Roadha Mihaaru
އިންތިޚާބު ނުބާއްވަން އީސީން އުޒުރު ދައްކާ: އެމްޑީޕީ

އިންތިޚާބު ނުބާއްވަން ކޮމިޝަނުން ދަނީ އުޒުރު ދައްކަމުން: އެމްޑީޕީން

08 ޖެނުއަރީ 2017

އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ނުބާއްވަން ދެއްކޭނެ ހުރިހާ އުޒުރެއް އިލެކްޝަންސް ކޮމިޝަނުން ދައްކަމުންދާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ނުބާއްވަން ދެއްކޭނެ ހުރިހާ އުޒުރެއް އިލެކްޝަންސް ކޮމިޝަނުން ދައްކަމުންދާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މިމަހުގެ 14 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ނިންމާފައި ވަނިކޮށް އެ އިންތިޚާބު ފަސް ކުރަން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން މިހާރު ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ އަށްް ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ. އެކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާން ނުކުރިޔަސް އެ ކޮމިޝަނުން ޕާޓީތަކާ އެކު އެކަން ވަނީ ހިއްސާކޮށްފަ އެވެ.

އެމްޑީޕީން މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އޭޕްރީލް މަހު އިންތިޚާބު ނުބޭއްވޭނެ ކަމަށް ކޮމިޝަނުން ގަބޫލުކުރާހާ ހިނދަކު އެ އިންތިޚާބު ނުބޭއްވޭނެ ކަމަށާއި އެކަމަށް ހުރިހާ އުޒުރެއް ކޮމިޝަނުން ދައްކަމުންދާ ކަމަށެވެ. އެގޮތުން ކެމްޕެއިން ޕޯސްޓަރުތައް މަގުމައްޗަށް އެޅުމަކީ މަނާ ކަމެއް ކަން އަންގައި، ކޮމިޝަނުން މިއަދު ސިޓީ ފޮނުވާފައިވާ ކަމަށާއި އިންތިޚާބުގެ ތާރީޚު ރަސްމީކޮށް އިއުލާން ނުކުރަނީ ވެސް އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިޚާބަށް ހުރި ހުރިހާ ހުރަސްތައް އަޅުގަނޑުމެންނަށް ހަނދާންކޮށް ދެއްވައި އަދި އިންތިޚާބެއް ބޭއްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ވިސްނިވަޑައިގެން އެ ކޮމިޝަންގެ ފަސް މެމްބަރުން ތިއްބަވާ ކަމަށް ވަންޏާ އިންތިޚާބުގެ ތާރީޚު އިއުލާން ކުރަން ޖެހިލުންވެ ވަޑައިގަންނަވާނެ. އެހެން ނޫން ނަމަ މިއަދު އޮންނަނީ ތާރީޚު އިއުލާންކޮށްފައި،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ކޮމިޝަންގެ ވިސްނުން ހުރީ ކުރިން އިންތިޚާބަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުން ވެސް ކޮންމެވެސް ގޮތަކުން އަލުން ފޯމް ހުށަހަޅަންޖެހޭ ގޮތަށް ކަމަށާއި އެކަމަކު އެ ކެންޑިޑޭޓުން އަލުން ފޯމް ހުށަހަޅަންޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ސަބަބަކީ އިންތިޚާބު ފަސްވުމަކީ އާ އިންތިޚާބެއް އިއުލާން ކުރުން ނޫން ކަމަށާއި ކޯޓުގެ ހުކުމުގައި ވެސް އޮތީ އެގޮތަށް ކަމަށްވާތީ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ގާނޫނީ ޓީމު ބޭނުންވަނީ މިހާރު ކުރިމަތިލާފައި ތިބި ކެންޑިޑޭޓުން ވެސް ކޮންމެވެސް ސިފައެއްގައި އެޕްލިކޭޝަން ހުށަހަޅަންޖެހޭ ގޮތަށް. އެކަމަކު މިހާރު ތިބި ކެންޑިޑޭޓުންގެ ކެންޑިޑެސީ އޮތްގޮތަށް އޮވެގެން ބާއްވާ އިންތިޚާބެއް އަޅުގަނޑުމެން ބޭނުންވަނީ. މިހާރު ތިބި 900 އެތައް ކެންޑިޑޭޓުންނެއްގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،" ނިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު ހިސާން ހުސައިން ވިދާޅުވީ ޕާޓީގެ ޕްރައިމަރީތަކުގައި ވާދަކޮށް، ނާކާމިޔާބުވާ ފަރާތްތަކަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޕާޓީތަކުގެ ޕްރައިމަރީ ހިންގަންޖެހޭ ގޮތުގެ އުސޫލެއް ކޮމިޝަނުން މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އެކަމަކު ޕާޓީތަކުގެ އެތެރޭގެ ހިންގުމުގެ ކަންކަމާ ބެހުމުގެ އެއްވެސް ބާރެއް ކޮމިޝަނަށް ނޯންނާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވާހަކައަކީ ގާނޫނަށް އެ އައި އިސްލާހު ނިވައިފަތްގަނޑަކަށް ބޭނުންކޮށްގެން ޕާޓީތަކަށް ނުފޫޒެއް ނުފޯރުވޭނެއޭ. އިލެކްޝަންސް ކޮމިޝަނަށް ނޭންގޭނެއޭ ޕާޓީތަކުގެ އެތެރޭގެ ހިންގުމުގެ ގަވާއިދުތަކުގައި ހިމަނަންޖެހޭނެ ކަންކަމާއި ހިމަނަން ނުޖެހޭނެ ކަންކަން،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ޕްރައިމަރީ ނުބާއްވައި، ކެންޑިޑޭޓުން ނެރޭ ޕާޓީތައް ވެސް އެބަހުރި ކަމަށާއި އެކަމަކު އެފަދަ ޕާޓީތަކާ މެދު އަމަލުކުރާނެ ގޮތެއް އެ އުސޫލުގައި ބުނެފައި ނެތް ކަމަށެވެ. އެހެންވެ، އެ އުސޫލަކީ އެމްޑީޕީ އަށް އަމާޒުކޮށްގެން ހެދި އުސޫލެއް ކަމަށް ހިސާން ތުހުމަތު ކުރެއްވި އެވެ.

މިމަހުގެ 14 ގައި ކައުންސިލް އިންތިޚާބު ބާއްވަން ނިންމާފައި ވަނިކޮށް އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި އެ ޕާޓީއަށް އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ކޯޓަށް ހުށަހެޅުމުންނެވެ. ކޯޓުން ނިންމީ ޕީޕީއެމަކީ އެންމެ ބޮޑު ޕާޓީއަށްވާއިރު އެ ޕާޓީއަށް ބައިވެރި ނުވެވޭ ފަދަ ގޮތަކަށް އިންތިޚާބު ބޭއްވިގެން ނުވާނެ ކަމަށެވެ.