Roadha Mihaaru
ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން ފަސްކޮށްފި

ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން ފަސްކޮށްފި

05 މާޗް 2017

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ބުރާސްފަތިދުވަހަށް ފަސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ބުރާސްފަތިދުވަހަށް ފަސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބު ކުރުން ބުރާސްފަތިދުވަހުގެ ހެނދުނަށް ފަސްކޮށްފައިވާ ކަމަށެވެ.

ކުރިން ހަމަޖައްސާފައިވަނީ، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މިއަދު ބޭއްވުމަށެވެ.

އެ އިއުލާނުގައި ބުނީ މާލެ ފިޔަވައި އެހެން ކައުންސިލްތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުން ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ އެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާއެއްގެ ކައުންސިލް އިދާރާއެއްގަ އެވެ. އަދި މާލެ ސިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި ކަމަށް އިއުލާނުގައި ފާހަގަކޮށްފައި ވެ އެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ތިން ވަނަ ފަހަރަށް އިތުރުކޮށް އަދި ފޯމު ހުށަހެޅުމުގެ މުއްދަތު މިދިޔަ މަހާ ހަމައަށް ހަމަވިއިރު ވެސް، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ އަދަދެއް އީސީން އަދި ނުބުނެ އެވެ.