Roadha Mihaaru
"ނިވައިރޯޅި" އޮކްޓޯބަރު 15 އަށް އަވަސްކޮށްފި

"ނިވައިރޯޅި" އޮކްޓޯބަރު 15 އަށް އަވަސްކޮށްފި

11 ޖުލައި 2018

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" މިދިޔަ އަހަރަށް ފަސްކޮށްފައިވާ ކަމަށް އިއުލާނުކުރުމަށް ފަހު އަނެއްކާ ވެސް ހަމަ މި އަހަރުގައި ފިލްމް ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" މިދިޔަ އަހަރަށް ފަސްކޮށްފައިވާ ކަމަށް އިއުލާނުކުރުމަށް ފަހު އަނެއްކާ ވެސް ހަމަ މި އަހަރުގައި ފިލްމް ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

ފިލްމްގެ ޕްރޮޑިއުސަރު އަދި ބަތަލާ ނިއުމާ ބުނި ގޮތުގައި މުއުމިން ފުއާދު ޑައިރެކްޓްކުރާ ފިލްމް ޕްރިމިއާ ކުރާނީ އޮކްޓޯބަރު މަހުގެ 15 ގަ އެވެ.

"ވަރަށް ގިނަ ފޭނުން މި އަހަރު ފިލްމް އަޅުވައި ދޭން ރިކްއެސްޓް ކުރާތީ އަސްލު ފިލްމް މި އަހަރު އަޅުވަން ނިންމީ،" އޭނާ ބުންޏެވެ.

"ނިވައިރޯޅި" ގެ ވަރަށް ބޮޑުބައި ރ. އިނގުރައިދޫ ޝޫޓްކޮށް ނިމިފައިވާ އިރު މިއަދު ފިލްމްގެ ބާކީ މަންޒަރުތައް މާލޭގައި ޝޫޓް ކުރަން ފަށާނެ އެވެ. މާލޭގައި ނަގަން ހުރީ ފިލްމްގެ ވަރަށް މަދު އައުޓްޑޯ މަންޒަރުތަކެކެވެ.

"ލަފާ ކުރަނީ ދިހަ ދުވަހުގެ ތެރޭގައި މާލޭގެ ޝޫޓިން ވެސް އެއްކޮށް ނިންމައިލެވޭނެ ކަމަށް،" ނިއުމާ ބުންޏެވެ.

"ނިވައިރޯޅި" ގެ އިނގުރައިދޫ ޝޫޓިން ނިންމާލައި ޓީމް މާލެ ފުރީ މި މަހުގެ 7 ގައި.

އޭނާ ބުނީ މި އަހަރު ފިލްމް އަޅުވަން ނިންމުމާ ގުޅިގެން މަސައްކަތްތައް ވަރަށް ހަލުވިކޮށް، ބާރަށް ގެންގަން މިހާރު ރާވާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ފިލްމްގެ ޕޯސްޓަރާއި ޓްރެއިލާ ރިލީޒްކުރާ އިވެންޓެއް ބާއްވާނެ ކަމަށް ބުންޏެވެ.

"އިނގުރައިދޫގެ ޝޫޓިން ވެސް ވަރަށް ފަސޭހަކޮށް ދިޔައީ. އެކޮޅުން އަހަރެމެންނަށް ރަށުގެ މީހުންގެ ފަރާތުން ވެސް ވަަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. އެހެންވެ މީގެ މަސައްކަތް އަވަހަށް ނިންމަން މަގުފަހިވި. މިހާރު ދެން މިވީ ގޮތުން މި އަހަރު ފިލްމު އަޅުވަން ޖެހުނީމަ އަހަރެމެންގެ މަސައްކަތްތައް އިތުރަށް ހަލުވި ކުރަން ޖެހޭނެ،" ނިއުމާ ބުންޏެވެ. "އެކަމަކު ވީހާ ވެސް ފުރިހަމަ ރީތި ފިލްމެއް ބެލުންތެރިންނަށް ގެނެސްދެވޭނެކަމާ ދޭތެރޭ ޝައްކެއް ނެތް."

ނިއުމާ ބުނީ ފިލްމްގެ ޕްރޮމޯޝަނަލް އިތުރު ހަރަކާތްތައް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

"އަދި ރަށްރަށުގައި ފިލްމް އަޅުވަން ޝައުގުވެރިވާ މީހުން ނިވައިރޯޅިގެ ރަސްމީ ފޭސްބުކް ޕޭޖަށް އިންބޮކްސް ކުރީމަ އެކަން އަހަރެމެން އެ މީހުންނާ ގުޅައިގެން ކުރިއަށް ގެންދާނަން،" އޭނާ ބުންޏެވެ.

"ނިވައިރޯޅި" އަކީ 2011 ގެ "ލޫދިފާ" އަށް ފަހު، މޫމިން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފިލްމެވެ. އޭނާ ބުނެފައި ވަނީ މި ފިލްމްގެ ކޮންސެޕްޓަކީ އޯޑިއަންސަށް މުޅިން އާ އެއްޗަކަށް ވާނެ ކަމަށާއި ފިލްމް ބެލުންތެރިންނަށް ކަމުދާނެ ކަމުގެ ޔަގީންކަން ވެސް ބޮޑު ކަމަށެވެ.

ބޮޑު ކާސްޓެއް ހިމެނޭ "ނިވައިރޯޅި" ގެ ތަރިންގެ ތެރޭގައި ޔޫސުފް (ޔޫއްޕެ) ޝަފީއު، ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު (އައިންތު) ރަޝީދާ، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ (ނާއްކޮ) މުހައްމަދު، އަހުމަދު (އަޒޭ) އަޒްމީލް، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.