Roadha Mihaaru
ބީއެމްއެލްގެ މުއާމަލާތްނުކުރާ އެކައުންޓްތައް އާންމުކޮށްފި

ބީއެމްއެލްގައި ހުރި މުއާމަލާތް ނުކުރާ 800 އަށްވުރެ ގިނަ އެކައުންޓް އާންމުކޮށްފި

10 އެޕްރީލް 2017

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި މުއާމަލާތެއް ނުހިންގާތާ ފަސް އަހަރު ވެފައިވާ 800 އަށްވުރެ ގިނަ އެކައުންޓާ މެދު އަމަލުކުރަންވީ ގޮތެއް އެކައުންޓްތަކުގެ ވެރިން އަންގައިދިނުމަށް އެދި އެ ބޭންކުން އިއުލާންކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި މުއާމަލާތެއް ނުހިންގާތާ ފަސް އަހަރު ވެފައިވާ 800 އަށްވުރެ ގިނަ އެކައުންޓާ މެދު އަމަލުކުރަންވީ ގޮތެއް އެކައުންޓްތަކުގެ ވެރިން އަންގައިދިނުމަށް އެދި އެ ބޭންކުން އިއުލާންކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ނެރުނު އިއުލާނެއްގައި ބުނީ ބޭނުން ނުކުރާ އެކައުންޓްތަކާ މެދު އަމަލުކުރަންވީ ގޮތެއް އަންގައިދިނުމަށް އެދި އެކައުންޓްތަކުގެ ވެރިންނަށް މުހުލަތެއް ދީފައި ވާނެ ކަމަށެވެ. އަދި އެ ކަސްޓަމަރުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބިއްޖެ ނަމަ، ބޭންކުން އެ ފަރާތްތަކުގެ ނަންތައް ޑޯމަންޓް އެކައުންޓްގެ ލިސްޓުގައި ހިމަނައި އެ ލިސްޓް ދުވަހު ނޫހެއްގަ އާއި ގެޒެޓްގައި ޝާއިއުކޮށް 60 ދުވަސްވުމުން އެކައުންޓް ބަންދުކުރުމަށްފަހު އެމްއެމްއޭއަށް އަންގަން ޖެހޭ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ބީއެމްއެލް އިން ބުނީ އެ އެކައުންޓްތައް އަލުން އެކްޓިވޭޓްކުރުމަށް އެދި ބޭންކުގެ ބްރާންޗަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ އެކައުންޓްތަކުގައި ހުރި ފައިސާއާ މެދު އަމަލުކުރަންވީ ގޮތެއް އަންނަ ޖޫން މަހުގެ އަށްވަނަ ދުވަހުގެ ކުރިން އަންގަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ބޭންކިންއާ ބެހޭ ގާނޫނު ބުނާ ގޮތުން ޖެހިޖެހިގެން ފަސް އަހަރުވަންދެން އެކައުންޓެއްގެ ވެރިފަރާތުން، އެ އެކައުންޓަކުން އެއްވެސް މުއާމަލާތެއްނުކުރާ ނަމަ ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައިނުވާ ނަމަ އެ އެކައުންޓެއް ޑޯމަންޓް އެކައުންޓް ނުވަތަ މުއާމަލާތެއް ނުހިންގާ އެކައުންޓް ގޮތުގައި ކަނޑައެޅެ އެވެ.

އެކައުންޓްތައް އަލުން ހިންގަން ދޭ ފުރުސަތުގައި އެކަން ނުކޮށްފި ނަމަ އެކައުންޓްތައް ބަންދުކޮށް، އޭގައި ހުރި ހުރިހާ ފައިސާއެއް މަރުކަޒީ ބޭންކް، އެމްއެމްއޭ އަށް ފޮނުވަން ބޭންކިިންއާ ބެހޭ ގާނޫނު ލާޒިމްކުރެ އެވެ. އަދި އެފަދަ އެކައުންޓްތަކުގައި ހުންނަ ފައިސާ ބޭންކްތަކުން އެމްއެމްއޭ އަށް ފޮނުވާ ފަހުން އެކައުންޓެއްގެ ވެރިފަރާތުން އެ ފައިސާ ބޭނުންވެގެން ހުށަހަޅައިފި ނަމަ އެމްއެމްއޭ އިން ދޫކުރާނެ އެވެ.

އެމްއެމްއޭގައި އެ ފައިސާ ފަސް އަހަރު ވަންދެން ބެހެއްޓުމަށް ފަހު ދެން ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށެވެ. އެ މިނިސްޓްރީ އަށް އެ ފައިސާ ފޮނުވާ ފަހުން ވެސް އެކައުންޓުގެ ވެރި ފަރާތުން ފައިސާ ބޭނުންވެއްޖެ ނަމަ ފިނޭންސް މިނިސްޓްރީން އެ ފައިސާ ދޭނެ އެވެ.

މުއާމަލާތް ނުކުރާތާ ފަސް އަހަރުވީ އެކައުންޓްތަކާ މެދު އަމަލުކުރަންވީ ގޮތެއް އަންގައިދިނުމަށް އެދި ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކުން ވެސް ދާދިފަހުން އިއުލާންކޮށްފައިވެ އެވެ.