24 ނޮވެމްބަރ 2016
ދައުލަތުގެ ބަޖެޓަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތު ތަންފީޒު ކުރުމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތާއި ހަރަދު ކުރާނެ ގޮތުގެ ތަފްސީލީ ބަޔާނެކެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި އިދިކޮޅު އަޑު އުފުލަން ފެށުމުގެ ކުރިން، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓާ މެދު މަޖިލީހުގައި މާ ބޮޑު ދެކޮޅުހެދުންތަކެއް ނޯވެ އެވެ. މަޖިލީހުގެ ތެރެއިން ބަޖެޓަށް ބަދަލެއް ގެނަޔަސް ގެންނާނީ ސަރުކާރުން ބޭނުންވާ ބަދަލެކެވެ.
ދައުލަތުގެ ބަޖެޓަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތު ތަންފީޒު ކުރުމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތާއި ހަރަދު ކުރާނެ ގޮތުގެ ތަފްސީލީ ބަޔާނެކެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި އިދިކޮޅު އަޑު އުފުލަން ފެށުމުގެ ކުރިން، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓާ މެދު މަޖިލީހުގައި މާ ބޮޑު ދެކޮޅުހެދުންތަކެއް ނޯވެ އެވެ. މަޖިލީހުގެ ތެރެއިން ބަޖެޓަށް ބަދަލެއް ގެނަޔަސް ގެންނާނީ ސަރުކާރުން ބޭނުންވާ ބަދަލެކެވެ.
ނަމަވެސް މިހާރުގެ ސިޔާސީ ހަގީގަތަކީ ސަރުކާރުން ކޮންމެ ކަމެއް ކުރިޔަސް އަދި ކުރަން އުޅުނަސް އެކަމާ ދެކޮޅަށް ވެސް އަޑު އުފުލާނެ ކަމެވެ. އަންނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓް ފާސްކުރުމުގެ ވަގުތު ކުޑަތަން ވެފައިވާ އިރު، މަޖިލީހުގައި މިހާރު ވެސް ހިނގަނީ އެ ބަހުސެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކިތަންމެ ފޯރީގައި ބަހުސް ކުރެއްވިޔަސް، ބަޖެޓްގެ ހަގީގީ މަސައްކަތް ހިނގާ ތަނަކީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އެވެ. ސަރުކާރުން މަޖިލީހަށް ފޮނުވާ ބަޖެޓް ރަނގަޅަށް ދިރާސާކޮށް، ގައުމުގެ އިގްތިސާދީ ހާލަތާ އަޅާކިޔައި މާލީ ފުދުންތެރިކަމުގެ ތިލަފަތުން ކިރުމަށް ފަހު، ބަޖެޓަށް ބަދަލު ގެންނަން ޖެހޭ ނަމަ ގެނައުމަކީ އެ ކޮމިޓީގެ އެންމެ ބޮޑު ޒިންމާ އެވެ.
ނަމަވެސް ސުވާލަކީ ބަޖެޓް ދިރާސާކުރާ ކޮމިޓީން އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރޭ ހެއްޔެވެ؟ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓާ ބެހޭ ގޮތުން މަޖިލީހުގައި އިއްޔެ ކުރި ބަހުސްގައި ވެސް ބައެއް މެމްބަރުން ވަނީ އެކަމާ ސުވާލު އުފައްދަވައިފަ އެވެ.
