހުންތައް ކޯޓުގައި ފެށުމާ އެކު، އިލެކްޝަންސް ކޮމިޝަން ތަމްސީލުކުރާ ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވަނީ، އިންތިޚާބީ ޝަކުވާގެ މައްސަލަ ހައި ކޯޓަށް ހުށަހެޅޭނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ފަހު ކޮމިޝަންގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ ކަމަށް އިންތިޚާބާ ބެހޭ އާންމު ގާނޫނުގައި ބުނާ ކަމަށެވެ.
އެމްޑީޕީން ހައި ކޯޓަށް އެ މައްސަލަ ހުށަހެޅީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަނާޅައި ކަމަށް ވާތީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ނޯންނާނެ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ކޯޓުގައި ބުންޏެވެ. އޭގެ އިތުރުން ފަނޑިޔާރުންގެ ބެންޗުން ވެސް ވަނީ އެ މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމާ މެދު، އެހެން ގާނޫނަކާ ހަވާލާ ދެއްވައި، ސުވާލު އުފައްދަވައިފަ އެވެ.
ސަބަބަކީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 21 ވަނަ މާއްދާގެ ބ.ގައި ބުނެފައިވާ ގޮތުން އިންތިޚާބެއްގައި ވާދަކުރާ މީހެއްގެ ކެންޑިޑެސީ ބަލައިނުގަތުމަށް ކޮމިޝަނުން ނިންމި ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށެވެ. ހައި ކޯޓަށް ހުށަހަޅަން ޖެހޭނީ އެ ނޫން މައްސަލަތަކެވެ.
ސުވާލަކީ ގާނޫނުތަކުގައި މިހާ ސާފުކޮށް އޮތް ކަމެއްގައި، އެ އުސޫލުތައް ގިރާކޮށްފައި އެމްޑީޕީން ހައި ކޯޓަށް މައްސަލަ ހުށަހެޅީ ކީއްކުރަން ހެއްޔެވެ؟ ފުރަތަމަ ކަމަކީ އިންތިޚާބާ ބެހޭ ޝަކުވާތައް ހައި ކޯޓަށް ހުށަހެޅޭނީ އިލެކްޝަންސް ކޮމިޝަނަށް އެ ޝަކުވާއެއް ހުށަހެޅުމުން އެ ކޮމިޝަނުން ނިންމާ ނިންމުމެއް ގަބޫލު ނުކުރާ ނަމަ އެވެ. އިލެކްޝަންސް ކޮމިޝަނަށް އެ ޝަކުވާއެ ހުށަހަޅާފައެއް ނެތެވެ.
ދެ ވަނަ ކަމަކީ އިންތިޚާބެއްގައި ވާދަކުރާ މީހެއްގެ ކެންޑިޑޭސީ ބަލައިނުގެންފި ނަމަ އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށް ކަމަށް ގާނޫނުގައި ސާފުކޮށް ބުނެފައި އޮއްވައި، ހައި ކޯޓަށް މައްސަލަ ހުށަހެޅުމެވެ. ރައްޔިތުންނަށް ދައްކަން މި އުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟ ގާނޫނުތަކުގެ އަލިފުބާ ވެސް ނޭނގޭ އާންމު ރައްޔިތުންގެ ކުރިމަތީގައި ނުބައި ވާނީ ކޮމިޝަނާއި ކޯޓުތަކެވެ.
މި ދަންނަވަނީ އިލެކްޝަންސް ކޮމިޝަނާއި ކޯޓުތަކުގެ ނިންމުންތައް އެންމެ ފުރިހަމަ ވާހަކައެއް ނޫނެވެ. ދައުލަތުގެ މުއައްސަސާތަކާއި ޝަރުއީ ކޯޓުތަކުގެ ނިންމުންތަކާ މެދު ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދޭ މިފަދަ ދުވަސްވަރެއްގައި، އެއިން ދޮރެއްގައި ޓަކި ޖަހަންވާނީ، މައި ދޮރޯށިން ވަދެގެން އައިސް ނޫން ބާވަ އެވެ؟ ދޮރުތަކުން ނުވަދެ ފުޅަށް މަތިން އަރައިގެން އުޅޭކަން ފަޅާ އަރައިފި ނަމަ، އަނެއްކާ ސައްޕެއް ޖަހާފައި ބޭރުކޮށްލާނީ ނޫންބާވަ އެވެ؟
ކެންޑިޑޭސީ ބާތިލު ކުރި މައްސަލަ ހައި ކޯޓަށް ބެލިދާނެ ކަމާ މެދު ދައުލަތުންނާއި ކޯޓުގެ ބެންޗުން އުފެއްދި ސުވާލުތަކަށް ޖަވާބުދާރީވާން އިތުރު ފުރުސަތެއް ބޭނުންވާ ކަމަށް އެމްޑީޕީގެ ވަކީލު އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އެ ދުވަހު ކޯޓުގައި ވިދާޅުވި އެވެ. އެ ފުރުސަތު ދިނުމަށް ފަހު، އެމްޑީޕީގެ ޖަވާބަކީ ކޮބައިތޯ ބެލުމަށް ހޯމަދުވަހު އަޑުއެހުމެއް ބާއްވަން ހައި ކޯޓުން ތާވަލުކުރި އެވެ.
