Roadha Mihaaru
އެންމެ އުފާވަނީ ރިޝްވަތެއްގައި ނުޖެހި ހުރެވުނީތީ: ޓެޑް

ޓެޑްރީ އެންމެ އުފާވަނީ ރިޝްވަތުން ސަލާމަތްވެގެން ހުރެވުނީތީ

10 އެޕްރީލް 2017

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ ކެރިއަރަށް 30 އަހަރު ފުރުނީ އެވެ. ޓެޑަށް މަރުހަބާ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ ކެރިއަރަށް 30 އަހަރު ފުރުނީ އެވެ. ޓެޑަށް މަރުހަބާ އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި ހޭދަކުރި ދިގު މުއްދަތާ ބެހޭގޮތުން ޓެޑް ބުނަނީ ކީކޭބާވަ އެވެ؟

"މިއަދު އަހަރެން އެންމެ އުފާވަނީ މަގޭ މަސައްކަތުގެ ހަޔާތުގައި މިއަދާ ހަމައަށް މަސައްކަތެއް ނުވަތަ ބީލަމެއް ކާމިޔާބު ކުރުމަށް އެއްވެސް ފަރާތަކަށް ރިޝްވަތެއް ދޭން ހުށަހަޅައި ނުވަތަ ދީފައި ނުވާތީ އެވެ." ފޭސްބުކްގައި ޓެޑް އާންމު ކުރި ކުރު ލިޔުންކޮޅެއްގައި ބުންޏެވެ.

އޭނާ އަދި ބުނީ "އެއްވެސް ފަރާތަކުން ހުށަހެޅި ރިޝްވަތެއް އަދި އެފަދަ ޝައްކެއް އެކުލެވޭ އެއްވެސް މަސައްކަތެއް ގަބޫލުކޮށްފައި" ވެސް ނުވާނެ ކަމަށެވެ.

ކެރިއަރަށް ތިރީސް އަހަރުވީ އިރު، ޓެޑްގެ ހުނަރުވެރިކަމަށް ތައުރީފްކުރާ މީހުންނާއި އޭނާގެ އުފެއްދުންތެރިކަން ކުޑަވެގެން އެކަމަށް ފާޑު ކިޔާ މީހުން ވެސް އެބަ ތިއްބެވެ. ސަބަބަކީ މިހާތަނަށް އޭނާ އަށް ބެލުންތެރިންނާ ހަމައަށް ގެނެސް ދެވިފައި ވަނީ އެންމެ ދެ ފީޗާ ފިލްމް ކަމަށް ވުމެވެ.

އެހެން ވިޔަސް މައްސަލައެއް ނެތެވެ. އޭނާ ގެނެސް ދިން ދެ ފިލްމަކީ އަދިވެސް ދިވެހިން އެ ފިލްމުތަކެއްގެ މަތިން ހަނދާން ކުރާ ދެ ފިލްމެވެ.

މީގެ ތެރެއިން އެއް ފިލްމަކީ އޭނާ ޑައިރެކްޓް ކުރި ފިލްމެކެވެ. އަނެއް ފިލްމަކީ އަމިއްލަ ސްޓޫޑިއޯ އެޓާނަލް ޕިކްޗާސް އިން ޕްރޮޑިއުސް ކުރި ފިލްމެކެވެ.

ޑައިރެކްޓަރެއްގެ ގޮތުގައި ޓެޑް އެންމެ ގިނަ ބަޔަކަށް މަޝްހޫރުވެގެން ދިޔައީ 1994 ގައި އޭނާ ޑައިރެކްޓް ކުރި "ދެރިޔާ" އިންނެވެ. މިއީ ދިވެހި ފިލްމްތަކަށް އިންގިލާބެއް ގެނައި އަދިވެސް ފަނޑުވުމެއް ނެތް ފިލްމެކެވެ. އެ ފިލްމަށް ފަހު މިހާތަނަށް ޓެޑްރީ އެއްވެސް ފިލްމެއް ޑައިރެކްޓެއް ނުކުރެ އެވެ.

