Roadha Mihaaru

ދައުލަތުގެ ރިޒާވް 1 ބިލިއަން ޑޮލަރަށް އިތުރު ކުރާނަން: ރައީސް

ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒާވް 1 ބިލިއަން ޑޮލަރަށް އިތުރު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި، މިއަދު ވިދާޅުވެއްޖެ އެވެ.

ރިޒާވް 1 ބިލިއަން ޑޮލަރަށް އިތުރުކުރާނަން: ރައީސް
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

07 ފެބުރުއަރީ 2019

ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒާވް 1 ބިލިއަން ޑޮލަރަށް އިތުރު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި، މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދުމެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރުގެ އިގްތިސާދީ މިންގަނޑުތަކަށް ބަލާއިރު ރާއްޖޭގެ އިގްތިސާދީ ދުވެލި މި އަހަރު ގާތްގަނޑަކަށް 7.6 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި އެވްރެޖް އިންފްލޭޝަން ރޭޓު، 1.3 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް ވެސް ލަފާކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

އިގްތިސާދީ އަމާޒަކީ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖެ އަށް އަހަރަކު ލިބޭ އާމްދަނީ 30 ބިލިއަން ރުފިޔާ އަށް އިތުރުކުރުން. --ރައީސް

"މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 757.8 މިލިއަން އެމެރިކާ ޑޮލަރު. މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ގާތްގަނޑަކަށް 803.4 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ،" މަޖިލީހުގައި ފަސް ދައުރު ފުރިހަމަ ކުރައްވައި، ވެރިކަމަށް ވަޑައިގެން ފުރަތަމަ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 281 މިލިއަން ޑޮލަރެވެ. އެއީ، ގާތްގަނޑަކަށް ތިން މަސް ދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒާވެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ނިމުނު އިރު ބަޖެޓް އޮތީ 3.8 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވެފައި. ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރަކީ 43.8 ބިލިއަން ރުފިޔާ. މިއީ ޖީޑީޕީގެ ނިސްބަތުން 53.1 އިންސައްތަ. --ރައީސް

"މިއަދުގެ މިހާތަނަށް ރިޒާވް ވަނީ، 308 މިލިއަން ޑޮލަރަށް އިތުރު ކުރެވިފައި. މިއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 21.7 ބިލިއަން ރުފިޔާ ކަމަށެވެ. އަދި 25.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"މިދިޔަ އަހަރު ނިމުނު އިރު ބަޖެޓް އޮތީ 3.8 ބިލިއަން ރުފިޔާ އިން ޑެފެސިޓް ވެފައި. ހަމައެހެންމެ 2018 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރަކީ 43.8 ބިލިއަން ރުފިޔާ. މިއީ ޖީޑީޕީގެ ނިސްބަތުން 53.1 އިންސައްތަ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދަށް ލިބެމުން އަންނަ ކުރިއެރުމާ އެކު މި އަހަރުގެ ތެރޭގައި ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، 2018 ވަނަ އަހަރާ އަޅާބަލާއިރު، 7.8 ޕަސެންޓް އިތުރު މިންވަރެކެވެ.

ރައީސް ވިދާޅުވީ އޭގެ ބޮޑު ޕަސެންޓޭޖަކީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ކަމަށެވެ.

"އަޅުގަނޑުގެ އިގްތިސާދީ އަމާޒަކީ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖެ އަށް އަހަރަކު ލިބޭ އާމްދަނީ 30 ބިލިއަން ރުފިޔާ އަށް އިތުރުކުރުން،" ރައީސް ވިދާޅުވި އެވެ.