08 ނޮވެމްބަރ 2016
ހަތަރު ރަށެއްގައި އެއާޕޯޓު އަޅައި ވިޔަފާރީގެ ބޭނުމަށް 20 ފަޅެއް ހިއްކުމާ އެކު، އަންނަ އަހަރުގެ ބަޖެޓުން ބޮޑު 16 މަޝްރޫއަކަށް އަށް ބިލިއަން ރުފިޔާ ހަރަދުކުރަން ސަރުކާރުން މިއަދު ހުށަހަޅައިިފި އެވެ.
ހަތަރު ރަށެއްގައި އެއާޕޯޓު އަޅައި ވިޔަފާރީގެ ބޭނުމަށް 20 ފަޅެއް ހިއްކުމާ އެކު، އަންނަ އަހަރުގެ ބަޖެޓުން ބޮޑު 16 މަޝްރޫއަކަށް އަށް ބިލިއަން ރުފިޔާ ހަރަދުކުރަން ސަރުކާރުން މިއަދު ހުށަހަޅައިިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން ޖުމްލަ 26.8 ބިލިއަން ރުފިޔާގެ ބަޖެޓުން އަށް ބިލިއަން ރުފިޔާ (29.8 ޕަސެންޓް) އާއްމު ތަރައްގީގެ މަޝްރޫއުތަކަށް (ޕީއެސްއައިޕީ) އަށް ހަރަދުކުރާނެ އެވެ. އެއީ އާއްމު ބަޖެޓުން 4،368.7 މިލިއަން ރުފިޔާ އާއި ބޭރުގެ ލޯނުން 2،872.2 މިލިއަން ރުފިޔާ އަދި ހިލޭ އެހީން 397.1 މިލިއަން ރުފިޔާ އެވެ.
އެ ފައިސާ އަންނަ އަހަރު ޖުމްލަ 704 މަޝްރޫއަކަށް ހަރަދުކުރަން ވަނީ ނިންމައިފަ އެވެ. އެއީ އަލަށް ފަށާ 293 މަޝްރޫއަކަށް 2.9 ބިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 5.36 ޕަސެންޓް) އާއި މިހާރު ކުރިއަށް ދާ 411 މަޝްރޫއަކަށް 5.1 ބިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 63.6 ޕަސެންޓް) އެވެ.
[އަންނަ] އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރާ ހަރަދުގެ 35.4 އިންސައްތަ އަކީ ލޯނާއި ސުކޫކް ފަދަ ދަރަނިން ހިންގުމަށް ހަމެޖެހިފައިވާ މަޝްރޫއުތަކެވެ. އަދި 54.7 އިންސައްތަ އަކީ ދައުލަތުގެ އާއްމު ބަޖެޓުން ހިންގާ މަޝްރޫއުތަކެވެ،" ބަޖެޓު ފޮތުގައި ބުނެފައިވެ އެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ ޕީއެސްއައިޕީ ބަޖެޓު ބަހާލާފައިވާ ގޮތް ދައްކައިދޭ ޗާޓެއް.
ޕީއެސްއައިޕީ ބަޖެޓުގެ ބޮޑު ބައެއް ހަރަދުކުރަން ހުށަހަޅާފައި ވަނީ މައިގަނޑު 16 މަޝްރޫއަކަށެވެ. އެއީ:
- ހުޅުމާލެ ތަރައްގީކުރުން: 121 މިލިއަން ރުފިޔާ
- ހދ. ކުޅުދުއްފުށީ އެއާޕޯޓު (ބިން ހިއްކުމާ އެކު): 157 މިލިއަން ރުފިޔާ
- ށ. ފުނަދޫ އެއާޕޯޓު (ބިން ހިއްކުމާ އެކު): 150 މިލިއަން ރުފިޔާ
- ގދ. ފަރެސްމާތޮޑޯ އެއާޕޯޓު (ބިން ހިއްކުމާ އެކު): 147 މިލިއަން ރުފިޔާ
- ފ. ނިލަންދޫ އެއާޕޯޓު (ބިން ހިއްކުމާ އެކު): 171 މިލިއަން ރުފިޔާ
- އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް: 1.3 ބިލިއަން ރުފިޔާ
- ބިން ހިއްކާފައިވާ ތަންތަނުގައި އަޅާ 600 ހައުސިން ޔުނިޓު: 90 މިލިއަން ރުފިޔާ
- ސައުދީ ރަސްގެފާނުގެ މިސްކިތް: 230 މިލިއަން ރުފިޔާ
- މާލެ-ހުޅުލެ ބްރިޖު: 287 މިލިއަން ރުފިޔާ
- މައި އެއާޕޯޓު ތަރައްގީކުރުން: 864 މިލިއަން ރުފިޔާ
- ވިޔަފާރި ބޭނުމަށް 10 ހެކްޓަރަށް ވުރެ ބޮޑު 20 ފަޅު ހިއްކުން: 107 މިލިއަން ރުފިޔާ
- ތިލަފުށީގައި އިންސިނަރޭޓަރެއް ބެހެއްޓުން: 100 މިލިއަން ރުފިޔާ
- ފިނޭންސްގެ އާ އިމާރާތް: 132 މިލިއަން ރުފިޔާ
- ފެނާއި ނަރުދަމާ: 101 މިލިއަން ރުފިޔާ
- އެެހެނިހެން މަޝްރޫއުތައް: ހަތަރު ބިލިއަން ރުފިޔާ
