Roadha Mihaaru
ލޯކަލް އިންތިޚާބު އަނެއްކާވެސް ފަސްކޮށްފި

ލޯކަލް އިންތިޚާބު އަނެއްކާވެސް ފަސްކޮށްފި

17 މާޗް 2017

އަންނަ މަހުގެ 15 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ފަސްކޮށްފި އެވެ. އިންތިޚާބު ފަސްކޮށްފައި ވަނީ އަންނަ މޭ ހަ ވަނަ ދުވަހަށެވެ.

އަންނަ މަހުގެ 15 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ފަސްކޮށްފި އެވެ. އިންތިޚާބު ފަސްކޮށްފައި ވަނީ އަންނަ މޭ ހަ ވަނަ ދުވަހަށެވެ.

މިއީ ލޯކަލް އިންތިޚާބު ފަސްކުރި ތިންވަނަ ފަހަރެވެ. މި އަހަރުގެ ލޯކަލް އިންތިޚާބު ފުރަތަމަ ބާއްވަން ނިންމީ ޖެނުއަރީ 14ގަ އެވެ. ދެން އޭޕްރީލް އަށެއް އަދި އޭޕްރީލް 15 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ބުނީ، އިންތިޚާބު ފަސްކުރީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން ކަމަށެވެ.

އިލެކްޝަންސްގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، މީހުން އާންމުކޮށް އެއްވެ އުޅޭ ނަމަ، ހުމުގެ ރޯގާ ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވާނެތީ، އެ ކޮމިޝަނުން ބާއްވާ ހަރަކާތްތަކުގައި ވެސް ވީހާ ވެސް ބޮޑަށް އެކަމަށް ރިއާޔަތް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާދީފައިވާ ކަމަށެވެ.

އިންތިޚާބު ލަސްކުރަން ނިންމީ މިރޭ ބޭއްވި ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއްގަ އެވެ. އަދި އިންތިޚާބު ފަސްކުރަން އެ ކޮމެޓީގެ ދެ ފަރާތެއް ފިޔަވައި އެހެން ހުރިހާ ފަރާތަކުން ތާއީދުކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

"މީގެ ކުރިން ވެސް ގައުމަށް ދިމާވާ ކަންކަމުގައި، ގައުމީ ކާރިސާތަކުގައި، ގުދުރަތީ ކާރިސާތަކުގައި އިންތިޚާބުތައް ލަސްވެފައި ހުންނާނެ. އެއީ 2004 ވަނަ އަހަރު ސުނާމީ ކާރިސާއާ ގުޅިގެން ވެސް، އޭރު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ވެސް ލަސްކުރެވުނު،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މި ބާވަތުގެ ކަންކަމާ ގުޅިގެން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް އިސްކަންދޭން ޖެހޭނީ، އަޅުގަނޑު ވެސް، އިލެކްޝަންސް ކޮމިޝަނުން ވެސް ގަބޫލުކުރަނީ ދައުލަތުގެ ސިއްހީ ނިޒާމްތައް ބަލަހައްޓާ ފަރާތްތަކުން އެ ދޭ އެޑްވައިސްއާ އެއްގޮތަށް، ވީހާ ވެސް ގިނަ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް."

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، އިންތިޚާބު ފަސްކުރުމާ ގުޅިގެން، ވޯޓުލާ މީހުންގެ ރެޖިސްޓަރީ އަށް އަނެއްކާވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އިންތިޚާބު ދެން ބާއްވާ ތާރީޚު ކަމަށްވާ މޭ ހަ ވަނަ ދުވަހަށް އުމުރުން 18 އަހަރު ވާ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ހަމަ އެހެންމެ އަޅުގަނޑުމެން އިއުލާން ކުރި ތާރީޚަށް ރެޖިސްޓަރީ ކޮށްފައިވާތީ، މިހާރު އިންތިޚާބު ބާއްވާ ތާރީޚަށް ތަން ބަދަލުވާ ނަމަ، އެ ބަދަލުކުރުމުގެ ފުރުސަތު ވެސް ހުޅުވާލާނަން،" އަކްރަމް ވިދާޅުވި އެވެ.

"ހައެއް މޭ އަޅުގަނޑުމެން މި ބެލީ، ކުރިއަށް ރަމަޟާން މަސް ވެސް އޮތުމާއެކު، ހެލްތު މިނިސްޓްރީއާ އެކު ބޭއްވުނު މަޝްވަރާ އާއި އެބޭފުޅުން ފޮނުވި ސިޓީއާ ވެސް އެކުގައި އެ ތާރީޚަކީ އެންމެ ރަނގަޅު ތާރީޚު ކަމަށް ބަލާފައި، މިހާރު މި އޮތް ގޮތަށް އިންތިޚާބު ކުރިއަށް ގެންދެވިއްޖެ ނަމަ، އަޅުގަނޑުމެންނަށް މި އިންތިޚާބުގެ ދެވަނަ ބުރު ވެސް ރަމަޟާން މަހުގެ ކުރިން ނިންމާލެވޭނެ."

އަކްރަމް ވިދާޅުވީ، އިންތިޚާބު ފަސްކުރުމާ ގުޅިގެން، ޝަކުވާ ހުށަހެޅުމާއި ރީ-ރެޖިސްޓަރީ ވުމަށް އަނެއްކާވެސް ފުރުސަތުތަކެއް ދޭންޖެހޭ ކަމަށާއި އަލުން ތާރީޚެއް އިއުލާން ކުރީ އެ ކަންކަމަށް ވެސް ބެލުމަށް ފަހު ކަމަށެވެ. އަދި ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުމަށް ފަހު، އެ ބޭފުޅުންގެ ކެމްޕެއިނަށް ގާނޫނު ބުނާ ގޮތުން 28 ދުވަސް ވެސް ދޭންޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބައެއް ކެންޑިޑޭޓުން އަޅުގަނޑުމެންނަށް ޝަކުވާ އުފުލަމުން އައި، އެބޭފުޅުން ގޭގެ އަށް ވަނީމާ، ބައެއް ގޭގެ އިން ވިދާޅުވާ ކަމަށް މިވަގުތު ގައުމުގެ ހާލަތު އޮތް ގޮތުން، އިންފްލުއެންޒާގެ ސަބަބުން ބޭރުން އަންނަ ފަރާތްތަކަށް މަރުހަބާ ދަންނަވަން އުނދަގޫވާ ވާހަކަ. އެފަދަ ނުރައްކާތެރި ހާލަތެއްގައި، ކެމްޕެއިން ކުރުމަށް ވެސް މިއޮތީ ވަރަށް ބޮޑު ދަތިތަކެއް ދިމާވެފައި،" އަކްރަމް ވިދާޅުވި އެވެ.