15 ނޮވެމްބަރ 2016
އަންނަ އަހަރު ބޮޑު އާ މަޝްރޫއެއް ނުފަށާނެ ކަމަށާއި އެކަމަކު މިހާރު ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ނިންމައި ދިގު މުއްދަަތަކަށް ރައްޔިތުންނަށް ފައިދާ ވާނެ މަޝްރޫއުތަކަށް އިސްކަން ދޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އަންނަ އަހަރު ބޮޑު އާ މަޝްރޫއެއް ނުފަށާނެ ކަމަށާއި އެކަމަކު މިހާރު ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ނިންމައި ދިގު މުއްދަަތަކަށް ރައްޔިތުންނަށް ފައިދާ ވާނެ މަޝްރޫއުތަކަށް އިސްކަން ދޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން ޖުމްލަ 26.8 ބިލިއަން ރުފިޔާގެ ބަޖެޓުން އަށް ބިލިއަން ރުފިޔާ (29.8 ޕަސެންޓް) އާއްމު ތަރައްގީގެ މަޝްރޫއުތަކަށް (ޕީއެސްއައިޕީ) އަށް ހަރަދުކުރާނެ އެވެ. އެއީ އާއްމު ބަޖެޓުން 4،368.7 މިލިއަން ރުފިޔާ އާއި ބޭރުގެ ލޯނުން 2،872.2 މިލިއަން ރުފިޔާ އަދި ހިލޭ އެހީން 397.1 މިލިއަން ރުފިޔާ އެވެ.
ޕީއެސްއައިޕީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި އެކި މެމްބަރުން ވަނީ އެ ބޭފުޅެއްގެ ދާއިރާގައި ހިންގަން ރާވާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުންނާއި ބަޖެޓުގައި ހިމަނާފައި ނެތް ބައެއް މަޝްރޫއުތަކާ ބެހޭ ގޮތުން ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރައްވައިފަ އެވެ. އެ ގޮތުން، ބައެއް ރަށްރަށުގެ ސްކޫލުތަކާއި ސިއްހީ މަރުކަޒުތައް މަރާމާތުކުރަން ބަޖެޓުގައި ހިމަނާފައި ނެތް ކަމަށާއި ފުލުހުންގެ މަރުކަޒު ފަދަ މުހިއްމު ތަންތަން ގާއިމްކުރަން ވެސް ބަޖެޓުކޮށްފައި ނެތް ކަމަށް ވިދާޅުވެ، ބައެއް މެމްބަރުން ވަނީ އެ ބައްދަލުވުމަށް ވަޑައިގެންނެވި އިކޮނޮމިކް ކައުންސިލްގެ ޗެއާ އަހުމަދު ޒުހޫރާއި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އަދި ސްޓޭޓް އެންވަޔަރަމެންޓް މިނިސްޓަރު އަބްދުލް މަތީނާ ސުވާލުތައް ކުރިމަތިކުރައްވައިފަ އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ އަންނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓު އެކުލަވާލުމުގައި ބެލީ މައިގަނޑު ދެ ކަމަކަށް ކަމަށެވެ. އެއީ އާ މަޝްރޫއުތައް ފެށުމުގެ ބަދަލުގައި މިހާރު ފަށާފައިވާ ކަންކަން ނިންމުމުގެ އިތުރަށް، ގިނަ ރައްޔިތުންތަކަކަށް ދާއިމީ ގޮތަކަށް ފައިދާވާނެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންވެ، ޕީއެސްއައިޕީގެ ބަޖެޓު މާލެ އާއި ރަށްރަށަށް ވެސް ހަމަހަމަކޮށް ބެހުމަށް އިސްކަން ދީފައިވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި ރައްޔިތުންނާ އެންމެ ގުޅުންހުރި ދާއިރާތައް ކަމަށްވާ މަސްވެރިކަމާއި ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތަކާ އަދި ކުނި މެނޭޖްކުރުން ފަދަ ތިމާވެށި ރައްކާތެރި ކުރުމަށް ކުރަންޖެހޭ ކަންކަމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންނަ އަހަރު އިތުރު ކްލާސް ރޫމްތަކެއް ނާޅާނަން. އަދި ސިއްހީ ދާއިރާގައި ވެސް އެފަދަ ޕްރޮޖެކްޓުތަކެއް ކުރިއަކަށް ނުގެންދާނަން،" މިދިޔަ ދެތިން އަހަރުގެ ތެރޭގައި އެފަދަ މަރާމާތުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހައުސިން މިނިސްޓްރީއާ ގުޅުންހުރި މަޝްރޫއުތަކުގެ ތެރޭން ވެސް އަންނަ އަހަރު ކުރިއަށް ގެންދާނީ، ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި، މިހާރު ފަށަން ތައްޔާރުވެފައިވާ ނުވަތަ ކުރިއަށް ގެންދަމުން އަންނަ މަޝްރޫއުތަކެވެ. އެ ގޮތުން، އޭނާ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ވެސް ހިންގަމުން އަންނަ ފްލެޓު އެޅުމުގެ މަޝްރޫއުތަކާއި އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތާއި އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމާއި މާލޭގައި ހަދަމުން އަންނަ އިންޑަސްޓްރިއަލް ވިލެޖުގެ ބައެއް ބައިތަކެވެ.