ޓެޑް 1998 ގައި ޕްރޮޑިއުސް ކުރި "އަމާނާތް" އަކީ އެ ފިލްމެއްގެ ޖާދޫގައި 19 އަހަރު ފަހުން ވެސް ބެލުންތެރިން ޖެހިފައި ތިބި ފިލްމެކެވެ. އޭނާގެ ކެރިއަރަށް 30 އަހަރު ފުރުމާ ދިމާކޮށް، ޓެޑް ވަނީ އެ ފިލްމް މި މަހުގެ ހަ ވަނަ ދުވަހު ޔޫޓިއުބަށް ދޫކޮށްލައިފަ އެވެ. ފިލްމަށް މިހާތަނަށް ވަނީ 19،000 އަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.

ސްކްރީނަށް ގެނެސްދިން ފިލްމުތައް މަދަސް ޓެޑަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ މީހެކެވެ.

ވަރަށް ގިނަ، ހިތްގައިމު ވީޑިއޯ ލަވަތަކެއް ޓެޑް ވަނީ ގެނެސް ދީފަ އެވެ. އޭގެ ތެރޭގައި "ޖާދޫގައި ޖެހޭނޭ"، "ވިސްނާ ވިސްނާ"، "ފެންނާތީ ބަލަންޏާ"، "ފިނިފެން މަލެކޭ" ކަހަލަ އެތައް ލަވައެއް ހިމެނެ އެވެ.

ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު އިންޑިއާގެ އެމްޓީވީން ދެއްކި ފުރަތަމަ ދިވެހި ވީޑިއޯ ލަވަ ހެދުމުގެ ޝަރަފު ހޯދީ ވެސް ޓެޑް އެވެ.

ޓެޑް މި ދާއިރާގައި މަަސައްކަތް ކުރަން ފެށި ފަހުން، އޭނާގެ ހިއްސާއެއް ފިލްމަކަށް ކޮންމެވެސް ސިފައެއްގައި ނުލިބޭ ފިލްމެއް ސްކްރީނަށް އައިސްފައި ހުންނާނީ މަދުންނެވެ. އަނެއްކޮޅުން އޭނައަކީ އެކި ކުންފުނިތަކުގެ ޓީވީ އިޝްތިހާރުތަކާއި ސަރުކާރުގެ މުއައްސަސާތަކުން ހޭލުންތެރިކަން އުފައްދަން ތައްޔާރު ކުރާ އުފެއްދުންތަކާއި ގިނަ އަދަދެއްގެ ޑޮކިއުމަންޓްރީ ވެސް ހަދާފައިވާ ފަންނާނެނެކެވެ.

ޓެޑް ހެދި ޑްރާމާ ސިލްސިލާތަކަށް ބަލާ އިރު ދިވެހިންގެ ތެރޭގައި އަދިވެސް އެ ޑްރާމާއެއްގެ ވާހަކަ ދެކެވޭ "ސަޅިބައިސާ" ހިމެނެ އެވެ.

ކޮރަޕްޝަނަށް ހޭލުންތެރިކަން އުފެއްދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު ގެނެސް ދިން 13 އެޕިސޯޑްގެ ޑްރާމާ ސިލްސިލާ "ބިތުފަންގި" ލިޔެ، ޑައިރެކްޓް ކުރީ ވެސް ޓެޑެވެ.

ޓެޑްގެ މަސައްކަތްތަކަށް އިންތިޒާރުކުރާ މީހުން އަދިވެސް ބައިވަރެވެ. އެހެންވެ އަންނަ އަހަރަކީ އޭނާގެ ފޭނުންނަށް ވަރަށް ހާއްސަ އަހަރަކަށް ވާނެ އެވެ.

އެއީ 23 އަހަރު ފަހުން، ފިލްމެއް ޑައިރެކްޓްކޮށް، ސްކްރީނަށް ގެންނަން އަމާޒު ހިފާފައިވާތީ އެވެ. އެ ފިލްމަކީ ޓެޑްގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާ "ލަސްވިޔަސް" އެވެ. މީގެ ފުރަތަމަ ޓީޒާ މިދިޔަ ފެބްރުއަރީ މަހު ވަނީ ދައްކާލައިފަ އެވެ.

"ލަސްވިޔަސް" އާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ޓެޑްގެ ފިލްމެއް ނަމަ، ފުރިހަމަވެފައި މޮޅު ވާނެ ކަން އޭނާގެ ފޭނުން ޔަގީންކުރެ އެވެ.

"ލަސްވިޔަސް" ލަސްވެގެން 2018 ގައި ފެންނާނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ.