Roadha Mihaaru
މި އަހަރު އެންމެ އިންތިޒާރު ކުރެވޭ ފިލްމުތަކަކީ ކޮބާ؟

މި އަހަރު އެންމެ އިންތިޒާރު ކުރެވޭ ފިލްމުތަކަކީ ކޮބާ؟

06 ޖެނުއަރީ 2018

މި އަހަރު ވެސް ގިނަ ފިލްމުތަކެއް ދިވެހި ސިނަމާ އަށް އަންނާނެ ކަމަށް ބެލެވެ އެވެ. ބައެއް ފިލްމުތައް މި އަހަރު ގެނެސް ދޭނެކަން ކަށަވަރުވެފައިވާ އިރު، ވަރަށް އުންމީދީ އަދި އެހާމެ އިންތިޒާރު ކުރެވޭ ފިލްމުތަކެއް އެބަ ހުއްޓެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ވެސް ގިނަ ފިލްމުތަކެއް ދިވެހި ސިނަމާ އަށް އަންނާނެ ކަމަށް ބެލެވެ އެވެ. ބައެއް ފިލްމުތައް މި އަހަރު ގެނެސް ދޭނެކަން ކަށަވަރުވެފައިވާ އިރު، ވަރަށް އުންމީދީ އަދި އެހާމެ އިންތިޒާރު ކުރެވޭ ފިލްމުތަކެއް އެބަ ހުއްޓެވެ.

އެގޮތުން މި އަހަރު ރިލީޒް ކުރާނެ ކަމަށް ގަބޫލުކުރެވޭ ފިލްމުތަކުގެ ތެރެއިން އެންމެ އިންތިޒާރު ކުރެވޭ ފަސް ފިލްމަކަށް ބަލައިލަމާ ހިނގާށެވެ.

ލަސްވިޔަސް

މި ފިލްމަށް އިންތިޒާރުކުރެވޭ އެންމެ ބޮޑު ސަބަބަކީ މުހައްމަދު "ޓެޑްރީ" ނިޔާޒުގެ ފިލްމަކަށް ވުމެވެ. "ލަސްވިޔަސް" އަކީ އޭނާގެ 30 އަހަރު ވީ ކެރިއަރުގައި ޑައިރެކްޓް ކުރާ ދެވަނަ ފީޗާ ފިލްމެވެ. ޓެޑް 1994 ގައި ހެދި "ދެރިޔާ" އަށް ފަހު، މިހާތަނަށް ފީޗާ ފިލްމެއް ޑައިރެކްޓްކޮށްފައި ނުވާތީ، ޑައިރެކްޓަރެއްގެ ގޮތުގައި އޭނާގެ ކިބައިގައި މިހާރު ހުރި ކުޅަދާނަކަމެއް ބަލައިލަން ވެސް އެތައް ބަޔަކު ތިބީ ބޭނުންވެފަ އެވެ.

މި އަހަރު ރިލީޒް ކުރާނެ ކަމަށް އިއުލާން ކުރި ނަމަވެސް "ލަސްވިޔަސް" ސިނަމާ އަށް އަންނާނެ ސީދާ ތާރީހެއް އަދިއެއް ނުނިންމަ އެވެ. އެކަމަކު ފިލްމުގެ ފުރަތަމަ ޓީޒާ މިދިޔަ އަހަރު ވަނީީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން ފެނިގެންދާ "ޖަޒްބާތީ" ޓީޒާއިން އަދި މިއީ ކޮން ކަހަލަ ފިލްމެއް ކަމެއް ވެސް ނޭނގެ އެވެ. އެކަމަކު ޓެޑާ މެދު ކުރެވޭ އުންމީދުތައް ބޮޑެވެ. މިއީ އެންމެ ގިނަ ބަޔަކު ބަލަން ބޭނުންވާނެ ފިލްމޭ ވެސް ބުނެވިދާނެ އެވެ.

ނިވައިރޯޅި

"ހެޕީ ބާތުޑޭ" އާއި "ލޫދިފާ" ފަދަ ފިލްމުތަކުގެ މަތިން ހަނދާންކޮށްލާށެވެ. މިއީ އެ ފިލްމުތަކުގެ ޑައިރެކްޓަރު މޫމިން ފުއާދު ހަތް އަހަރަށް ފަހު، އެނބުރި ޑައިރެކްޝަނަށް އަންނަ ފިލްމެވެ. ހަދާ ކޮންމެ ފިލްމަކުން އެތަކެއް އެވޯޑް ހޯދާ މޫމިންގެ "ނިވައިރޯޅި" އަކީ އޭނާ ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ.

މިއީ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު ވެސް މެ އެވެ. ނިއުމާ ޕްރޮޑިއުސް ކުރާ ފިލްމުގެ ޝޫޓިން މި މަހު ފަށާ އިރު، "ނިވައިރޯޅި" ސިނަމާ އަށް އަންނާނެ ކަމަށް ބެލެވެނީ މި އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. ފަހަރުގައި ފިލްމު ޕްރިމިއާ ކުރާ ތާރީހަކީ ނިއުމާގެ އުފަން ދުވަސް ކަމަށްވާ އޮކްޓޯބަރު 21 އަށް ވެސް ވެދާނެ އެވެ.

ޒަމާންގަނޑަކަށް ފަހު، މޫމިން ވަރުގަދަ ފިލްމަކާ އެކު އަންނާތީ މި ފިލްމަށް ކުރެވޭ އުންމީދުތަކާއި ކުރެވޭ އިންތިޒާރީތައް ވެސް ބޮޑެވެ.

ވަކިން ލޯބިން

މިއީ މިދިޔަ އަހަރުގެ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ހޯދި އަލީ ޝިފާއު (ޗިއްޕެ) ގެ ޑައިރެކްޝަނެކެވެ. މިއީ ދިވެހި ސިނަމާ އަށް ލޯބި ކުރާ މީހުން މިހާރު އެންމެ ބޮޑަށް އިތުބާރު ކުރާ ޑައިރެކްޓަރު ވެސް މެ އެވެ. ޗިއްޕެގެ ފިލްމެކޭ ނުވަތަ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމެކޭ ބުނެފި ނަމަ، އޭގެ ކޮލިޓީއާ ދޭތެރޭ އުފައްދާނެ ސުވާލެއް ނޯންނާނެ އެވެ.

"ވަކިން ލޯބިން" ސިނަމާ އަށް އަންނާނީ މާޗް 5 ގައި.

"ވަކިން ލޯބިން" އަކީ ޗިއްޕެ އެންމެ ފަހުން ގެނެސް ދިން ތަންކޮޅެއް މަޖާ ސްޓައިލްގެ ތިން ފިލްމަށް ފަހު، ވަރަށް ސީރިއަސް އާއިލީ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ލީޑް ރޯލު ކުޅޭ މި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ މާޗް 5 ގަ އެވެ.

މި ފަހަރު މި ފިލްމުން ފާހަގަކުރަން އެންމެ ބޭނުން ކަމަކީ މޮޅު ޑައިރެކްޓަރުގެ އެވޯޑް އުފުލައިލުމަށް ފަހު، ޗިއްޕެގެ މަސައްކަތުގެ ކޮލިޓީ އަށް އައިސްފައި ހުރި ބަދަލެވެ.

ދެވަންސޫރަ

މިއީ މި އަހަރު އަޅުވާނެ ފުރަތަމަ ދިވެހި ފިލްމެވެ. އެއީ ފެބްރުއަރީ 6 ގަ އެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ "ދެވަންސޫރަ" އަކީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތައް ދައްކުވައިދޭ ސަސްޕެންސް ތުރިލާއެކެވެ.

ވަރަށް ބޮޑު ކާސްޓެއް ވެސް ހިމެނޭ ފިލްމާ ބެހޭ ގޮތުން ޔޫއްޕެ ބުނެފައި ވަނީ މިއީ އޭނާގެ އަސްލު ރަހަގަނޑު ދައްކުވައި ދޭނެ ފިލްމެއް ކަމަށެވެ. އެހެންވެ ފިލްމު މޮޅުކުރަން، ބެލުންތެރިން ގަޔާވާ ކަހަލަ ފިލްމަކަށް ހަދަން ވަރަށް މަސައްކަތްކޮށްފައި ހުންނާނެ ކަމަށް ބުންޏެވެ.

"ދެވަންސޫރަ" ގެ ޓީޒާ ޓްރެއިލާ.

ޔޫއްޕެ ވެސް މުހިއްމު ރޯލެއް ކުޅެފައިވާ "ދެވަންސޫރަ"ގެ ކާސްޓުންގެ ތެރޭގައި އަލަށް ތައާރަފުވާ މަރިޔަމް ޝިފާއާ އެކު، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮންއައްޔަ)، އަހުމަދު އީސަ (އާނަންދު)، ފާތުމަތު އާޒިފާ (އަޒޫ) އަދި އަހުމަދު ސައީދު ފަދަ ތަރިން ހިމެނެ އެވެ.

ޔޫއްޕެއަކީ މި ފަހަކަށް އައިސް އޭނާގެ ސްކްރީންޕްލޭތަކާއި ޑައިރެކްޝަނުން ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްފައިވާ މީހަކަށް ވާތީ "އަސްލު ސްޓައިލް" ގެ ފިލްމުގައި ހުރީ ކިހާ ފުރިހަމަ ކަމެއްތޯ ބަލައިލަން ކޮންމެހެން ވެސް ޖެހޭނެ އެވެ.

ގޮށްރާޅު

މި ފިލްމުގެ ޑައިރެކްޓަރާ ބެހޭ ގޮތުން ދައްކާނެ މާ ގިނަ ވާހަކައެއް ނެތެވެ. އެކަމަކު އޭނާ ވަނީ 2016 ގައި ރިލީޒް ކުރި ބިރުވެރި ފިލްމު "4426" ގައި ފާތުމަތު ނަހުލާއާ ގުޅިގެން، ޑައިރެކްޓް ކުރުމުގެ ހުނަރު ދައްކާލައިފަ އެވެ. "ގޮށްރާޅު" އަކީ އެ ފިލްމަށް ފަހު، އަހުމަދު ޝިނާން އެކަނި ޑައިރެކްޓަރެއްގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

"ގޮށްރާޅު" ގެ ބައެއް ކާސްޓުން.

މި ފިލްމު ހާއްސަވާ އެއް ސަބަބަކީ މިއީ އަނެއްކާވެސް މޫމިންގެ ސްކްރީންޕްލޭއަކަށް ހަދާ ކްރައިމް ތުރިލާއަކަށް ވުމެވެ. ޑާކް ރެއިނުން ގެނެސްދޭ މި ފިލްމުގެ އެންމެ މުހިއްމު އެއް ތަރިއަކީ ޖުމަލް އެވެ. އޭނާއާ އެކު، ވަރަށް ގިނަ އާ އެކްޓަރުން ވެސް "ގޮށްރާޅު" އިން ފެނިގެން ދާނެ އެވެ.

މިހާރު ޝޫޓް ކުރަމުން އަންނަ މި ފިލްމު ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ ޑާކް ރެއިންގެ ރަސްމީ ތާރީހު ކަމަށްވާ އެޕްރީލް 5 ގަ އެވެ.