"މީގެ ތެރޭގައި މިހުރީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ޕްރޮޖެކްޓުތައް. މިސާލަކަށް، އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް. މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަންނަ އަހަރު އެއްވެސް ރަށެއްގައި އިތުރު ކްރާސްރޫމްތައް އެޅުން ފަދަ މަޝްރޫއުތައް ނުހިންގާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވަމުން ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވާ ޒުހޫރު ވިދާޅުވީ އަންނަ އަހަރު ޕީއެސްއައިޕީގެ ބޮޑު އެއްވެސް ޕްރޮޖެކްޓެއް އަލަށް ނުފަށާނެ ކަމަށެވެ. އަންނަ އަހަރު ކުރިއަށް ގެންދާނީ، އޭނާ ވިދާޅުވި ގޮތުގައި، ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އަދި ރައްޔިތުންނަށް ދިގު މުއްދަތަކަށް ފައިދާ ލިބޭނެ ފަދަ މަޝްރޫއުތަކެވެ.
"ޕޮލިސް ސްޓޭޝަން އެޅުމަކީ ރިކަރަންޓު ހަރަދު ބޮޑުވާ ކަމެއް. އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ވަރަށް ހަރަދު ކުޑަ ބަޖެޓެއް. އެހެންވީމަ، އަންނަ އަހަރު އެއްވެސް ރަށެއްގައި ޕޮލިސް ސްޓޭޝަނެއް ނާޅާނެ،" ދ. މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް މިދިޔަ ހަތަރު އަހަރުގެ ބަޖެޓުގައި ހިމެނިޔަސް އެކަން ކޮށްފައި ނުވާ ކަމަށް ވިދާޅުވެ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުރެއްވި ސުވާލުގެ ޖަވާބުގައި ޒުހޫރު ވިދާޅުވި އެވެ.
"މީގައި އެބަ ބަލަންޖެހޭ އެހެން ކަންކަމަށް ވެސް. ހަމަ ތިބެފައެއް ޕޮލިސް ސްޓޭޝަނެއް ނޭޅޭނެ. އެ ރަށެއްގެ ކުށުގެ ރެކޯޑަށް ވެސް ބަލާނެ. ކޮންމެ ރަށެއްގައި ޕޮލިސް ސްޓޭޝަނެއް އެޅުމަކީ މުހިއްމު ކަމެއް ނޫން."
ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ޕީއެސްއައިޕީގެ ބަޖެޓާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ. ކޮމިޓީގެ ކޯރަމް ގެއްލިގެން އެ ބައްދަލުވުން ނިންމާލީ، މާދަމާ މެންދުރުފަހު ބާއްވާ ކޮމިޓީގެ ބައްދަލުވުމެއްގައި ޕީއެސްއައިޕީގެ ބަޖެޓާ ގުޅޭ ގޮތުން ގޮތްތަކެއް ނިންމުމަށެވެ.
