15 ނޮވެމްބަރ 2017
ހަތަރު ރަށެއްގައި އެއާޕޯޓު އަޅައި ވިޔަފާރީގެ ބޭނުމަށް 20 ފަޅެއް ހިއްކުމާއެކު، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ބޮޑު ނުވަ މަޝްރޫއަކަށް ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރަން ސަރުކާރުން މިއަދު ހުށަހަޅައިިފި އެވެ.
ހަތަރު ރަށެއްގައި އެއާޕޯޓު އަޅައި ވިޔަފާރީގެ ބޭނުމަށް 20 ފަޅެއް ހިއްކުމާއެކު، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ބޮޑު ނުވަ މަޝްރޫއަކަށް ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރަން ސަރުކާރުން މިއަދު ހުށަހަޅައިިފި އެވެ.
އެއާޕޯޓާއި ފަޅު ހިއްކުމުގެ މަޝްރޫއަކީ މި އަހަރުގެ ބަޖެޓުގައި ވެސް ހިމެނޭ ދެ ކަމެކެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ހަތަރު ރަށެއްގައި އެއާޕޯޓު އެޅުމާއި 20 ފަޅެއް ހިއްކުމާއި އެހެން ނުވަ މަޝްރޫއަކަށް ހަތް ބިލިއަން ރުފިޔާ ޚަރަދު ކުރާނެ އެވެ. އެއީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ތެރެއިން 3.7 ބިލިއަން ރުފިޔާ، ލޯނުގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ އަދި ހިލޭ އެހީންނާއި ޓްރަސްޓް ފަންޑުތަކުން ލިބޭ 4.3 މިލިއަން ރުފިޔާ އެވެ.
ޕީއެސްއައިޕީގެ ގޮތުގައި އަންނަ އަހަރު ހިންގަން ހުށަހަޅާފައިވާ 522 މަޝްރޫއުގެ ތެރޭގައި ހިނގަމުންދާ 430 މަޝްރޫ އާއި އަލަށް ފަށާ 93 މަޝްރޫއެއް ހިމެނެ އެވެ. އެގޮތުން ހިނގަމުންދާ މަޝްރޫއުތަކަށް 5.4 ބިލިއަން ރުފިޔާ، އަލަށް ފަށާ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ހިނގަމުންދަނީ. - ފޮޓޯ: މިހާރު
ބަޖެޓުގައި ޕީއެސްއައިޕީގެ މައިގަނޑު އަމާޒަކީ ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ނިންމައި، އޭގެ މަންފާ ރައްޔިތުންނަށް ހޯދައި ދިނުމުގެ އިތުރުން އިގްތިސާދީ ގޮތުން ދުޅަހެޔޮ މަޝްރޫއުތަކަށް އިންވެސްޓު ކުރުމެވެ. އެގޮތުން ބޯހިޔާވަހިކަމާއި ގެދޮރުގެ މައްސަލަ އާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ލަފާފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ސިއްހީ ދާއިރާއަށް އިންވެސްޓް ކުރުމަށް އިސްކަންދީފައިވެ އެވެ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އެޅުމަށް (1 ބިލިއަން ރުފިޔާ)
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ޕްރޮޖެކްޓަށް (539 މިލިއަން ރުފިޔާ)
- ހަތަރު ރަށުގައި އެއާޕޯޓު އެޅުމަށް (246 މިލިއަން ރުފިޔާ)
- މާލެ-ހުޅުލެ ބްރިޖް މަޝްރޫއުއަށް (213 މިލިއަން ރުފިޔާ)
- ވޯޓަ ސަޕްލައި ސްވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓަށް ޕްރޮޖެކްޓަށް (134 މިލިއަން ރުފިޔާ)
- ކޮމާޝަލް ބޭނުމަށް 10 ހެކްޓަރަށް ވުރެ ބޮޑު 20 ފަޅު ހިއްކުމަށް (107 މިލިއަން ރުފިޔާ)
- ހުޅުމާލެ އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (246 މިލިއަން ރުފިޔާ)
- ސޯޝަލް ހައުސިން މަޝްރޫއަށް (462 މިލިއަން ރުފިޔާ)
- ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމަށް (447 މިލިއަން ރުފިޔާ)
ބިން ހިއްކުމާއެކު، އެއާޕޯޓު އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ރަށްތަކަކީ ހދ. ކުޅުދުއްފުށި، ށ.ފުނަދޫ، ފ.ނިލަންދޫ އަދި ގދ. މާވަރުލު އެވެ.
