Roadha Mihaaru
1.4 ބިލިއަން ރުފިޔާ ހޯދަން ބޮންޑާއި ސުކުކް ވިއްކަނީ

1.4 ބިލިއަން ރުފިޔާ ހޯދަން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކުކް ވިއްކަނީ

08 ނޮވެމްބަރ 2016

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ފައިސާ ހޯދުމުގެ ގޮތުން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކުކް ވިއްކައިގެން 1.4 ބިލިއަން ރުފިޔާ ހޯދަން 2017 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ފައިސާ ހޯދުމުގެ ގޮތުން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކުކް ވިއްކައިގެން 1.4 ބިލިއަން ރުފިޔާ ހޯދަން 2017 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އަންނަ އަހަރުގެ ބަޖެޓް ފޮތުގައި ބުނެފައި ވަނީ އަންނަ އަހަރު ވިއްކަން ގަސްދުކުރާ ބޭރު ފައިސާގެ ސޮވަރިން ސުކުކްއަކީ ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ވިއްކާ ފުރަތަމަ އިސްލާމިކް ފައިނޭންޝަލް އިންސްޓްރޫމަންޓް ކަމަށެވެ. އަދި އެ ފައިސާ ހަރަދުކުރަން ހަމަޖެހިފައި ވަނީ އައިޖީއެމްއެޗްގައި ހަދާ 25 ބުރީގެ އިމާރާތަށް ކަމަށާއި އެ މަޝްރޫއުގެ އިތުރުން އެހެން މަޝްރޫއުތަކަށް ބޮންޑު ވިއްކައިގެން ހަރަދުކުރަން ހަމަޖެހިފައިވާ ކަމަށް އެފޮތުގައި ބުނެފައިވެ އެވެ.

ބަޖެޓްގައި ނުހިމަނައި މިއަހަރުގެ ކުރީކޮޅު ސިންގަޕޫރުގެ ޗަންހުއާ ކިޔާ ކުންފުންޏަކާ ހަވާލުކުރި ޕްރޮޖެކްޓަށް ތިން އަހަރުގެ ތެރޭގައި 140 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހެ އެވެ.

ބަޖެޓް ފޮތުގައި ބުނެފައި ވަނީ އަންނަ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް ހުންނާނީ 303.7 މިލިއަން ރުފިޔާގައި ކަމަށާއި އެ ޑެފިސިޓް ފައިނޭންސްކުރަން ނިންމާފައި ވަނީ މައިގަނޑު ގޮތެއްގައި ރާއްޖެއިން ބޭރުން ނަގާ ދަރަނިން ކަމަށެވެ. އެގޮތުން ބޭރުން ނަގާ ދަރަނިން 1.4 ބައެއް މަޝްރޫއުތަކަށް ފައިނޭންސްކުރާއިރު ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކުކް ވިއްކައިގެން ވެސް 1.4 ބިލިއަން ރުފިޔާ ހޯދަން ވެސް ހިމަނާފައިވެ އެވެ.

ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ބަޖެޓްގައި ބުނެފައި ވަނީ ރާއްޖެއިން ބޭރުން ފައިސާ ހޯދަން ނިންމާފައި ވަނީ މަޝްރޫއުތަކަށް މުދަލާއި މެޝިނަރީ އެތެރެކުރަން ބޭރު ފައިސާ އެތެރެކުރަން ބޭނުންވާތީ ކަމަށެވެ. އަދި އެ ފަދަ މަޝްރޫއުތަކަށް ބޭރު ފައިސާ ހޯދައިގެން ހަރަދުކުރުމުން ރާއްޖޭގައި މިހާރު ހުރި ބޭރު ފައިސާ ޑިމާންޑަށް އިތުރު ޕްރެޝަރެއް އަދި ރަސްމީ ރިޒާވަށް ނޭދެވޭ އަސަރެއްކުރުމުގެ ފުރުސަތު ވެސް ކުޑަވާނެ ކަމަށް ބަޖެޓް ފޮތުގައި ބުނެފައިވެ އެވެ.