މާލެ-ހުޅުމާލެ އާ ދެމެދު އަޅަމުންދާ ބްރިޖުގެ މަސައްކަތް ކުރާ ހުޅުލޭ ސައިޓު: މި މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުން ހަރަދުކުރާނެ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
ޕީއެސްއައިޕީގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރަން ރާވާފައި ވަނީ ލަފާފުރުމާއި ދަތުރުފަތުރުގެ ދާއިރާ އަށެވެ. މި ދާއިރާ އަށް 2.2 ބިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 28.7 ޕަސެންޓް) ބަޖެޓުކޮށްފައި ވާއިރު، ސިއްހީ އަދި އިޖުތިމާއީ ތަރައްގީ އަށް 1.8 ބިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 22.3 ޕަސެންޓް) ވަނީ ކަނޑައަޅައިފަ އެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކަން 796.9 މިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 10 ޕަސެންޓް)، ބިން ހިއްކުމާއި މަގު ހަދަން 603.2 މިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 7.6 ޕަސެންޓް)، ތިމާވެށި ރައްކާތެރިކުރަން 585 މިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 7.3 ޕަސެންޓް) އަދި ބޯހިޔާވަހިކަމަށް 494.9 މިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 6.2 ޕަސެންޓް) ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން، މިސްކިތް އިމާރާތްކުރުމަށް 451.8 މިލިއަން ރުފިޔާ، އިދާރީ ވަސީލަތްތައް ތަރައްގީ ކުރަން 266.7 މިލިއަން ރުފިޔާ، ތައުލީމާ ގުޅޭ ވަސީލަތްތައް ތަރައްގީ ކުރަން 291.7 މިލިއަން ރުފިޔާ، ގައުމީ ސަލާމަތާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމުގެ ވަސީލަތްތައް ތަރައްގީ ކުރަން 270.6 މިލިއަން ރުފިޔާ އަދި އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރަން 67.9 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ.
"ސަރުކާރުގެ އަމާޒަކީ މި ބަޖެޓު މެދުވެރިކޮށް ގައުމުގެ ތަރައްގީ އާއި ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތު ބާއްޖަވެރިކުރުން،" މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓު މިއަދު ހުށަހެޅިއިރު، ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ، ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި، 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް ވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.
ނަގަން ޖެހޭ ޓެކުހާ ދިމާލަށް ދާން ނުކެރެނީ ކީއްވެ؟
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
ކެޕިޓަލް ހަރަދު 1.5 ބިލިއަން ރުފިޔާ ދަށް
މާލިއްޔަތު ރަނގަޅަސް ގޮންޖެހުން ބޮޑު!
ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި: އަމީރު
"މަޝްރޫއުތަކުން އެކްސްޗޭންޖު ރޭޓަށް އަސަރު ކުރާނެ"
ލޯނުން މަޝްރޫއު ހިންގަނީ ހާލަތު ބަދަލުކުރަން: އަމީރު
ހަ މަސް ވެއްޖެ، ސަރުކާރުގެ ދުވެލި ކިހިނެއް؟
ސޮވަރިން ފަންޑުގައި 47 މިލިއަން ޑޮލަރު އެބަހުރި
ބޮޑު 9 މަޝްރޫއެއް:4 އެއާޕޯޓު، 20 ފަޅެއް ހިއްްކަނީ