Roadha Mihaaru
ރެކޯޑް އާމްދަނީއާއެކު، އުންމީދު އާ ވެއްޖެ: ރައީސް

ރެކޯޑް އާމްދަނީއާއެކު، ރައީސް ދެއްވީ އިތުރު ތަކުލީފެއް ކުރިމަތި ނުވާނެ ކަމުގެ އުންމީދު

06 ފެބުރުއަރީ 2023

ތާރީހުގައި ވެސް މިހާތަނަށް އެއް މަސްތެރޭގައި ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިދިޔަ މަހު ކަމަށާއި އެހެންވެ ދިވެހިންނަށް އިތުރު ތަކުލީފެއް ކުރިމަތި ނުވާނެ ކަމުގެ އުންމީދު ހޯދިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ތާރީހުގައި ވެސް މިހާތަނަށް އެއް މަސްތެރޭގައި ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިދިޔަ މަހު ކަމަށާއި އެހެންވެ ދިވެހިންނަށް އިތުރު ތަކުލީފެއް ކުރިމަތި ނުވާނެ ކަމުގެ އުންމީދު ހޯދިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުން އެ މަނިކުފާނު ވިދާޅުވީ މިދިޔަ މަހު ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަަމަށެވެ.

"އުންމީދު އާވެ، ރައްޔިތުންނަށް އިތުރު ބޮޑުތަކުލީފެއް ކުރިމަތި ނުވާނެ ކަމުގެ އުންމީދު ހޯދިއްޖެ. އަދި ދައުލަތުގެ ރިޒާވް އޭގެ ރައްކާތެރި މިންގަނޑުގައި ދެމެހެއްޓޭނެ ކަމުގެ އިތުބާރު އިރާދަކުރެއްވިއްޔާ މިހާރު މި ވަނީ ލިބިފައި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގެ ފަހު ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 827 މިލިއަން ޑޮލަރެވެ.

ރައީސް ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ފުރަތަމަ ލަފާކުރީ 7.6 ޕަސެންޓްގައި ކަމަށް ވިޔަސް އަހަރު ނިމުނުއިރު އެ އަންދާޒާ 12.4 ޕަސެންޓަށް މަތިކުރި ކަމަށެވެ. އަދި މި އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް އެ ބޭންކުން ލަފާކުރަނީ 8.2 ޕަސެންޓްގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް މިއަދު އިއްވަވަނީ.---ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް މިއަދު އިއްވަވަނީ.---ފޮޓޯ: މަޖިލިސް

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު، ރާއްޖޭގެ އިގްތިސާދަށް އެރި ލޮޅުންތަކަށް ފަހު، އޭގެ ތަޖުރިބާގެ އަލީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ދެއްވީ ޔަގީން ކަމެވެ. އިގްތ

"...ރާއްޖޭގެ އިގްތިސާދުގެ ހަމަ ހިފެހެއްޓުމަށްޓަކައި މާލީ ސިޔާސަތަށް ގެންނަން ޖެހުނު ބަދަލު މި ވަނީ ގެނެވިފައި. މި ފިޔަވަޅުތަކާ އެކު ކުރިއަށް އޮތްތަނުގައި ކުރިމަތިވެދާނެ އިގްތިސާދީ އަޑިގުޑަން ކުޑަކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމަށް ފަހި ދައުރެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގެ މި ދައުރުގައި ޓޫރިޒަމް ދާއިރާ އަށް 16،758 އެނދު އިތުރު ކޮށްފައިވާ ކަމަށެވެ. ކާމިޔާބީ ދައްކަވަމުން އެ މަނިކުފާނު ވިދާާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނަށް ޓޫރިޒަމް ފުޅާކުރުމުގެ މަޝްރޫއު ފެށެނީ އައްޑު އާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެ އެއާޕޯޓްތައް ނިމެމުން އަންނަ އިރު އެ ސަރަހައްދަށް ބޭނުންވާ އެނދުތައް އިތުރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"އައްޑޫ ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު އާއި އައްޑޫގައި ތަރައްގީ ކުރެވޭ ފަސް ރިސޯޓަކީ މި ދެންނެވި މަސައްކަތް. ހަމަ އެގޮތަށް އުތުރުން ބީލަމަށް ހުޅުވާލެވިފައިވާ ރަށްތަކަކީ ހަނިމާދޫ އެއާޕޯރޓާ ގުޅިފައިވާ ރިސޯޓްތައް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ރިޔާސީ ބަޔާނުގެ ބައެއް އުސް އަލިތައް:

- މިދިޔަ މަހު 3.5 ބިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް ލިބުނު. މިއީ ތާރީހުގައި ވެސް އެންމެ ގިނަ އާމްދަނީ ލިބުނު ފަހަރު.

- މިދިޔަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރީ 827 މިލިއަން ޑޮލަރު.

- މިދިޔަ އަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން އެންމެ ފަހުން ލަފާކުރީ 12.4 ޕަސެންޓަށް.

- މި އަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރަނީ 8.2 ޕަސެންޓަށް.

- މި ދައުރުގައި ޓޫރިޒަމް ދާއިރާ އަށް 16،758 އެނދު އިތުރު ކޮށްފައިވޭ.

- މި އަހަރުގެ އަމާޒަކީ 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން.

- މިދިޔަ ޖެނުއަރީ މަހު އެކަނި ވެސް 172,536 ޓޫރިސްޓުން އައި.

- 1،100 މީހަކަށް 1.16 ބިލިއަން ރުފިޔާ އެސްއެމްއީ ބޭންކުން މިހާތަނަށް ވަނީ ދޫކޮށްފައި.

އެ މަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެސްއެމްއީ ބޭންކުން ތައްޔާރު ވަމުން އަންނަނީ އެ ދެ ސަރަހައްދުގައި ކުދި ވިޔަފާރިވެރިން އުފައްދައި ކޮޅަ ށްޖެހުމަށް ކަމަށެވެ.

"ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަކުން އެ ސަރަހައްދުގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަމާއި ފަހި ފުރުސަތު ލިއްބައި ދިނުމަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން މަޖިލިހުގެ އިދާރާ އަށް ވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން މަޖިލިހުގެ އިދާރާ އަށް ވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

އެ މަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގެ ޓޫރިޒަމް ވެސް މިދިޔަ އަހަރު ރަނގަޅެވެ. އަހަރު ނިމުނީ ޓޫރިޒަމަށް ފާގަތިކަން ގެނެސްދެމުންނެވެ. ސަރުކާރުގެ އަމާޒަކީ 1.6 މިލިއަން ޓޫރިސްޓުން މިދިޔަ އަހަރު ރާއްޖެ ގެނައުން ކަމަށް ވިޔަސް އަހަރު ނިމުނީ އެ އަށް ވުރެ ގިނަ ޓޫރިސްޓުންނާއެކު އެވެ.

ރައީސް ވިދާޅުވީ، މި އަހަރުގެ އަމާޒަކީ 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު އެކަނި ވެސް 172,536 ޓޫރިސްޓުން އައި ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެއީ 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެސްއެމްއީ ބޭންކުން ވެސް ފެންނަނީ އުންމީދީ މަންޒަރެއް

ރައީސް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކުގެ ތަފާސްހިސާބުތަކުން ވެސް ފެންނަނީ އުންމީދީ މަންޒަރުތައް ކަމަށެވެ. އެސްއެމްއީ ބޭންކް އުފެއްދުމަކީ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވިގޮތުގައި، 1،100 މީހަކަށް 1.16 ބިލިއަން ރުފިޔާ އެ ބޭންކުން މިހާތަނަށް ވަނީ ދޫކޮށްފަ އެވެ.

ރިޔާސީ ބަޔާނުގައި ރަައީސް ދެން އަލިއަލުވާލެއްވީ އޯތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ބޭރު ދުނިޔެ އަށް ހުޅުވި، ލިބެމުން އަންނަ ފައިދާގެ މައްޗަށެވެ.

"ޖަޕާންގެ ނަރީޓާ އަދި ކަންސާއި އެއާޕޯޓުން އޯތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް މިހާރު ލިބޭނެ. ކުރިއަށް އޮތްތަނުގައި ދުނިޔޭގެ އެކި ގައުމުތަކުން އޯތެންޓިކް ދިވެހި އުފެއްދުންތައް ލިބޭނެ. މި ފިހާރަތަކަކީ މިފަދަ އުފެއްދުންތައް މާކެޓްކޮށް، އެ ވިޔަފާރި އަށް ފަހިކަން ގެނެސް ދިނުމުގެ ޕްލެޓްފޯމް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، އޯތެންޓިކް މޯލްޑިވްސްގެ ސަބަބުން 2،000 އަށް ވުރެ ގިނަ ދިވެހި އުފެއްދުން ދުނިޔޭގެ މާކެޓްގައި ޑިސްޕްލޭ ކުރެވޭނެ މަގު މިހާރު ވަނީ ފަހިވެފަ އެވެ. މިހާތަނަށް 182 ދިވެހި ސަޕްލަޔަރުން އެ ވިޔަފާރީގައި އުޅޭއިރު އޭގެ 57 ޕަސެންޓަކީ އަންހެނުން ކަމަށް ރައީސް ވިދާޅުވި އެވެ.