Roadha Mihaaru
"ނިވައިރޯޅި" އަޅުވާނީ އަންނަ އަހަރު

ނިއުމާގެ ވަދާއީ ފިލްމް "ނިވައިރޯޅި" އަޅުވާނީ އަންނަ އަހަރު

30 ޖޫން 2018

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގެ ޝޫޓިން މިހާރު ވަރަށް ބާރަށް ރ. އިނގުރައިދޫގައި ކުރިއަށްދާ އިރު، ފިލްމް ސިނަމާ އަށް ގެންނާނީ އަންނަ އަހަރު ކަމަށް ނިއުމާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގެ ޝޫޓިން މިހާރު ވަރަށް ބާރަށް ރ. އިނގުރައިދޫގައި ކުރިއަށްދާ އިރު، ފިލްމް ސިނަމާ އަށް ގެންނާނީ އަންނަ އަހަރު ކަމަށް ނިއުމާ ބުނެފި އެވެ.

ކުރިން ނިންމާފައި އޮތީ އޮކްޓޯބަރު 20 ގައި ފާހަގަކުރާ ނިއުމާގެ އުފަން ދުވަހާ މި އަހަރު ފިލްމް އަޅުވާށެވެ. އެކަމަކު ނިއުމާ ބުނީ އަހަރުގެ ފަހުކޮޅަށްދާ އިރު، ރާއްޖޭގެ މަސްރަހު އޮންނާނެ ގޮތް ތަސައްވަރު ކުރެވޭތީ، މިހާރު ބޭނުން ވަނީ ހަމަޖެހިލައިގެން، އަންނަ އަހަރު ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ކަމަށެވެ.

"އެކަމަކު މި އަހަރުގެ އޮކްޓޯބަރު ވިހީގައި ފިލްމްގެ ޓީޒާ ޓްރެއިލާ ބެލުންތެރިންނަށް ގެނެސް ދޭނަން،" އަމިއްލަ އަށް ޕްރޮޑިއުސް ވެސް ކުރާ ފިލްމާ ބެހޭ ގޮތުން، ހުނަރުވެރި ބަތަލާ ބުންޏެވެ. "އަންނަ އަހަރު ފިލްމް ގެނެސް ދޭން ނިންމި ނަމަވެސް އަދި ޑޭޓެއް ފައިނަލެއް ނުކުރަން."

"ނިވައިރޯޅީ" އަކީ މޫމިން ފުއާދު ލިޔެ، ޑައިރެޓް ކުރާ ފިލްމެކެވެ. ފިލްމްގެ ޝޫޓިން ފެށީ އިނގުރައިދޫގައި ފެށީ މި މަހުގެ 19 ގަ އެވެ. އެ ރަށުގައި ނަގަނީ ފިލްމްގެ އިންޑޯ މަންޒަރުތަކެވެ.

"ނިވައިރޯޅި" ގެ ޝޫޓިންގެ ތެރެއިން.

ނިއުމާ ބުނީ ޝޫޓިން ކުރިއަށް ދަނީ ރޭވި ގޮތަށް، ވަރަށް ވެސް ހިތްހަމަޖެހޭ ގޮތަކަށް ކަމަށެވެ.

ބޮޑު ކާސްޓެއް ފެނިގެންދާ ފިލްމްގައި ނިއުމާ އެކު ޔޫސުފް (ޔޫއްޕެ) ޝަފީއު، ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު (އައިންތު) ރަޝީދާ، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ (ނާއްކޮ) މުހައްމަދު، އަހުމަދު (އަޒޭ) އަޒްމީލް، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

"އަހަރެމެން މިކޮޅަށް އައީ ވެސް ވަރަށް ބޮޑަށް ޝެޑިއުލް ރާވައިގެން. އެހެންވެ އެއްވެސް ދައްޗެއް ނެތި ވަރަށް އޮމާންކޮށް އަދި ވަރަށް ވެސް ހިތްހަމަޖެހޭ ގޮތަށް މަސައްކަތް ކުރިއަށް ދަނީ،" ނިއުމާ ބުންޏެވެ. "މިހާރު މިދާ ގޮތުން އަންނަ މަހުގެ ދިހައަކަށް ޝޫޓިން ނިންމާލައި، އަހަރެމެންނަށް ފުރަން ތައްޔާރު ވެވޭނެ."

ހުރިހާ ރަހަތަކެއް ހެޔޮވަރު "ކޮކްޓެއިލްއެއްގެ" ގޮތުގައި ނިއުމާ ސިފަ ކުރާ "ނިވައިރޯޅި" އަކީ ވަދާއީ ފިލްމްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސް ދޭން އެންމެ ހެޔޮވަރު، އެންމެ ފައްކާ ފިލްމް ކަމަށް ގިނަ ފިލްމްތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.

"ހަމަ ޔަގީނުން ވެސް ބެލުންތެރިންނަށް ވޯތު އެއްޗަކަށް މީތި ވާނެ،" ނިއުމާ ބުންޏެވެ.

ފިލްމާ ބެހޭ ގޮތުން މޫމިން ބުނަނީ ކީކޭ؟

"މިއީ ވަރަށް ވެސް އާ އައިޑިއާއަކަށް ހަދާ ފިލްމެއް. މީގެ ކުރިން އަހަރެން ނުދެކެން މިކަހަލަ ކޮންސެޕްޓަކަށް ހަދާފައި އޮތް އެއްވެސް ފިލްމެއް،" ނިވައިރޯޅިގެ ކޮންސެޕްޓް ސިއްރު ކުރަމުން މޫމިން ބުންޏެވެ. "އާންމުކޮށް ވިސްނާ ލެވިފައި ނެތް ކަހަލަ ކަމެއް މީގައި ދައްކުވައި ދޭނެ. އެ ތަފާތު ޔަގީނުން ވެސް ފެންނާނެ. އަސްލު މީގެ އައިޑިއާ އައީ މާސްކޭ [ކެމެރާމަން މުހައްމަދު ޝިވާޒް] ގެ ފަރާތުން. އެކަމަކު އަހަރެން ފަހުން އަދި މީތި ޑިވެލޮޕްކޮށްލި އިރު މުޅިން ތަފާތު އެއްޗެއް އެއީ. މި ސްކްރިޕްޓް ކިޔާލި އެންމެން ވެސް ބުނި ކޮންސެޕްޓް ވަރަށް ވެސް އަލޭ."

"ނިވައިރޯޅި" ގެ ޑައިރެކްޓަރު މޫމިންއާ އެކު ނިއުމާ.

"ނިވައިރޯޅި" ގެ ޑައިރެކްޓަރު މޫމިންއާ އެކު ނިއުމާ.

"ހެޕީ ބާތުޑޭ" އާއި "ލޫދިފާ" ވެސް ގެނެސް ދިން ޑައިރެކްޓަރު ބުނި ގޮތުގައި "ނިވައިރޯޅި" އަކީ އޭނާގެ އަސްލު ރަހަ ގެނުވައި ދޭނެ ފިލްމެކެވެ. އަނެއްކޮޅުން މި ފިލްމަކީ މޫމިން ކުރަހާފައި އޮތް ތަސްވީރުގައި އޭނާ ބޭނުންވާ ގޮތަށް ކުލަ ޖައްސަން ފުރިހަމަ ކޮންޓްރޯލާއި އިހުތިޔާރު ފަހިވެފައި އޮތް ފިލްމެކެވެ.

"އަހަރެން މީތި ލިޔެފައި އޮތް ގޮތާ ވަރަށް ވެސް ގާތްކޮށް ސްކްރީނުން ވިޝުއަލައިޒްކޮށް ދޭނަން. އެކަން ކުރެވޭނެ. އަދި މީގައި މަސައްކަތް ކުރާ ޓީމަށް ބެލިޔަސް އެކަން ނުވާންވީ ސަބަބެއް ނެތް،" ހުސައިން އަދުދާނު ކެމެރާ ކުރާ ފިލްމާ ބެހޭ ގޮތުން މޫމިން ބުންޏެވެ. "ވަރަށް ވެސް އެކްސްޕީރިއަންސް އެކްޓަރުންތަކެއް މީގައި މި އުޅެނީ."

"ނިވައިރޯޅި" ގެ ޝޫޓިންގެ ތެރެއިން.

މޫމިން ބުނި ގޮތުގައި "ނިވައިރޯޅި" އަކީ މިހާތަނަށް އޭނާ ގެނެސްދޭ އެންމެ ކާމިޔާބު ފިލްމަށް ވެދާނެ އެވެ.

"އަހަންނަކީ މިހާތަނަށް ކޮމާޝަލީ އެހާ ސަކްސެސް މީހެއް ނޫން. އެކަމަކު ވަރަށް ބޮޑަށް ގަބޫލު ކުރެވޭ މިއީ ވިޔަފާރީގެ ގޮތުން އަހަރެން ހަދާ އެންމެ ކާމިޔާބު ފިލްމަށް ވާނެ ކަމަށް. އަނެއްކޮޅުން ނިއުމާ ވެސް ހުރީ ވަރަށް ބޮޑަށް ޕްރޮމޯޓްކޮށް، މާކެޓްކޮށްގެން ފިލްމް ސްކްރީނަށް ގެންނަން ނިންމައިގެން،" މޫމިން ބުންޏެވެ.

އިނގުރައިދޫގެ ޝޫޓިން ނިންމާފައި "ނިވައިރޯޅި" ގެ ޓީމް އަންނަ މަހު އެނބުރި މާލެ އަންނަ އިރު، ފިލްމްގެ 70 ޕަސެންޓް ޝޫޓިން އޮންނާނީ ނިމިފަ އެވެ.

"ނިވައިރޯޅި" ގެ ޝޫޓިންގެ ތެރެއިން.

"މިހާރު ވެސް މި ރަށުގައި ނަގާ އިންޑޯ މަންޒަރުތަކުގެ ނުވަދިހަ ޕަސަންޓް ނިންމާލެވިއްޖެ. ދެން މާލޭގައި ފިލްމްގެ އައުޓް ޑޯ މަންޒަރުތަކެއް ނަގާނެ،" ތީމް ލަވައެއް ހިމެނޭ ފިލްމާ ބެހޭ ގޮތުން މޫމިން ބުންޏެވެ. "އަހަރެން ފިލްމް އެއްކޮށް ނިންމާފައި އޮކްޓޯބަރު މަހު ނިއުމާއާ ފިލްމް ހަވާލު ކުރާނަން."

މޫމިން އެ ބުނާ އާ އައިޑިއާ ނިއުމާގެ ކޮކްޓެއިލް ތެރެއަށް އަޅާލައިގެން ނުކުންނަނީ ކޮން ކަހަލަ ރަހައެއްތޯ ބަލައިލަން ޔަގީނުން ވެސް ނިއުމާގެ ފޭނުން މިހާރު ވެސް ތިބޭނީ ކެތްމަދުވެފަ އެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ. ޓީޒާ އަށް މި ހިސާބުން ކައުންޓްޑައުން ފަށާނީ އެވެ.