ޕީއެސްއައިޕީ އަށް ބަޖެޓުކޮށްފައިވާ ފައިސާ އަންނަ އަހަރު ޖުމްލަ 704 މަޝްރޫއަކަށް ހަރަދުކުރަން ވަނީ ނިންމައިފަ އެވެ. އެއީ އަލަށް ފަށާ 293 މަޝްރޫއަކަށް 2.9 ބިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 5.36 ޕަސެންޓް) އާއި މިހާރު ކުރިއަށް ދާ 411 މަޝްރޫއަކަށް 5.1 ބިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 63.6 ޕަސެންޓް) އެވެ.
ޕީއެސްއައިޕީ ބަޖެޓުގެ ބޮޑު ބައެއް ހަރަދުކުރަން ހުށަހަޅާފައި ވަނީ މައިގަނޑު 16 މަޝްރޫއަކަށެވެ. އެއީ:
- ހުޅުމާލެ ތަރައްގީކުރުން: 121 މިލިއަން ރުފިޔާ
- ހދ. ކުޅުދުއްފުށީ އެއާޕޯޓު (ބިން ހިއްކުމާ އެކު): 157 މިލިއަން ރުފިޔާ
- ށ. ފުނަދޫ އެއާޕޯޓު (ބިން ހިއްކުމާ އެކު): 150 މިލިއަން ރުފިޔާ
- ގދ. ފަރެސްމާތޮޑޯ އެއާޕޯޓު (ބިން ހިއްކުމާ އެކު): 147 މިލިއަން ރުފިޔާ
- ފ. ނިލަންދޫ އެއާޕޯޓު (ބިން ހިއްކުމާ އެކު): 171 މިލިއަން ރުފިޔާ
- އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް: 1.3 ބިލިއަން ރުފިޔާ
- ބިން ހިއްކާފައިވާ ތަންތަނުގައި އަޅާ 600 ހައުސިން ޔުނިޓު: 90 މިލިއަން ރުފިޔާ
- ސައުދީ ރަސްގެފާނުގެ މިސްކިތް: 230 މިލިއަން ރުފިޔާ
- މާލެ-ހުޅުލެ ބްރިޖު: 287 މިލިއަން ރުފިޔާ
- މައި އެއާޕޯޓު ތަރައްގީކުރުން: 864 މިލިއަން ރުފިޔާ
- ވިޔަފާރި ބޭނުމަށް 10 ހެކްޓަރަށް ވުރެ ބޮޑު 20 ފަޅު ހިއްކުން: 107 މިލިއަން ރުފިޔާ
- ތިލަފުށީގައި އިންސިނަރޭޓަރެއް ބެހެއްޓުން: 100 މިލިއަން ރުފިޔާ
- ފިނޭންސްގެ އާ އިމާރާތް: 132 މިލިއަން ރުފިޔާ
- ފެނާއި ނަރުދަމާ: 101 މިލިއަން ރުފިޔާ
- އެެހެނިހެން މަޝްރޫއުތައް: ހަތަރު ބިލިއަން ރުފިޔާ
މެމްބަރުން ހުށަހެޅުއްވި 21 މަޝްރޫއެއް ބަޖެޓަށް
26.8 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
ބަޖެޓަށް ބަދަލު ގެނެވޭނެ އުސޫލެއް ހަދަން ޖެހޭ: ޒިޔަތު
އާސަންދަ އާއި މުސާރަ ކުޑަ ނުވާނެ، މަދުކުރާނީ އިސްރާފު
31 ބިލިއަންގެ މަޝްރޫއު ހިންގަން ލިބުނީ 5 ބިލިއަން
ދައުލަތުގެ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
2017ގެ ބަޖެޓް، ރައްޔިތުންގެ ގޮވުމަށް އިޖާބަ ދޭތަ؟
ނަގަން ޖެހޭ ޓެކުހާ ދިމާލަށް ދާން ނުކެރެނީ ކީއްވެ؟
ބޮޑު 16 މަޝްރޫއު: 4 އެއާޕޯޓު، 20 ފަޅު ހިއްކުން
މަޖިލީހަށް ބަޖެޓު ފޮނުވައިފި، 26 ބިލިއަން ރުފިޔާ