އަންނަ އަހަރުގެ ބަޖެޓު، މިނިސްޓަރު މުނައްވަރު މިއަދު މަޖިލީހަށް ހުށަހަޅުއްވަނީ. - ފޮޓޯ: މަޖިލިސް
މި އަހަރަށް ފާސްކޮށްދިން ބަޖެޓުގައި ކުޅުދުއްފުއްޓާއި ފުނަދު އާއި ނިލަންދޫގައި އެއާޕޯޓު އެޅުމަށް ހިމަނާފައިވެ އެވެ. އަދި 20 ފަޅެއް ހިއްކަން 107 މިލިއަން ރުފިޔާ ބަޖެޓުގައި ޖަހާފައިވެ އެވެ. ނަމަވެސް މި ފަހަރުގެ ބަޖެޓުގައި ވަނީ ތިލަފުށީގައި ރައްކާތެރި ކަމާއެކު ކުނި ނައްތާލުމަށް ބޭނުންވާ ވަސީލަތައް ގާއިމު ކުރުމަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުމަށް ހިމަނައިފަ އެވެ.
- ލަފާފުރުމުގެ ދަތިކަން ހައްލު ކުރުމަށް 75 މަޝްރޫއެއް (2.7 ބިލިއަން ރުފިޔާ)
- ބަނދަރު ހެދުމުގެ 63 މަޝްރޫއުއަކަށް ބަޖެޓު ކުރެވިފައިވޭ
- ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ 57 މަޝްރޫއެއް (1.1 ބިލިއަން ރުފިޔާ)
- އެއީ ނަރުދަމާގެ 35 މަޝްރޫއު، ފެނުގެ 14 މަޝްރޫއު، ފެނާއި ނަރުދަމާގެ 8 މަޝްރޫއު
- 19 މަގެއްގެ މަގުތައް ހެދުމަށް (216 މިލިއަން ރުފިޔާ)
- ބިން ހިއްކުމަށް (214 މިލިއަން ރުފިޔާ)
- ތިމާވެއްށި ރައްކާތެރި ކުރުމަށް 51 މަޝްރޫއަކަށް (581 މިލިއަން ރުފިޔާ)
- ސިއްހީ ދާއިރާގެ 153 މަޝްރޫއަކަށް (807 މިލިއަން ރުފިޔާ)
- އެހެނިހެން މަޝްރޫއުތަކަށް (670 މިލިއަން ރުފިޔާ)
މީގެ އިތުރުން ޕީއެސްއައިޕީގެ މައިގަނޑު ޕްރޮގްރާމްގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ 19 މަޝްރޫއަށް ކޮންޓްރެކްޓް ފައިނޭންސިންގެ ދަށުން 6000 ހައުސިން ޔުނިޓް އެޅުމަށް ބަޖެޓުކޮށްފައިވެ އެވެ. މީގެ ތެރޭގައި ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހުޅުމާލޭގައި އަލަށް އަޅާ 5200 ސްޓޫޑިއޯ އެޕާޓްމަންޓްގެ އިކުއިޓީ ކޮމްޕޯނަންޓަށް 462 މިލިއަން ރުފިޔާ ޚަރަދު ކުރުން ހިމެނެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މަޖިލީހަށް ހުށަހެޅީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ އެވެ.
"މަޝްރޫއުތަކުން އެކްސްޗޭންޖު ރޭޓަށް އަސަރު ކުރާނެ"
ލޯނުން މަޝްރޫއު ހިންގަނީ ހާލަތު ބަދަލުކުރަން: އަމީރު
ދަތިއަޅުވައި ވައްޓާލައިގެން މަޝްރޫއުތައް ނުހިނގާނެ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް
އަންނަ އަހަރަށް ލަފާ ކުރަނީ 37 ބިލިއަންގެ ބަޖެޓެއް
ފައިސާ ޗާޕުކުރުމުގެ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް