Roadha Mihaaru
ނިއުމާގެ "ނިވައިރޯޅި" ގައި ބޮޑު ކާސްޓެއް

ނިއުމާގެ "ނިވައިރޯޅި" ގައި ބޮޑު ކާސްޓެއް، ޝޫޓިން 26 ގައި ފަށަނީ

11 އެޕްރީލް 2018

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގައި މަޝްހޫރު ބައެއް ތަރިން ވެސް ހިމަނައިގެން، ފިލްމްގެ ކާސްޓް އިއުލާންކޮށް، މި މަހުގެ 26 ގައި ޝޫޓިން އަށް ރ. އަތޮޅަށް ފުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގައި މަޝްހޫރު ބައެއް ތަރިން ވެސް ހިމަނައިގެން، ފިލްމްގެ ކާސްޓް އިއުލާންކޮށް، މި މަހުގެ 26 ގައި ޝޫޓިން އަށް ރ. އަތޮޅަށް ފުރާ ގޮތަށް ނިންމައިފި އެވެ.

ނިއުމާ ޕްރޮޑިއުސްކޮށް ބަތަލާގެ ރޯލް ކުޅޭ މި ފިލްމަކީ "ލޫދިފާ" ގެ ޑައިރެކްޓަރު މޫމިން ފުއާދު ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ.

ފިލްމްގެ ކާސްޓް އިއުލާން ކުރީ ރޭ ރާނބާ ރެސްޓޯރަންޓްގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. އެ ހަފުލާގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ކާސްޓުންނާ ލިޔުން ހަވާލުކޮށް ދިނީ ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ އެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި ނިއުމާއާ އެކު ޔޫސުފް (ޔޫއްޕެ) ޝަފީއު، އައިމިނަތު ރިޝްފާ، ޒީނަތު އައްބާސް، އަހުމަދު ސައީދު، ނާޝިދާ (ނާއްކޮ) މުހައްމަދު، އަހުމަދު (އަޒޭ) އަޒްމީލް، މަރިޔަމް ޝަކީލާ، އައިމިނަތު (އައިންތު) ރަޝީދާ، މަރިޔަމް ހަލީމް، އިސްމާއީލް ޒާހިރު، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިފް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

ނިއުމާ ބުނީ ފިލްމްގެ ޝޫޓިން ރ. އަތޮޅު އުނގޫރާފުގެ އިތުރުން މާލޭގައި ވެސް ނަގާނެ ކަމަށެވެ.

"އުނގޫފާރުގައި ގާތްގަނޑަކަށް ދިިހަ ވަރަކަށް ދުވަހުގެ އިންޑޯ މަންޒަރުތަކެއް ނަގަން ޖެހެނީ. އެ ރަށަށް ދާން ނިންމި ސަބަބަކީ ފިލްމްގައި މޫމިން ދައްކުވައި ދޭން ބޭނުންވާ ކަހަލަ ގެއެއް އެ ރަށުން ލިބުނީމަ،" ނިއުމާ ބުންޏެވެ. "ވަރަށް ބޮޑަށް ރެޑީވެ، ޕްލޭންކޮށްގެން ފިލްމްގެ މަސައްކަތް މި ފަށައި ގަންނަނީ."

އޭނާ ބުނީ "ނިވައިރޯޅި" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ހެދުމަށް ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަރެންގެ ފަހު ފިލްމަށް ވެސް ވުމާ އެކު މީތި ވަރަށް ޕާފެކްޓްކޮށް ހަދަން ބޭނުން ވަނީ،" ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "އަދި މީގެ ޑައިރެކްޓަރު މޫމިންގެ ކޮލިޓީއާ ދޭތެރޭ އެއްވެސް މީހަކު ޝައްކެއް ވެސް ނުކުރާނެ. އޭނައަކީ އެހާ ވެސް މޮޅު ޑައިރެކްޓަރެއް."

"ނިވައިރޯޅި" އަކީ 2011 ގައި ރިލީޒް ކުރި "ލޫދިފާ" އަށް ފަހު މޫމިން ވެސް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

މި ފިލްމް ރަސްމީކޮށް ލޯންޗް ކުރީ ނިއުމާގެ ފިލްމީ ކެރިއަރަށް 20 އަހަރު ފުރުން ފާހަގަކޮށް، އޭނާ ރިޓަޔަމަންޓް އިއުލާން ކުރަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ގައި ބޭއްވި ހާއްސަ ހަފުލާގަ އެވެ.

"ނިވައިރޯޅި" ސިނަމާ އަށް ގެންނަން އަމާޒު ހިފާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު 20 ގަ އެވެ.