Roadha Mihaaru
ނިއުމާގެ އަޑާއެކު "ނިވައިރޯޅި" އަންނަން ތައްޔާރު

ނިއުމާގެ އަޑާއެކު "ނިވައިރޯޅި" އަންނަން ތައްޔާރު

18 ޑިސެމްބަރ 2018

ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގައި އޭނާ ކުޅޭ ކެރެކްޓާ އަށް ޑަބް ނުކުރެވިގެން ފިލްމު ފަސްކުރަން ޖެހުނަސް ފޭނުން ހާސްވާނެ ކަމެއް ނެތެވެ. އަޑު ހަލާކުވެގެން އެ ވޭނުގައި އުޅުމަށް ފަހު ރަނގަޅުވެ، އޭނާ ވަނީ ފިލްމު ޑަބް ވެސްކޮށް ނިންމައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގައި އޭނާ ކުޅޭ ކެރެކްޓާ އަށް ޑަބް ނުކުރެވިގެން ފިލްމު ފަސްކުރަން ޖެހުނަސް ފޭނުން ހާސްވާނެ ކަމެއް ނެތެވެ. އަޑު ހަލާކުވެގެން އެ ވޭނުގައި އުޅުމަށް ފަހު ރަނގަޅުވެ، އޭނާ ވަނީ ފިލްމު ޑަބް ވެސްކޮށް ނިންމައިފަ އެވެ.

އެހެންވެ މިދިޔަ އޮކްޓޯބަރު މަހުގެ 15 އިން، އަންނަ މަހުގެ 3 އަށް ފަސްކުރި "ނިވައިރޯޅި" އަހަރުގެ ފުރަތަމަ ފިލްމުގެ ގޮތުގައި ސިނަމާ އަށް އަންނާނީ ވަރަށް ވެސް ޗާލުކޮށެވެ.

ފިލްމުގައި ނިއުމާ ކުޅެފައިވާ ކެރެކްޓާއެއް އެހެން މީހަކު އަޑު އަޅާފައި އޮވެދާނެ ކަމުގެ ބިރެއް މިހާރަކު ނެތެވެ.

"ނަސީބަކުން އަހަރެންގެ އަމިއްލަ އަޑުން ފިލްމު ޑަބްކޮށް ނިންމައިލެވިއްޖެ،" މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަޑު ވަރަށް ބޮޑަށް ހަލާކުވެގެން ސްރީ ލަންކާ އާއި ބެންކޮކުން ވެސް ފަރުވާ ހޯދި ބަތަލާ ބުންޏެވެ.

ނިއުމާ އަޑު ހަލާކުވެގެން ފޭނުންނަށް ދިން މެސެޖް.

ނިއުމާ ބުނީ "ނިވައިރޯޅި" ސްކްރީނަށް އަންނާނީ ވަރަށް ފުރިހަމަ އަދި ބެލުންތެރިން ވަރަށް ގަޔާވާ ކަހަލަ ފިލްމެއްގެ ގޮތުގައި ކަމަށެވެ. ފިލްމު އަޅުވާ ދުވަސް ކައިރިވަމުން އަންނަނިކޮށް، ބެލުންތެރިންނަށް މިހާރު މި ވަނީ މީގެ އާ ޓްރެއިލާއެއް ވެސް ދައްކާލައިފަ އެވެ.

ނިއުމާ ބުނީ "ނިވައިރޯޅި" ގެ މަސައްކަތް މިހާރު އޮތީ އެއްކޮށް ނިމިފައި ކަމަށެވެ.

"މިހާރު ދެން ޕޮލިޝް ކުރުމުގެ ބައި ކުރިއަށް ދަނީ،" ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ނަމުގައި އުފައްދާފައިވާ ފިލްމު ކުންފުނި ނިއުޒޯ އިން ގެނެސްދޭ ފިލްމާ ބެހޭ ގޮތުން ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.

"ނިވައިރޯޅި" ގެ ޓިކެޓް ބުރާސްފަތި ދުވަހުން ފެށިގެން ވިއްކަން ވެސް ފަށަން ވަނީ ނިންމައިފަ އެވެ.

މި ފިލްމަކީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ބޮޑު ކާސްޓަކާ އެކު ހަދާފައިވާ "ނިވައިރޯޅި" އަކީ 2011 ގައި ރިލީޒް ކުރި "ލޫދިފާ" އަށް ފަހު، ރާއްޖޭގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މޫމިން ގެނެސްދޭ ފުރަތަމަ ފިލްމެވެ.

އޭނާ ބުނެފައިވާ ގޮތުގައި "ނިވައިރޯޅި" ވެގެން ދާނީ މީގެ ކުރިން ސްކްރީނުން ތަޖުރިބާކޮށްލަން ނުލިބޭ ކަހަލަ ވަރަށް އާދަޔާ ހިލާފު ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމަކަށެވެ.

"ނިވައިރޯޅި" އާ ގެ ޓްރެއިލާ.

"ލޫދިފާ" އަކީ 2016 ވަނަ އަހަރު ބޭއްވި ހަތް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި 19 ކެޓަގަރީއަކުން ނޮމިނޭޓްވެ، ޖުމްލަ 10 ކެޓަގަރީއަކުން އެވޯޑް ގެންދިޔަ ފިލްމެވެ. އޭގެ ތެރޭގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު ސްކްރީންޕްލޭ ހިމެނެ އެވެ.

އެހެންވެ "ލޫދިފާ" ކަހަލަ ވަރުގަދަ ފިލްމަކަށް ފަހު މޫމިން ލިޔެ، ޑައިރެކްޓްކޮށް ބެލުންތެރިންނަށް ދޫކޮށްލާ "ނިވައިރޯޅި" ޔަގީނުން ވެސް އާދައިގެ ފިލްމަކަށް ނުވާނެ އެވެ.

ނިއުމާ އެކްޓިން ކެރިއަރު ނިންމައިލާ ފިލްމުން އޭނާއާ އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ޔޫސުފް (ޔޫއްޕެ) ޝަފީއު، ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު (އައިންތު) ރަޝީދާ، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ (ނާއްކޮ) މުހައްމަދު، އަހުމަދު (އަޒޭ) އަޒްމީލް، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.