Roadha Mihaaru
"ގަޓު ހުރި ސަރުކާރެއް މި ނޫނީ ތާރީހު ދެކިފައި ނެތް"

ގަޓު ހުރި ސަރުކާރެއް މި ނޫނީ ތާރީހު ދެކިފައެއް ނެތް: އަބްދުއްރަހީމް

23 ނޮވެމްބަރ 2016

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގަޓު ހުރިވަރު ފެނިގެން ގޮސްފައިވާ ކަމަށާއި މިވަރުގެ ސަރުކާރެއް ދިވެހި ތާރީހު ނުދެކޭ ކަމަށް ފޮނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގަޓު ހުރިވަރު ފެނިގެން ގޮސްފައިވާ ކަމަށާއި މިވަރުގެ ސަރުކާރެއް ދިވެހި ތާރީހު ނުދެކޭ ކަމަށް ފޮނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 4.1 ބިލިއަން ރުފިޔާ ރާއްޖެ އިން ދެއްކުމަކީ ސަރުކާރުގެ ގަޓު ހުރިވަރު ދައްކައިލި ކަމެކެވެ.

ޖީއެމްއާރަށް ދައްކަން ޖެހޭ 271 މިލިއަން ޑޮލަރު އެއް ދުވަހުން ދެއްކީމަ، ދައުލަތުގެ ރިޒާވުން އެ ފައިސާ ދެއްކި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކިޔަސް، ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ފަރާތްތަކުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ..

"އިދިކޮޅު ފަރާތްތަކުން ހީކޮށްގެން ތިބީ އެ ފައިސާއަށް އިންޓަރެސްޓް އަރަ އަރާ ހުންނާނީއޭ. ފައިސާ ނުދެއްކޭނެއޭ، ކުއްލިއަކަށް އެއް ދުވަހުން ފައިސާ ދައްކާލީމަ މި އެނގުނީ ސަރުކާރުގައި ގަޓު ހުރި ވަރު. މި ސަރުކާރުގެ ވިސްނުން ހުރި ގޮތް، ސަރުކާރުގެ ކެރިކުޅަދުންތެރިކަން ހުރިވަރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ފަހުގެ ތާރީހެއްގައި ތަސައްވުރަކާއެކު ވެރިކަމަށް އައިސް، ތަސައްވުރު ހާސިލް ކުރަން މަސައްކަތް ކުރެއްވި ވެރިއަކު، ރައީސް ޔާމީން ފިޔަވައި ނެތް ކަމަށެވެ.

"މި ސަރުކާރަކީ ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއެކު ތަރައްގީ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ސަރުކާރެއް. މިވަރުގެ ސަރުކާރެއް ތާރީހު ދެކިފައެއް ނެތް،" މާލޭގެ އިތުރުން އޭނާ ހިމެނޭ ލ. އަތޮޅަށް ގެންނަމުން އަންނަ ތަރައްގީތަކުން މިސާލު ނަންގަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓު ދިރާސާ ކުރި ކޮމެޓީން މަޖިލިހަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖެއަށް އަންނަ ތަރައްގީ އިދިކޮޅު ފަރާތްތަކަށް ނުފެނުނަސް، ތިން އަހަރުގެ ތެރޭގައި އެތައް ތަރައްގީއަކާއި ކުރިއެރުމެއް އަންނަ ކަން ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ.

ބަޖެޓުން އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، އިޖުތިމާއީ އަދާލަތު ގާއިމު ކުރެވި އުމްރާނީ ގޮތުން ހީނުކުރާ ވަރުގެ ތަރައްގީއެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިގްތިސާދީ މާހިރަކު ވެރިކަމަށް ވަޑައިގަތީމަ ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަތަން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.