އެ ގޮތުން، އެ ކޮމިޓީ އަކީ "ބަޖެޓް ދިރާސާކުރާ ކޮމިޓީއެއްތޯ ނުވަތަ ބަޖެޓް ބަލާ ކޮމިޓީއެއްތޯ"، މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ސުވާލު ކުރެއްވި އެވެ. އަދި އެ ކޮމިޓީގެ ޒިންމާއަކީ ބަޖެޓްގައި ހިމެނޭ ޕީއެސްއައިޕީގެ ބައިތައް ބަލައިލުންތޯ ނުވަތަ މުޅި ގައުމަށް ބަޖެޓްގެ ސަބަބުން ފޯރާނެ އަސަރުތައް ބެލުންތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި ކުރިއަށް ދަނީ
އޭނާ ވިދާޅުވީ ބަޖެޓް ދިރާސާކުރާ ކޮމިޓީއެއް ނަމަ، ބަޖެޓް ރޭވިފައި ހުރީ ކިހިނެއްތޯ އާއި ތަރައްގީގެ މަޝްރޫއުތައް އެއް އަހަރުން އަނެއް އަހަރަށް ހިޖްރަކުރަމުން ދަނީ ކިހިނެއްތޯ ވެސް ބަލަން ޖެހޭނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި އެއް ކަމަކީ ބައެއް ދާއިރާތަކަށް މިދިޔަ އަހަރާއި މި އަހަރުގެ ބަޖެޓްގައި ހިމަނާފައި ހުރި ކަންތައް، މިހާތަނަށް ވެސް ފުރިހަމަ ނުވާ އިރު، އަންނަ އަހަރަށް ލަފާކުރި ބަޖެޓްގައި އެ ކަންތައް ހިމެނިފައި ނެތުމެވެ. އޭނާ ވިދާޅުވީ ބަޖެޓް ދިރާސާކުރި ކޮމިޓީން އެކަމަށް ރިއާޔަތް ކޮށްފައި ނުވާތީ އެ ކޮމިޓީގެ މަސައްކަތް ފުރިހަމަ ވެސް ނުވާ ކަމަށާއި ބަޖެޓްގައި ހުރި ކަންތައް ކޮމިޓީން ވަޒަން ވެސް ކޮށްފައި ނުވާ ކަމަށެވެ.
މެމްބަރުން އެ ކަންތައް އެ ގޮތަށް ފާހަގަކުރައްވާ އިރު، މަޖިލީހުގައި ހިމެނެނީ، ބަޖެޓެއް ދިރާސާކޮށް އެއަށް ތަފާތު ބަދަލުތައް ގެނެވޭ ވަރުގެ ކިތައް މެމްބަރުންތޯ ވެސް ވިސްނައިލުން ރަނގަޅެވެ. ބަޖެޓް ދިރާސާ ކުރުމަކީ ހަމައެކަނި، އޭގައި ހިމެނޭ އެއް އައިޓަމުން އަނެއް އައިޓަމަށް ފައިސާގެ އަދަދުތައް ބަދަލުކުރުމެއް ނޫނެވެ. ނުވަތަ އެއްޗެއް އުނިކޮށް އެހެން އެއްޗެއް އިތުރު ކުރުމެއް ވެސް ނޫނެވެ. ބަޖެޓް ދިރާސާ ކުރުމަކީ، ގައުމުގެ މުޅި އިޖްތިސާދީ ނިޒާމު ދެނެގަނެ މާލީ ހާލަތުގެ މައްޗަށް ރިއާޔަތް ކޮށްގެން ނޫނީ ނުކުރެވޭނެ ކަމެކެވެ.
ނަމަވެސް މިއަދު ބަޖެޓް ފާސްކުރާ ޚަބަރު މުޅި ގައުމަށް ފެތުރިގެން ދާނީ، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ފާސް ކުރި ކަމަށެވެ. ކޮމިޓީން ދިރާސާއެއް ކުރި ކަން ނުވަތަ ކުރީ ކޮން ދިރާސާއެއް ކަން އެނގޭނީ ކިތައް މީހުންނަށްތޯ އެވެ؟
އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ކުރީގެ ބަޖެޓްތަކާ އެއް ގޮތަށް މި އަހަރުގެ ބަޖެޓްގައި ވެސް އިޖްތިމާއީ އަދާލަތާއި އުމްރާނީ ތަރައްގީގެ ހަމަހަމަކަން ވަނީ ނަގާލައިފަ އެވެ.
