Roadha Mihaaru
ނިއުމާގެ ބިރުވެރި ފިލްމު "ކަޅަކި" ޕްރިމިއާކޮށްފި

ނިއުމާ ޕްރޮޑިއުސްކުރި ބިރުވެރި ފިލްމު "ކަޅަކި" ޕްރިމިއާކޮށްފި

08 އޮކްޓޯބަރ 2023

ފިލްމީ ތަރި، ނިއުމާ މުހައްމަދު ޕްރޮޑިއުސްކުރި ބިރުވެރި ފިލްމު "ކަޅަކި" ރޭ އޮލިމްޕަހުގައި ޕްރިމިއާކޮށްފި އެވެ.

ފިލްމީ ތަރި، ނިއުމާ މުހައްމަދު ޕްރޮޑިއުސްކުރި ބިރުވެރި ފިލްމު "ކަޅަކި" ރޭ އޮލިމްޕަހުގައި ޕްރިމިއާކޮށްފި އެވެ.

އެ ފިލްމުގެ ޕްރިމިއާ އަށް ރޭ އޮލިމްޕަހުގައި ރެޑްކާޕެޓް އިވެންޓެއް ވެސް ބޭއްވި އެވެ. އެ އިވެންޓުގައި ދިވެހި ސިނަމާގައި މަސައްކަތްކުރާ ވަރަށް ގިނަ ފަންނާނުން ބައިވެރިވި އެވެ.

"ކަޅަކި"ގެ ރެޑްކާޕެޓްގައި ފިލްމީ ތަރި، ޝީރީން އަބްދުލްވާހިދު އާއި ވާޝިއާ މުހައްމަދު އަދި ޝީލާ ނަޖީބް.-- ފޮޓޯ: ކަޅަކި ފޭސްބުކް ޕޭޖު

"ކަޅަކި"ގެ ރެޑްކާޕެޓްގައި ފިލްމީ ތަރި، ޝީރީން އަބްދުލްވާހިދު އާއި ވާޝިއާ މުހައްމަދު އަދި ޝީލާ ނަޖީބް.-- ފޮޓޯ: ކަޅަކި ފޭސްބުކް ޕޭޖު

މި ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން، މުހައްމަދު މަނިކު، އައިމިނަތު ރިޝްފާ، ވާޝިއާ މުހައްމަދު އަދި އައިޝަތު ލަހުފާ އެވެ.

މި ފިލްމަކީ ޔޫއްޕެގެ ވާހަކައަކަށް އޭނާ އަމިއްލައަށް ސްކްރީންޕްލޭ ލިޔެ އަދި ޑައިރެކްޓުކުރި ފިލްމެކެވެ.

"ކަޅަކި"ގެ ޕްރިމިއާ އިވެންޓުގައި އެ ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިން ސްޓޭޖުމަތީގައި.-- ފޮޓޯ: ކަޅަކި ފޭސްބުކް ޕޭޖު

"ކަޅަކި"ގެ ޕްރިމިއާ އިވެންޓުގައި އެ ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިން ސްޓޭޖުމަތީގައި.-- ފޮޓޯ: ކަޅަކި ފޭސްބުކް ޕޭޖު

ބިރުވެރި ހާދިސާއަކަށް ބިނާކޮށް ގެނެސްދިން މި ފިލްމުގައި ދައްކަނީ ރައްޓެހިންތަކެއް އެކުގައި ކުރާ ދަތުރެއްގެ ތެރެއިން ދިމާވާ ބިރުވެރި ކަންތައްތަކެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ސްރީ ލަންކާގަ އެވެ.

"ކަޅަކި" އަކީ 2017 ވަނަ އަހަރު އިއުލާންކުރި ފިލްމެކެވެ. އޭގެ ދެ އަހަރު ފަހުން، ނިއުމާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ނިއުޒޯ ފްލިމްސް" އިން އަނެއްކާވެސް މި ފިލްމު އިއުލާންކޮށް މަސައްކަތް ފެށީ އޮކްޓޯބަރު 2019 ގަ އެވެ.

މިއީ ނިއުމާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ގެނެސްދިން ދެވަނަ ފިލްމެވެ. އެ ޕްރޮޑަކްޝަނުން ގެނެސްދިން ފުރަތަމަ ފިލްމަކީ 2019 ގައި ނެރުނު، ނިއުމާ ކުޅުނު އޭނާގެ އެންމެ ފަހު ފިލްމު "ނިވައިރޯޅި" އެވެ.