ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ޕޭ ކޮމިޝަންގެ ހަތަރު މެންބަރުންނަށް މަހު މުސާރައިގެ ގޮތުގައި 42،000ރ. ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.
11 އެޕްރީލް 2017
ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ޕޭ ކޮމިޝަންގެ ހަތަރު މެންބަރުންނަށް މަހު މުސާރައިގެ ގޮތުގައި 42،000ރ. ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ކަނޑައެޅި 42،000ރ.ގެ ތެރެއިން ކޮމިޝަންގެ ނައިބު ރައީސަށް ލިބޭނީ 12،000ރ. ގެ މުސާރައެކެވެ. ކޮމިޝަންގެ އަނެއް ތިން މެމްބަރުންނަށް ކަނޑައެޅީ 10،000ރ.ގެ މުސާރައެކެވެ. ކޮމިޝަންގެ ރައީސްގެ ގޮތުގައި ފިނޭންސް މިނިސްޓަރު ހުންނަވާ އިރު، އެ މަގާމަށް މުސާރައެއް ކަނޑައެއް ނާޅަ އެވެ. ކޮމެޓީން އެ ގޮތަށް ފާސް ކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޕޭ ކޮމިޝަނުގެ މެމްބަރުންނަށް މުސާރައިގެ އިތުރުން އެކިއެކި ގާނޫނުތަކުގެ ދަށުން ލިބޭ އިނާޔަތްތައް ފިޔަވައި އިތުރު އިނާޔަތެއް ލިބިވަޑައިނުގަންނަވާނެ ކަމަށް ވެސް މާލިއްޔަތު ކޮމެޓީން ވަނީ ނިންމައިފަ އެވެ.
ކޮމެޓީން މި ގޮތަށް ކަނޑައެޅި ނަމަވެސް، މާލިއްޔަތު ކޮމެޓީގެ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ހުށަހަޅައި ފާސް ކުރަން ޖެހޭނެ އެވެ. އެގޮތުން ކޮމެޓީގެ ރިޕޯޓު މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މިނިސްޓަރު މުނައްވަރުގެ އިތުރުން ކޮމެޓީގައި ތިއްބަވަނީ އެ އޮފީހުގެ އަންޑަ ސެކްރެޓެރީ ޑރ. އިސާމް މުހައްމަދާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިއުމަން ރިސޯސް ޑިވިޝަންގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަ ލުބްނާ އަބްދުލްގާދިރާއި، ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓެރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލާއި ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ ފާތުމަތު ރަޒީނާ އެވެ.
ޕޭ ކޮމިޝަނުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައަޅައި، މުސާރައިގެ ކުރިއެރުން ދީ، ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ދެވިދާނެ އިނާޔަތްތަކާއި، ވަޒީފާ އިން ވަކިވެގެންދާއިރު އިނާޔަތްތައް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދެ އެވެ.
މީގެ އިތުރުން މާލިއްޔަތު ކޮމެޓީން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަސްވެރިންނާއި އޮޑިވެރިން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ފިޝަރީޒް މިނިސްޓްރީން މަސްވެރިންނަށް ދޫކުރި ދޯނިތަކަށްވާ ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވާތީ އެކަމަށް ލުޔެއް ހޯދައި ދިނުމަށް ނިންމައިފަ އެވެ.
ދިގު މުއްދަތަކަށް ފައިސާ ދައްކާ ހަލާސް ކުރާ އުސޫލުން މަސްވެރިންނަށް ދިން ދޯނިތަކަށްވާ ފައިސާ ނުލިބިވާކަން ފިޝަރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާތީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ހުށަހަޅުއްވައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ތާއީދު ކުރެއްވީ އެ މައްސަލަ ބަލައި ލުއި ގޮތްތަކެއް ހޯދައި ދިނުމަށެވެ. އެ މައްސަލަ ދިރާސާކޮށް ނިންމުމަށް ސަބް ކޮމެޓީއަކަށް ފޮނުވާފައިވާއިރު، އެ ކޮމެޓީގެ މުގައްރިރަކަށް ހަމަޖައްސާފައި ވަނީ ރިޔާޒެވެ.
މަސްވެރިންނާއި އޮޑިވެރިން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ސާޙީހެއްހާ ދޯނި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އިރު އެ ދޯނިތަކުން ދައުލަތަށް 28 މިލިއަން ރުފިޔާ ލިބެން ޖެހެ އެވެ.
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"
ރައީސާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
ސަރުކާރަށް ދަރާފައިވާނަމަ މަޝްރޫއު ނުދޭން ފާސްކޮށްފި
ނުހައްގުން ހޯދާ ފައިސާއިން ހުޅުމާލެއިން ފްލެޓާއި ބިން!
ހުރިހާ ކުށްވެރިންނަކީ މަޖިލިސް މެމްބަރުން: ސަލީމް
އިދާރާތަކުގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
ހަރަދު ކުޑަކުރަން މުސާރަތަކާ ކުޅެން ކޮމިޓީން ދެކޮޅު
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
އިބޫގެ މައްޗަށް ތަހުގީގު ހިންގަން އަންގަން ފާސްކޮށްފި
ބަދަލުގެގޮތުގައި ދިން ފައިސާ ދައުލަތަށް އަނބުރާ ހޯދަނީ