އެ ކަމުގެ މިސާލެއްގެ ގޮތުން ކެންދޫ ދާއިރާގެ އަލީ ހުސައިން ފާހަގަކުރެއްވީ ބ. އަތޮޅެވެ. އެ އަތޮޅުގައި މީހުން އުޅޭ ރަށްރަށަށް ވުރެ ރިސޯޓްތައް ގިނައިރު ވެސް، އޭދަފުށި ފިޔަވައި ނަރުދަމާ ނިޒާމު ގާއިމުވެފައިވާ އެންމެ ރަށެއް ވެސް ނެތް ކަން ފާހަގަކުރެއްވި އެވެ. ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކޮށް، ދައުލަތަށް ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދެނީ ދަރަވަންދޫ އެއާޕޯޓުން ކަމަށްވާ އިރު، އެ ރަށުގައި ވެސް މިހާތަނަށް ނަރުދަމާ ނިޒާމެއް ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ތަރައްގީގެ މަޝްރޫއުތައް ހިމެނިފައިވާ ގޮތް
އަންނަ އަހަރުގެ ބަޖެޓުން ވެސް އިޖްތިމާއީ އަދާލަތު ގާއިމު ނުކުރެވޭ ކަން ހާމަކުރައްވަމުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ބާރީ މިސާލެއްގެ ގޮތުން ނެންގެވީ ޅ. އަތޮޅުގެ އާބާދީ އެންމެ ބޮޑު ތިން ރަށެވެ. ކުރެންދު އަކީ ބިން ބޮޑުކުރެވޭނެ އިތުރު ޖާގައެއް ނެތް ރަށަކަށް ވިޔަސް، ހައުސިން ޔުނިޓްތަކާއި ފްލެޓްތައް އެޅުމަށް ސަރުކާރުން ނިންމާފައިވަނީ ބިން ބޮޑު ކުރެވެން އޮތް ނައިފަރާއި ހިންނަވަރުގައި ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ވެރިކަން ކުރާ ކޯލިޝަންގެ ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުން ވިދާޅުވަމުން ގެންދެވީ ބަޖެޓުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ފޮނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖެ އަށް އަންނަ ތަރައްގީ އިދިކޮޅު ފަރާތްތަކަށާއި ބޭރު ގައުމުތަކަށް ނުފެނުނު ކަމަށް ވިޔަސް، ރާއްޖޭގެ ރައްޔިތުންނަށް އެ ތަރައްގީ ފެންނަ ކަމަށާއި އެކަމާ މެދު ރައްޔިތުން ތިބީ އުފަލުން ކަމަށެވެ. އަދި މި ބަޖެޓުން ރައްޔިތުންގެ އިޖްތިމާއީ ތަރައްގީ އާއި އުމްރާނީ ތަރައްގީ އަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
މާލެ ފިޔަވައި ދެން އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫގަ އެވެ. އައްޑޫގެ ތަރައްގީ އާއި ބަޖެޓާ ހުރި ގުޅުމާ މެދު އެ އަތޮޅުގެ މެމްބަރުންގެ މެދުގައި ވެސް އެހާމެ ޚިޔާލު ތަފާތެވެ. ސަރުކާރަށް ތާއީދު ކުރައްވާ ހުޅުދޫ ދާއިރާގެ މުހައްމަދު ޝާހިދު ވިދާޅުވި ގޮތުގައި އައްޑޫ ރައްޔިތުންނަށް މި ބަޖެޓުން އުފާވެރިކަން ގެނެސްދޭނެ އެވެ. އަދި މުޅި އައްޑޫގެ ލާބަޔާއި މަންފާ އަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ބަޖެޓުން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރީގެ ސަރުކާރުތަކުން ދަޅަ ދައްކާފައި ހުރި އިރު، މިހާރުގެ ސަރުކާރުން މިވަނީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ އަލީ ނިޒާރަށް މި ބަޖެޓުން އައްޑޫގެ ތަރައްގީ އަށް އެއްވެސް ކަމެއް ފެނިވަޑައެއް ނުގަންނަވަ އެވެ. އެ ގޮތުން ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ނެތުމަކީ މުޅި ރާއްޖެ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ މި ސަރުކާރުގެ އިހުލާސްތެރިކަމެއް އޮތް ނަމަ ތިން އަހަރު ވީއިރު، އައްޑޫގެ މަގުތަކާއި ބޯފެނާއި ނަރުދަމާގެ މަސައްކަތް އޮންނާނީ ނިމިފައި ކަމަށެވެ.
