Roadha Mihaaru

ސަރުކާރަށް ދަރާފައިވާ ކުންފުނިތަކަށް އިތުރު މަޝްރޫއުތައް ނުދޭން އަންގަން ފާސްކޮށްފި

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ހަވާލު ނުކުރެވޭ ގޮތަށް ނިޒާމުތައް ބަދަލުކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރަށް ދަރާފައިވާނަމަ މަޝްރޫއު ނުދޭން ފާސްކޮށްފި

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ހަވާލު ނުކުރެވޭ ގޮތަށް ނިޒާމުތައް ބަދަލުކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުން ފައިސާ ނުދައްކާ މައްސަލަ ބޮޑުވެ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު ނެރުނު ރިޕޯޓުގައިވާ ގޮތުން، އެޗްޑީސީ އަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

އޭގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތައް ވެސް ހިމެނޭއިރު، އަމިއްލަ ކުންފުނިތަކުން 1.16 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައި ބުނީ، ކުލީގެ ގޮތުގައި އެޗްޑީސީއަށް ފައިސާ ނުދައްކާ ގިނަ ކުންފުނިތަކަކީ، ހުޅުމާލޭގައި ވަރަށް ގިނަ ބިންތައް ނަގައި، އެ ބިންތައް ބޭނުންކޮށްގެން ވިޔަފާރި ކުރަމުންދާ ބައެއް ކަމަށްވާއިރު، އެ ކުންފުނިތަކަށް އިތުރު ބިންތައް ދޫކޮށްފައިވާ ކަމަށެވެ.

އޭގެތެރެއިން ބައެއް އެއްބަސްވުންތައް ބާތިލުކޮށްފައި ވިޔަސް، ލިބެންޖެހޭ ފައިސާ ހޯދުމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، އެ ފައިސާ އެޗްޑީސީ އަށް ހޯދުމަށްޓަކައި ޖުމްލަ ހަތް ކަމެއް ކުރުމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

އެ ފައިސާ އަނބުރާ ހޯދާނެ ޕްލޭނަކާއި ކުންފުނިތަކަށް ލުއި ދިނުމާއި މައާފު ދިނުމުގެ އުސޫލެއް އެކުލަވާލައި، 30 ދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަހެޅުމާއި ފައިސާ ނުދައްކާ ކުންފުނިތަކުގެ އެސެޓުތަކުގެ ތެރެއިން، އެޗްޑީސީއަށް އިހުތިޔާރު ލިބޭ އެސެޓުތައް ހިފެހެއްޓުމާއި އެޗްޑީސީގެ ބިޑުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އެ ކުންފުންޏަށް އެއްވެސް ދައްކަންޖެހޭ ފަރާތެއްތޯ ކަށަވަރު ކުރުން ހިމެނެ އެވެ.

މީގެއިތުރުން، ސަރުކާރުން ހިންގާ މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކަކީ ސަރުކާރަށް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަޔަކަށް ފައިސާ ނުދައްކާ ކުންފުންޏެއްތޯ ކަށަވަރު ކޮށްފައި ނޫނީ މަޝްރޫއުތައް ހަވާލު ނުކުރުވޭ ގޮތަށް ނިޒާމް ބަދަލުކުރަން ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އަދި ސަރުކާރުން ލިބެންޖެހޭ ފައިސާ އާއި ސަރުކާރުން ދޭންޖެހޭ ފައިސާ އޮފްސެޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރަން ފިނޭންސަށް އެންގުމާ އެކު، މިހާރަށް ވުރެ ދެފުށް ފެންނަ ގޮތެއްގެ މަތިން ސީއެސްއާރުގެ ކަންކަން ކުރިއަށް ގެންދަން އެޗްޑީސީ އަށް އެންގުމަށް ވެސް ކޮމިޓީ ރިޕޯޓުގައިވެ އެވެ.

މާލިއްޔަތު ކޮމިޓީގެ މި ނިންމުންތަކާ އެކު ކޮމިޓީ ރިޕޯޓު މަޖިލީހުގެ މިއަދު ޖަލްސާގައި ފާސްކޮށްފައިވަނީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.