02 ނޮވެމްބަރ 2016
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ. މި ފަހަރު ހުށަހަޅާފައި ވަނީ މި އަހަރަށް ވުރެ ބިލިއަނެއްހާ ރުފިޔާ ކުޑަކޮށް، 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ. މި ފަހަރު ހުށަހަޅާފައި ވަނީ މި އަހަރަށް ވުރެ ބިލިއަނެއްހާ ރުފިޔާ ކުޑަކޮށް، 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި ބަޖެޓަށް ބަހުސް ކުރާނެ ވަގުތު ކަނޑައަޅައި ދިނުމަށް އެދި މަޖިލީހުގެ އިދާރާ އިން އާއްމު ކޮމިޓީ އަށް މިއަދު ސިޓީ ފޮނުވާފައިވާ ކަމަށް ވެސް ވެ އެވެ. އެކަމަކު، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް، ޖަލްސާތަކުގެ އެޖެންޑާ ބަލަހައްޓާ ސެކްޝަނަށް އަދި ބަޖެޓެއް ނުފޮނުވަ އެވެ.
މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ. މި ފަހަރު ބަޖެޓު ހުށަހަޅާފައި މި ވަނީ އޮކްޓޯބަރު މަހުގެ އެންމެ ފަހު ދުވަހު އެވެ.
މަޖިލީހަށް ބަޖެޓު ފޮނުވިކަން ސަރުކާރުން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު، ފިނޭންސް މިނިސްޓަރު މުހައްމަދު މުނައްވަރަށް ކުރި މެސެޖެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ބަޖެޓު ހުށަހެޅުން އަންނަ ހަފުތާގައި އޮންނާނެ ކަމަށާއި އޭރުން ތަފްސީލުތައް އެނގޭނެ ކަމަށެވެ.
ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ވަނީ ދެ އިސްލާހެއް ގެނެސްފަ އެވެ. އެ ގޮތުން، ބަޖެޓް ބަހުސް ފަށަން ވާނީ މަޖިލީހަށް ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް ބުނި މާއްދާ އުވާލައި ބަޖެޓު ހުށަހަޅާ ދުވަހު ބަހުސް ފެށޭ ގޮތް ވަނީ ހަދާފަ އެވެ. އަދި ބަޖެޓާ ގުޅޭ ގޮތުން ބޭނުންވާ އިތުުރު މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންނެވޭނީ ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް އޮތް އޮތުން ވެސް ބަދަލުކޮށް، ބަޖެޓު ބަހުސް ކުރިއަށް ދާއިރު އެ މައުލޫމާތު ހޯދަން ހުށަހެޅޭ ގޮތަށް ވަނީ އިސްލާހުކޮށްފަ އެވެ.
އެހެންވެ، އަންނަ ހަފުތާގައި މަޖިލީހުގެ ތަޅުމަށް ބަޖެޓު ހުށަހެޅުމާ އެކު، ހަމަ އެ ދުވަހު ބަޖެޓުގެ ބަހުސް ފެށޭނެ އެވެ.
އަންނަ އަހަރަށް ހުށަހަޅާފައި ވަނީ، އެނގިފައިވާ ގޮތުގައި، ގާތްގަނޑަކަށް 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު، މަޖިލީހުން ބަޖެޓު ފާސްކުރާއިރު އެ އަދަދު ބޮޑުވުން ނުވަތަ ކުޑަވުން ވެސް އެކަށީގެންވެ އެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މަޖިލީހުން ފާސްކޮށް ދިނީ 27.5 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓުގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 16.8 ބިލިއަން ރުފިޔާއި އެ ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 3.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ޖަހާފައިވާ 1.5 ބިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ހަތަރު ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ބަޖެޓު ޑެފިސީޓަކީ 3.4 ބިލިއަން ރުފިޔާ (ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަ ޕަސެންޓް) ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. އެކަމަކު، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ، ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުމްލަ 11.39 ބިލިއަން ރުފިޔާ އެވެ. އެހެންވެ، ބަޖެޓު ޑެފިސިޓް އަންދާޒާ ކުރި ވަރަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.
އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅިއިރު، މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ މިހާރު ގާތްގަނޑަކަށް ދެ ހަފުތާ ވަނީ ވެފަ އެވެ. ޖަލްސާތައް މެދުކަނޑާލާފައި ވަނީ އެޖެންޑާ ކުރާނެ ކަމެއް ނެތިގެން ކަމަށް މަޖިލީހުގެ އިދާރާ އާއި މަޖިލިސް ކޮންޓްރޯލް ކުރާ ސަރުކާރުގެ މެމްބަރުން ވިދާޅުވިޔަސް، އިދިކޮޅު ފަރާތްތަކުން ބުނަނީ ޖަލްސާތައް ނުބާއްވަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.
1.4 ބިލިއަން ރުފިޔާ ހޯދަން ބޮންޑާއި ސުކުކް ވިއްކަނީ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
ބަޖެޓު ދިރާސާ ކުރުމަށް މެމްބަރުންނަށް ހަފުތާއެއް ދީފި
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
މާލީ ހާލަތުގެ ހަގީގަތް ކިޔައިދޭން ނާޒިމްގެ އިލްތިމާސް
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް
އަންނަ އަހަރަށް ލަފާ ކުރަނީ 37 ބިލިއަންގެ ބަޖެޓެއް
ރިޒާވް 1 ބިލިއަން ޑޮލަރަށް އިތުރުކުރާނަން: ރައީސް