ނަމަވެސް މުޅި ބަޖެޓަށް ނަޒަރު ހިންގާލާ އިރު، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ތަރައްގީގެ ކޮންމެވެސް މަޝްރޫއެއް ހިމަނާފައިވެ އެވެ. ބައެއް ރަށްރަށުގައި ކުދިކުދި ކަންތައް ހިމެނޭ އިރު، އެހެން ބައެއް ރަށްރަށުގައި ބޮޑެތި ކަންތައްތަކެވެ. ބައެއް ރަށްރަށަށް އައު މަޝްރޫއެއް ނެތް އިރު، އެހެން ބައެއް ރަށްރަށުގައި ތަރައްގީގެ އައު މަޝްރޫއުތަކެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތު ނިހާނު ބަލަހައްޓަވަނީ. - ފޮޓޯ: ނިހާން ޓުވިޓާ
އެހެންކަމުން މަޖިލީހުގައި ސިޔާސީ ގޮތުން ކިތަންމެ ވާހަކައެއް ދެއްކިޔަސް، މިއީ ރައްޔިތުން މަހްރޫމް ކޮށްފައިވާ ބަޖެޓެކޭ ބުނެވޭނެ ޖާގައެއް ވެސް ނެތެވެ. އަންނަ އަހަރަށް ހުށަހެޅި 26.8 މިލިއަން ރުފިޔާގެ ބަޖެޓުގެ ޚަރަދަކީ 22.2 ބިލިއަން ރުފިޔާ ކަމަށްވާ އިރު، އޭގެ ތެރޭން 49.3 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އަދި 50.7 ޕަސެންޓް ހިމަނާފައި ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ.
ކެޕިޓަލް ހަރަދުގެ 50.2 ޕަސެންޓް ހޭދަކުރަނީ އާއްމު ތަރައްގީގެ މަޝްރޫއުތަކަށް (ޕީއެސްއައިޕީ) އަށެވެ. އޭގެ ޖުމްލަ އަށް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އޭގެ ތެރެ އިން ދައުލަތުގެ ބަޖެޓުގެ ހިއްސާ އަކީ 54.6 ޕަސެންޓެވެ. ބާކީ 45.4 ޕަސެންޓް ހޯދަން ހަމަޖައްސާފައި ވަނީ އެހީ އާއި ލޯނުންނެވެ.
ރިޒާވް 1 ބިލިއަން ޑޮލަރަށް އިތުރުކުރާނަން: ރައީސް
އިދިކޮޅު ވޯޓާ ނުލައި ބަޖެޓު ފާހެއް ނުވާނެތަ؟
ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފި
ބައި އިލެކްޝަންތައް ބޭއްވުމަށް 26 މިލިއަން ރުފިޔާ
ބަޖެޓުން 268 މިލިއަން ރުފިޔާ ހޯދަން އަމާޒު ހިފައިފި
ފޮނުވީ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް
"ގަޓު ހުރި ސަރުކާރެއް މި ނޫނީ ތާރީހު ދެކިފައި ނެތް"
މެމްބަރުން ހުށަހެޅުއްވި 21 މަޝްރޫއެއް ބަޖެޓަށް
26.8 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
ބޮޑު އާ މަޝްރޫއެއް ނުފަށާނެ، އިސްކަންދޭނީ ނަތީޖާ އަށް