ނަމަވެސް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ. ކީއްވެގެން ހެއްޔެވެ؟ އެމްޑީޕީގެ ވަކީލު ކޯޓަށް ހާޒިރު ނުވުމުންނެވެ. އިންތިޚާބަށް ކުރިމަތިލި 900 ކެންޑިޑޭޓުންގެ ހައްގާ ގުޅިފައިވާ މިފަދަ މުހިންމު މައްސަލައެއް ކޯޓުގައި ތާވަލުކޮށްފައި އޮއްވައި، އެމްޑީޕީގެ ވަކީލު ވީ ކޮން ތާކު ހެއްޔެވެ؟
އެ 900 ކެންޑިޑޭޓުންގެ ހައްގަށް ވުރެ، ޕާޓީގެ ވަކީލަށް މުހިންމުވީ، ބޭސްފަރުވާ އަށް ކަމަށް ބުނެ އިނގިރޭސި ވިލާތަށް ވަޑައިގެން، 13 އަހަރުގެ ޖަލު ހުކުމުން ރެކިވަޑައިގަތުމަށް ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރެއްވުމެވެ. އެ މަނިކުފާނު މި ވަގުތު ހުންނެވީ ލަންކާގަ އެވެ. އެހެންކަމުން، މައްސަލަ ކޯޓުގައި ތާވަލު ކޮށްފައި އޮއްވައި އަނަސް ވަޑައިގަތީ ލަންކާ އަށެވެ.
އެމްޑީޕީން ހުށަހެޅި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިއާސަތުގައި އިންނެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވި ގޮތުގައި ޝަރީއަތަށް ހާޒިރު ނުވި ސަބަބެއް ވެސް އެމްޑީޕީން ކޯޓަށް އަންގާފައެއް ނެތެވެ. އެހެންކަމުން އެމްޑީޕީން މައްސަލަ ދޫކޮށްލީ ކަމަށް ހައި ކޯޓުގެ ގަވާއިދުގެ ދަށުން ބަލަން ޖެހޭ ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.
ސުވާލަކީ، މައްސަލަ ކޯޓުގައި ތާވަލު ކޮށްފައި އޮއްވައި، ކޯޓަށް ހާޒިރުނުވުމުން އަދި ހާޒިރުނުވެވޭ ސަބަބެއް ވެސް ކޯޓަށް ނާންގާ ނަމަ، ދެން ކަންތައް ވެގެންދާނެ ގޮތް ވެސް ވަކީލަށް ރަނގަޅަށް އެނގިވަޑައިނުގަންނަވާނެ ހެއްޔެވެ؟ ކިތަންމެ ކުޑަ ފުރުސަތެއް އޮތަސް ދުލެއް ނުދޭނެ ކަމަށް ބުނެ، ލާމަރުކަޒީ އިންތިޚާބުގައި ވާދަކުރަން ނިންމައި، އަދި ކެންޑިޑޭސީ ބާތިލު ކުރި މައްސަލަ ވެސް ކޯޓަށް ވައްދާފައި ކޯޓަށް ހާޒިރު ނުވެ، އާންމު ރައްޔިތުންނަށް ދައްކަން މި އުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ: ނަޝީދު
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ
ނަތީޖާ އިއުލާން ކުރުން ލަސްވާތީ އެމްޑީޕީން ފާޑު ކިޔައިފި
އިންތިހާބުގެ ބޮޑު މައްސަލަ: ވަގުތު އިތުރުކުރުން
ބާރުތައް އެއްކުރުމަށް ހުރަސް އަޅުއްވާ: ނަޝީދު
އީސީއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ
އާ އިންތިހާބަކަށް އިއުލާން ކުރީ ކޯޓު އަމުރާ ހިލާފަށް
ކައުންސިލް އިންތިހާބު އެޕްރީލް 8 ގައި