Roadha Mihaaru
ވިސާމްގެ ހުކުމުގެ މައްސަލަ އަނބުރާ ގެންދަން ގޮވާލައިފި

ވިސާމްގެ ހުކުމް އިސްތިއުނާފް ކުރި މައްސަލަ އަނބުރާ ގެންދަން ރާއްޖެ ޓީވީން ގޮވާލައިފި

17 އެޕްރީލް 2017

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށް ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އެ މައްސަލަ އަނބުރާ ގެންދިއުމަށް އެ ސްޓޭޝަނުން ރޭ ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށް ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އެ މައްސަލަ އަނބުރާ ގެންދިއުމަށް އެ ސްޓޭޝަނުން ރޭ ގޮވާލައިފި އެވެ.

ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، ވިސާމްގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ނިންމެވުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫނެވެ. އަދި ލަދުވެތި އެ ނިންމެވުމަކީ ނޫސްވެރިންނަށް ބިރު ދައްކަން ކުރި ކަމެއް ކަމަށް ރާއްޖެ ޓީވީން ބުންޏެވެ.

އެހެންވެ ވިސާމްގެ މައްސަލަ އިސްތިއުނާފު ކުރަން ނިންމި ނިންމުން، އަނބުރާ ގެނެސް، ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފުރައްސާރަ ކުރުން ހުއްޓާލަން އެ ސްޓޭޝަނުން ވަނީ ގޮވާލައިފަ އެވެ.

ރާއްޖެ ޓީވީން ބުނި ގޮތުގައި އިސްތިއުނާފު ކުރުމުގެ ހައްގު ޕީޖީ ބޭނުން ކުރައްވަނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކުގައި ކަން ސުވާލު އުފެދެ އެވެ. ބޮޑެތި ކުށްތައް ކޮށްފައި ތިބި މީހުންގެ މައްސަލަތައް އިސްތިއުނާފު ނުކޮށް، ވިސާމްގެ މައްސަލަ އިސްތިއުނާފް ކުރުމުން ދޭހަވަނީ އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ނޫސްވެރިންނަށް އަދަބު ދޭން ބޭނުންވާ މިންވަރު ކަމަށް ރާއްޖެ ޓީވީން ބުންޏެވެ.

އެ ސްޓޭޝަނުން ބުނީ ވިސާމްގެ މައްސަލަ ޝަރުއީ މަރުހަލާގައި ދެ އަހަރު ވަންދެން ބޭއްވުމަށް ފަހު، ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައެޅުމަކީ އޭނާ އަށް ނުހައްގުން ބޮޑެތި އަނިޔާތަކެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ. އަދި ފުލުފުލުގައި ރާއްޖެ ޓީވީ އަށް ބޮޑެތި ޖޫރިމަނާތަކެއް ކުރަމުން ދާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ދައުލަތުގެ މުއައްސަސާތަކުން ރާއްޖެ ޓީވީއާ މެދު ފުލުފުލުން އަޅައި ސްޓޭޝަން ބަންދުކުރާ ހާލަތަށް ދިޔަޔަސް، ރާއްޖެ ޓީވީގެ ނޫސްވެރިން މަސައްކަތް ކުރާނީ މިނިވަން މީޑިއާގެ ދިފާއުގައި ކަމަށާއި ރައްޔިތުންނަށް ޚިޔާލުފާޅު ކުރުމުގެ ހައްގުތައް ހޯދައިދީ ޑިމޮކްރަސީގެ ސިފަތައް ކުރިއެރުވުމަށާއި އިސްލާހީ މަސައްކަތްތަކަށް މަދަދުވެރިވުމަށް މަސައްކަތް ކުރާނެ ކަމަށް ރާއްޖެ ޓީވީން ބުންޏެވެ.

މީގެ ދެ އަހަރު ކުރިން، 2015 ގައި ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަތް ކަމަށް ބުނެ ވިސާމްގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅީ މި މަހުގެ ކުރީ ކޮޅު އެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ.

ފުލުހުންނަށް ހުރަސް އެޅިކަމުގެ ފުރަތަމަ ދައުވާ ވިސާމްގެ މައްޗަށް ސާބިތުވެ، މިދިއަ ޖެނުއަރީ މަހު 28،000ރ. އިން ޖޫރިމަނާ ކުރި އެވެ. އެ ހުކުމް ވިސާމްގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފަ އެވެ. ވިސާމް ޖޫރިމަނާކޮށް، ކުރިން ހުކުމްކުރީ އޮކްޓޫބަރު، 2015 ގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް ހައްޔަރު ކުރަން އުޅުނު ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވުމުންނެވެ.