Roadha Mihaaru
2016: ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑު ލޮޅުމެއް

2016: ނޫސްވެރިކަމުގެ މިނިވަންކަމަށް އެންމެ ބޮޑު ލޮޅުން

31 ޑިސެމްބަރ 2016

ރާއްޖޭގައި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން މިހާރު އޮތް ހިސާބު ވަރަށް ކުރުކޮށް މި ދަންނަވާލަނީ އެވެ؛

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ރާއްޖޭގައި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން މިހާރު އޮތް ހިސާބު ވަރަށް ކުރުކޮށް މި ދަންނަވާލަނީ އެވެ؛

ދައުލަތުގެ އޮފީހެއްގެ އެންމެ އިސް ބޭފުޅާ ބޮޑު ނޫސް ކޮންފަރެންސެއްގައި ވިދާޅުވި ވާހަކަތަކެއް މީޑިއާތަކުގައި ޝާއިއު ކުރުމާ އެކު އެކަން ރައްދުވި މީހާ ހުރިހާ މީޑިއާތަކާ ދެކޮޅަށް ދައުވާ ކުރަން ނިންމެވީ އެވެ. މުޒާހަރާއެއް ނުކުރެވެ އެވެ. ޓްވިޓާ އޮތީ ސަރުކާރުން ފާރަލާ މީޑިއާއެއްގެ ގޮތުގަ އެވެ. ޓްވިޓާގައި ސަރުކާރަށް ފާޑުކިޔަމުން ދިޔަ މަޝްހޫރު މީހަކު ހައްޔަރުކޮށް ޖަލަށް ލި އެވެ. ހަމަ އެފަދަ އެހެން މީހަކު ތަހުގީގަށް ބަންދގައި ހުންނަތާ އަހަރެއް ވީ އެވެ. ރާއްޖެއިން ބޭރުގެ މީޑިއާތަކަށް ދިން އިންޓަވިއުތަކަކަށް ފަހު، ރާއްޖޭގައި ނޫޅެވިގެން ދެ ބޭފުޅަކު ރާއްޖެއިން ބޭރަށް ހިޖުރަ ކޮށްފި އެވެ. ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައުލޫމާތުތަކެއް ފަޅާއަރުވާލި މީހާ ނުވަ މަހަށް ޖަލަށް ލާން ހުކުމް ކުރީ އެވެ. ރާއްޖޭގައި ހިންގަމުން އައި ވަރުގަދަ ތިން ނޫހެއް ސިޔާސީ ނުފޫޒުތަކުގެ ތެރޭގައި ޣަރަގުވެގެން ގޮސް ވުޖޫދުން ވެސް ގެއްލިގެން ދިޔައީ އެވެ. އެތައް ނޫސްވެރިންނެއް ތިބީ ކޯޓަށް ދަމާލަދަމާލަ އެވެ.

ދެން އޮތީ އަލަށް އުފަންވި އަބުރުގެ ގާނޫނާއި އެއްވެ އުޅުމުގެ ގާނޫނަށް އައި ނުރައްކާތެރި އިސްލާހެވެ. މިއީ، ޑިމޮކްރަސީ އަށަގަންނަމުން އަންނަ ގައުމެއްގައި ހަދަން ހެޔޮވާ ވަރުގެ ދެ ގާނޫނެއް ނޫނެވެ. ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުން ސަރުކާރުން ފިރާލައިފި އެވެ. އެކަމަކު ތެދެކެވެ؛ ސަރުކާރު އޮތީ ހިނި އައިސްފަ އެވެ.

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި މިދިޔަ އޭޕްރީލް މަހު ނޫސްވެރިން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި މިދިޔަ އޭޕްރީލް މަހު ނޫސްވެރިން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަހަރުގެ އެންމެ ނުރައްކާތެރި ހަމަލާތަކެއް ހަގީގަތުގައި އައީ ޚިޔާލުފާޅު ކުރުމަށެވެ. ހިޔާލުފާޅުކުރުމުގައި ކަސްތޮޅު އަޅުވައި "ޖަލަށް" ލުމަށް ޓަކައި މި އަހަރު ފެށުނީއްސުރެ ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން ވަނީ، ފުލުފުލުން ކޮށްފަ އެވެ. ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް އޭގެ ހަމަލަ ރާއްޖޭގެ ހުރިހާ މީޑިއާތަކަށާއި ހުރިހާ ސިޔާސީ ޕާޓީތަކަށާއި ޖުމްލަކޮށް އާންމުންނަށް ވެސް އަ އެވެ. ގާނޫނީ ފިއްތުންތަކުގެ އިތުރުން އެކިއެކި ތުހުމަތުތަކުގައި އެކި މީހުންް ބެދި، މިނިވަންކަމާ އެކު އާންމުކޮށް ޚިޔާލު ފާޅުކުރުން ބޮޑު ބިޔަ ހުރަހަކަށް ވެގެން ދިޔަ އެވެ.

ތިރީގައި މި ވަނީ މި އަހަރުގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ އިމަށް ސަރުކާރުން ފިއްތިފިއްތުންތަކާއި މީޑިއާތަކަށް އައި ހަމަލާތަކާއި ޚިޔާލުފާޅުކުރުމަށް އައި ހުރަސްތަކުގެ ޚުލާސާއެކެވެ.

ގިނަ އަދަދެއްގެ ނޫސްވެރިން ބަންދަށް

ނޫސްވެރިންގެ މުޒާހަރާގައި ހައްޔަރުކުރި ނޫސްވެރިން --ފޮޓޯ: ސޯޝަލް މީޑިއާ

ނޫސްވެރިންގެ މުޒާހަރާގައި ހައްޔަރުކުރި ނޫސްވެރިން --ފޮޓޯ: ސޯޝަލް މީޑިއާ

ނޫސްވެރިންގެ ހައްގުތަކަށް ހުރަސް ނޭޅުމަށް ގޮވާލައި، އެޕްރީލް 3 ގައި މާލޭގައި ނޫސްވެރިން ކުރި މުޒާހަރާ ވެގެން ދިޔައީ ރާއްޖޭގައި ނޫސްވެރިން މަގުމައްޗަށް ނުކުމެ ހައްގުތަކަށް ގޮވާލި މިފަދަ އެންމެ ބޮޑު މުޒާހަރާ އަށެވެ. ރައީސް އޮފީސް ކުރިމަތީގައި ބޭއްވި މި މުޒާހަރާއާ ގުޅިގެން ރާއްޖެ އިން ބޭރުން ވެސް ވަރަށް ބޮޑެތި ފިއްތުންތަކެއް ސަރުކާރަށް ކުރިމަތިވި އެވެ. ހާއްސަކޮށް މުޒާހަރާގެ ތެރެއިން 19 ނޫސްވެރިއަކު ހައްޔަރުކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަން "އިމުން ބޭރުކޮށްލި" ހަރަކާތެއްގެ ގޮތުގައި އެކި ޖަމާއަތްތަކުން ސިފަކުރި އެވެ. މި 19 ނޫސްވެރިން ހައްޔަރު ކުރުމަށް ފަހު ހަމަ އެ ރޭ ދޫކޮށްލި އެވެ. ދައުވާ ކުރަން ނިންމިއަސް، ސަރުކާރުން ފަހުން ވަނީ އެ ވިސްނުން ބަދަލުކޮށްފަ އެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިންގެ ޝަރީއަތް

ރާއްޖެ ޓީވީގެ އިސް ބޭފުޅުންނާ އެކު ދައުވާ އުފުލިފައިވާ ބައެއް ނޫސްވެރިން ލޯޔަރާ އެކު -- ފޮޓޯ: މިހާރު

ރާއްޖެ ޓީވީގެ އިސް ބޭފުޅުންނާ އެކު ދައުވާ އުފުލިފައިވާ ބައެއް ނޫސްވެރިން ލޯޔަރާ އެކު -- ފޮޓޯ: މިހާރު

ރާއްޖެ ޓީވީން ބުނާ ގޮތުގައި އެ ޓީވީ ސްޓޭޝަނަށް އަބަދުވެސް ސަރުކާރުގެ "ހަމަލާތައް" ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް އާދެ އެވެ. ރާއްޖެ ޓީވީގެ އިމާރާތުގައި ހުޅުޖެހި ހާދިސާ ހިނގިތާ އަހަރެއްހާ ދުވަސް ފަހުން ދެން ކުރިމަތިވާން ފެށީ އެހެން "ހަމަލާތަކެކެ"ވެ. އެ ސްޓޭޝަނުގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ހުކުމް ވެސް އިއްވައިިފި އެވެ. ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގަ އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ބިރު

ލޫކަސް ދޫނިދު އަށް ގެންދަނީ: ސިޔާސީ ޓްވީޓް ކުރާ މީހުންނަށް ވަރަށް ބޮޑު ބިރަކަށް ވި  -- ފޮޓޯ/ މިހާރު

ލޫކަސް ދޫނިދު އަށް ގެންދަނީ: ސިޔާސީ ޓްވީޓް ކުރާ މީހުންނަށް ވަރަށް ބޮޑު ބިރަކަށް ވި -- ފޮޓޯ/ މިހާރު

ސޯޝަލް މީޑިއާގައި ވަރަށް ނުފޫޒުގަދަ ދެ ނަމެއް ރާއްޖޭގައި ކުރިން އޮތެވެ. އެކަމަކު އެ ދެ ނަން ވެސް މިހާރު ވަނީ ގެއްލިފަ އެވެ. އޭގެ ތެރެއިން އެކަކަކީ ލޫކަަސްގެ ނަމުގައި ހަރަކާތްތެރިވާ ޝަމްއޫން ޖަލީލު އާއި ޝުމްބާގޮންގްގެ ނަމުގައި ހަރަކާތްތެރިވި އަހުމަދު އަޝްރަފެވެ. މި ދެ މީހުން ވެސް މި އަހަރުގެ ތެރޭގައި ވަނީ ޖަލުގެ ތޭރިތަކުގެ ދަށުގައި ތާށިވެފަ އެވެ. މީގެ ތެރެއިން ލޫކަސް ހައްޔަރު ކުރީ ސަލާމަތީ ބާރުތަކާ ދޭތެރޭ ނަފުރަތު އުފައްދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. މައްސަލަ ޖެހުނީ، އޭނާ ކުރި ޓްވީޓްތަކެކެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ސާބިތު ނުވެ، ތިން މަހެއްހާ ދުވަސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ޓްވިޓާގައި މަޝްހޫރު އަދި ޖަލުގައި ހުކުމްތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަރަށް ގާތް މީހެއް ކަމަށްވާ ޝުމްބާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 1، 2015 ގައި ސްރީ ލަންކާގެ ފުލުހުން މެދުވެރިކޮށެވެ. އޭނާ ރާއްޖެ ގެނައި ގޮތަށް އަދިވެސް ހުރީ ޖަލުގަ އެވެ. އޭނާގެ މައްޗަށް މިހާރު ދަނީ ޝަރީއަތް ކުރަމުންނެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ، ބިރު ދެއްކުމުގެ ދައުވާ އެވެ. މައްސަލަ އަދިވެސް ކުރިއަށް ދަނީ އެވެ. އަބުރުގެ ގާނޫނަށް ފަހު އަމިއްލަ މީސްމީހުންނަށް ޓްވިޓާގައި ވެސް އަމިއްލަ ނަމުގައި މިނިވަން ޚިޔާލުފާޅުކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެން ޓްވިޓާގައި ފާޅުކުރި ޚިޔާލަކާ ގުޅިގެން އޭނާގެ ފޯން އަތުލައި ފުލުހުން ތަހުގީގެއް ވެސް ކުރި އެވެ.

"ސްޓީލިން ޕެރެޑައިސް" އަށް ފަހު ދިރިއުޅުން ޚަރާބު

އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް އިންޓަވިއު ދެއްވަނީ: އޭނާ ވަނީ ބޭރަށް ހިޖުރަކުރައްވާފައި

އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް އިންޓަވިއު ދެއްވަނީ: އޭނާ ވަނީ ބޭރަށް ހިޖުރަކުރައްވާފައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޚިޔާނާތުގެ މައްޗަށް އަލްޖަޒީރާއިން އުފެއްދި "ސްޓީލިން ޕެރެޑައިސް" ސެޕްޓެމްބަރު 3 ވަނަ ދުވަހު ދެއްކުމާ އެކު އޭގެ އެންމެ ބޮޑު ބިރުވެރިކަމެއް ކުރިމަތިވީ އެއަށް މައުލޫމާތާއި އިންޓަވިއު ދިން މީހުންނަށެވެ. އޭގެ ތެރޭގައި، މޯލްޑިވްސް އިންޑިޕެންޑެންޓްގެ އެޑިޓަރު ޒަހީނާ ރަޝީދާއި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ހިމެނެ އެވެ. އެ ޕްރޮގްރާމް ދުނިޔެ އަށް އާންމު ކުރުމާ އެކު ދެ މީހުން ވެސް ވަނީ ލަންކާ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ދެ މީހުން ވެސް ބުނެފައި ވަނީ، ރާއްޖޭގައި އުޅުން ރައްކާތެރި ނޫން ކަމަށެވެ.

އަބުރުގެ ގާނޫނާއި އެއްވެ އުޅުމުގެ ގާނޫނު

އަބުރުގެ ބިލާ ދެކޮޅަށް ނޫސްވެރިން ބޮޑު މުޒާހަރާއެއްގައި: 2016 އަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅި އަހަރެއް .-- ފޮޓޯ: އިމޭޖަސް.އެމްވީ

އަބުރުގެ ބިލާ ދެކޮޅަށް ނޫސްވެރިން ބޮޑު މުޒާހަރާއެއްގައި: 2016 އަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅި އަހަރެއް .-- ފޮޓޯ: އިމޭޖަސް.އެމްވީ

އަބުރުގެ ގާނޫނެއް އުފަންވީ ކޮން ބޭނުމެއްގައި ކަން އެންމެންނަށް ވެސް އެނގެ އެވެ. އެއީ މިނިވަން ނޫސްވެރިކަން މަރާލުމެވެ. އަބުރު ރައްކާތެރިކޮށްދިނުމަކީ މި ގާނޫނުގެ ހަގީގީ ސަބަބު ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް އާޚިރު ނަތީޖާ އަކީ ރާއްޖޭގައި އޮތް މިނިވަން ނޫސްވެރިކަން ކަފުންކުރުމެވެ. އެކަމަކު އަބުރުގެ ދައުވާތައް އަދިވެސް ވަކި މަދެއް ނޫނެވެ. އަބުރުގެ ގާނޫނު ނެތް އިރު ވެސް ދައުވާތައް އޮތީ މި ގޮތުގަ އެވެ. ނަމަވެސް ގާނޫނަށް ފަހު އައި ބިިރުވެރި ކަމަކީ، ތާކުންތާކު ނުޖެހޭ ކަންތައްތަކުގައި ވެސް އަބުރުގެ ދައުވާތައް އުފުލުމުގެ ފުރުސަތު އޮވެ އެގޮތަށް އަމަލު ވެސް ކުރަމުންދާ ކަމެވެ. މިނިވަންކަމާ އެކު ފާޅުކުރާ ކޮންމެ ޚިޔާލަކާ އެކު ކޯޓަށް ގެންގޮސް ނުކުޅަދާނަވަރުގެ ޖޫރިމަނާއެއް އައުމުގެ ބިރު އޮތީ އިންތިހާ އަށެވެ. ނޫސްވެރިން އަބުރުގެ އެކިއެކި ތަހުގީގުތަކަށް ގެންގޮސް، ނޫސްވެރިކަމުގައި މިހާރު ހުރި ހުޅުކޮޅު ވެސް ދެމެހެއްޓިދާނެ ކަމުގެ އުންމީދު އޮތީ ގެއްލިފަ އެވެ.

އިދިކޮޅު އިއްތިހާދަށް ތާއީދުކުރާ ބަޔަކު މާލޭގައި ބޭއްވި މުޒާހަރާއެއް ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އިދިކޮޅު އިއްތިހާދަށް ތާއީދުކުރާ ބަޔަކު މާލޭގައި ބޭއްވި މުޒާހަރާއެއް ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ދައުލަތުގެ މަތީ ޒިންމާތަކާ ހަވާލުވެގެން ތިބި މީހުންނާ މެދު ޚިޔާލު ފާޅުކުރެވޭކަށް ނެތެވެ. އެ މީހުންގެ ފަރާތުން ފެންނަ ޒިންމާދާރުކަން ކުޑަ ކަންކަމާ ގުޅޭ ގޮތުން އެ މީހުންގެ ނަން ބޭނުންކޮށްގެން އެއްޗެއް ލިޔަން ނޫސްވެރިން ޖެހިލުންވާނެ އެވެ. އެއިން މީހަކު މައްސަލަ ހުށަހަޅާއިރު ބަލަން ޖެހޭ މުއައްސަސާތައް އޮތީ ސަރުކާރުގެ އަތް ދަށުގަ އެވެ. އެހެންކަމުން މިހާރު ނޫސްވެރިކަން ކުރަން ޖެހެނީ، ރައްޔިތުންގެ ހައްގުގައި އަޑުއުފުލަން ޖެހޭ އެތައް ކަމެއްގައި ހިމޭނުން ތިބެގެންނެވެ. އެއީ ގާނޫނުން އުފެދުނު ބިރެވެ.

ހަމައެއާ އެކު މި އަހަރުގެ ތެރޭގައި ވައްޓާލި އަނެއް ބޮމަކީ އެއްވެ އުޅުމުގެ ގާނޫނަށް އައި އިސްލާހެވެ. މި އިސްލާހުގެ ކުރިން ވެސް، މި ސަރުކާރު ވެރިކަމަށް އައި ފަހުން ފަހަކަށް އައިސް މުޒާހަރާ ކުރުން ވަނީ އިންތިހާ އަށް ދަތިވެފަ އެވެ. މަގުމައްޗަށް ނުކުމެ ޚިޔާލުފާޅުކުރުން އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. ގާނޫނަށް އައި އިސްލާހާ އެކު މުޒާހަރާ ކުރެވޭ ހަމައެކަނި ތަނަކަށް ކާނިވާ ސަރަހައްދު ހިމެނިގެން ދިއުމަކީ އަޖައިބެއް ކަހަލަ ކަމެކެވެ.

ސީދާ ނޫސްތަކަށް ދިން ހަމަލަތައް

އޭޕްރީލް 3، 2016 ގައި ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ކުރި މުޒާހަރާ

އޭޕްރީލް 3، 2016 ގައި ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ކުރި މުޒާހަރާ

ނޫސްވެރިކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރަމުން އައި އޮންލައިން ނޫސް، ސީއެންއެމް މި އަހަރުގެ ތެރޭގައި ނައްތާލީ، ވަރަށް ގިނަ ސިޔާސީ ހަމަލާތަކެއް އައިސްގެން ކަމަށް އެ ނޫހުގެ އެއް ހިއްސާދާރު އަދި އެޑިޓަރު ތުހުމަަތު ކުރެ އެވެ. އެ ނޫހުގެ މައްސަލައަކަށް ވީ، ސިޔާސީ ކަންކަމަށް ފާޑުކިޔުމާއި ކޮރަޕްޝަނުގެ ވާހަކަތައް ދެއްކުމެވެ. ހަމަ އެހެންމެ، އައްޑޫލައިވްްގެ ނަމުގައި، އައްޑޫގައި ހިންގަމުން އައި އޮންލައިން ނޫސް ވެސް ވަގުތީ ގޮތުން ހުއްޓާލަން ކުރިމަތިވި މައިގަނޑު ސަބަބަކީ ސަރުކާރުގެ ފިއްތުން ކަމަށް އެ މީހުން ތުހުމަތު ކުރި އެވެ. އެ ނޫސް އަލުންް ރަޖިސްޓްރީކޮށްގެން އެނބުރި އައިއިރު ސީއެންއެމްގެ ޓީމު ވެސް ދާދި ފަހުން ވަނީ "ވީއެފްޕީ"ގެ ނަމެއްގައި މަސައްކަތް ފަށައިފަ އެވެ. "ހަވީރާ"އި "ހަވީރު އޮންލައިންް" ވެސް ހުއްޓާލީ އަޑީގައި ސިޔާސީ ނުފޫޒުތަކެއް އޮވެގެން ކަަމަށް ތުހުމަތު ކުރެވެ އެވެ.

ޔަގީނުން ވެސް 2016 އަކީ، އާ ގާނޫނުއަސާސީ އަށް ފަހު ރާއްޖޭގެ ނޫސްވެރިކަމަށް އެންމެ ބޮޑު ބަނަކަމެއް، އެންމެ ބޮޑު ލޮޅުމެއް، އައި އަހަރެވެ. އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން، ރައްޔިތުންގެ އަސާސީ ހައްގުތަކެއް ފޭރިގަތުމުގެ މަސައްކަތެވެ.