Roadha Mihaaru
އަންނަ އަހަރު ދިވެހި ސިނަމާއަށް ވާނީ ކިހިނެއް؟

އަންނަ އަހަރު ދިވެހި ސިނަމާއަށް ވާނީ ކިހިނެއް؟

08 ޑިސެމްބަރ 2017

މި އަހަރު އެންމެ ފަހުން އެޅުވި "ބޮސް" އާ އެކު މި އަހަރުގެ ފިލްމީ ސީޒަން ނިމުމަކަށް އައި ނަމަވެސް، މި މަހަކީ ފިލްމީ ދާއިރާ އަށް ހާއްސަ މަހެކެވެ. އެއީ މި މަހުގެ 19 ގައި އަށް ވަނަ ދިވެހި ފިލްމް އެވޯޑްސް ވެސް ބާއްވާތީ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު އެންމެ ފަހުން އެޅުވި "ބޮސް" އާ އެކު މި އަހަރުގެ ފިލްމީ ސީޒަން ނިމުމަކަށް އައި ނަމަވެސް، މި މަހަކީ ފިލްމީ ދާއިރާ އަށް ހާއްސަ މަހެކެވެ. އެއީ މި މަހުގެ 19 ގައި އަށް ވަނަ ދިވެހި ފިލްމް އެވޯޑްސް ވެސް ބާއްވާތީ އެވެ.

މި އަހަރު އަށް ފިލްމެއް ސިނަމާ އަށް އައި އިރު، މިއީ މިދިޔަ އަހަރު ވެސް ދިވެހި ފިލްމްތައް ރިލީޒް ކުރި އަދަދެވެ. އަދި މި އަހަރު ރިލީޒް ކުރި ގިނަ ފިލްމްތަކަކީ އާންމުންގެ ތަރުހީބު ވަަރަށް ބޮޑަށް ލިބުނު ފިލްމްތަކެވެ. ބައެއް ފިލްމްތައް ފާހަގަކޮށްލާ ނަމަ "ބޮސް" އާއި "ހައްދު" އަދި "ނޯޓީ 40" އާއި "މީ ލޯތްބަކީ" ވަކިން ފާހަގަކޮށްލެވެ އެވެ.

މި އަހަރު ނިމުމަކަށް އައިސްފައިވާ އިރު ދެން އޮތީ އަންނަ އަހަރުގެ ވާހަކަ ދެއްކުމެވެ. އަންނަ އަހަރަށް އަންނަން ހުރީ ކޮންކޮން ފިލްމްތަކެއްތޯ އާއި ކިހާ އަދަދަކަށް ފިލްމް ރިލީޒްކޮށްފާނެތޯ ބަލައިލުން މުހިއްމެވެ. ޔަގީނުން ވެސް ފިލްމީ ހަބަރުތަކަށް ލޯބި ކުރާ މީހުންނަށް މި ވާހަކަތައް މުހިއްމު ވާނެ އެވެ.

"ދެވަންސޫރަ" ގެ ޓީޒާއެއް.

އަންނަ އަހަރުގެ ފިލްމީ ވާހަތަކާ އެކު އެހެން ވާހަކައެއް ވެސް ދައްކާލަން އެބަ ޖެހެ އެވެ. އެއީ ރިޔާސީ އިންތިހާބުގެ ވާހަކަ އެވެ. ސިޔާސީ ފޯރީގައި ގިނަ ބަޔަކު އަންނަ އަހަރު ބިޒީވެގެން ދާނެކަން ޔަގީންވާ އިރު، ސިޔާސީ ކުޅިގަނޑު ތެރޭގައި ފިލްމްތައް ރިލީޒް ކުރަން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ބޭނުން ވާނެތޯ އެއީ އުފެދޭ އެންމެ ބޮޑު ސުވާލެކެވެ. އެހެންވެ އަންނަ އަހަރަކީ ފިލްމީ ވިޔަފާރި އަށް ކާމިޔާބު އަހަރަކަށް ވެދާނެތޯ އެއީ މި ދަނޑިވަޅުގައި ވެސް ވިސްނާލުން ރަނގަޅު ކަމެކެވެ. ފިލްމް އުފައްދާ މީހުން މި ރިސްކް ކިހާ ވަރަކަށް ނަގައިފާނެ ހެއްޔެވެ؟

އަންނަ އަހަރަށް ހުރި ފިލްމްތަކަށް ބަލާ އިރު، މިހާރު ވެސް ރިލީޒް ކުރަން ދުރާލައި ތާވަލްކޮށް ހުރި ބައެއް ފިލްމްތައް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓް ކުރާ ސަސްޕެންސް ތުރިލާ "ދެވަންސޫރަ" ހިމެނެ އެވެ. އެ ފިލްމަކީ ފެބްރުއަރީ 6 ގައި ރިލީޒް ކުރަން ނިންމާފައި އޮތް ފިލްމެކެވެ. އަދި ޅ. ނައިފަރުން ސިނަމާ އަށް ގެންނަ ލޯބީގެ ބިރުވެރި ފިލްމް "މަރިޔަމް މާ" އަކީ އަންނަ އަހަރުގެ ފެބްރުއަރީ 14 އަށް އަމާޒު ހިފާފައި އޮތް ފިލްމެކެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ދެ ފިލްމެއް ވެސް އަންނަ އަހަރަށް އޮތީ ތާރީހު ނަގައިފަ އެވެ. އެއީ މާޗް 5 ގައި ރިލީޒް ކުރާ "ވަކިން ލޯބިން" އާއި އެޕްރީލް 5 ގައި ރިލީޒް ކުރާ "ގޮށްރާޅު" އެވެ.

މީގެ އިތުރުން މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ވަދާއީ ފިލްމް "ނިވައިރޯޅި" އަކީ އޮކްޓޯބަރު 21 ގައި ސިނަމާ އަށް އަންނާނެ ކަމަށް ލަފާކޮށްގެން ތިބި ފިލްމެކެވެ. އެކަމަކު ނިއުމާ ވެސް އެ ފިލްމާއި ރިޔާސީ އިންތިހާބުގެ ކުޅިގަނޑާ ވަނީ ގުޅުވައިފަ އެވެ.

އަންނަ އަހަރަށް ހުރި ފިލްމްތަކަށް ބަލާ އިރު ޔޫއްޕެ އާއި އޭނާގެ ޓީމުން ލޯންޗް ކުރި އެހެން ހަތަރު ފިލްމެއް ވެސް އެބަ އޮތެވެ. އެއީ މި އަހަރު ރިލީޒް ކުރި "ނޯޓީ 40" ގެ ދެވަނަ ބައި "+40" އާއި އަލީ ޝަޒްލީމް ޑައިރެކްޓް ކުރާ "ނަފުސު" އާއި މުހައްމަދު ފައިސަލް ޑައިރެކްޓް ކުރާ "ހައްޔަރު" ގެ އިތުރުން ޔޫއްޕެ ޑައިރެކްޓް ކުރާ "ކަޅަކި" އެވެ. މި ފިލްމްތަކަކީ އަންނަ އަހަރު ރިލީޒް ކުރާނެކަން އިއުލާންކޮށްފައި ވިޔަސް އަދި ތާރީހުތައް ކަނޑަނާޅާ ފިލްމްތަކެވެ.

"ބާކީވެފާ" ޓީޒާ ޓްރެއިލާއެއް.

އަދި ހަމައެއާ އެކު ފައިސަލްގެ "ސޮރީ" އާއި ވިނީލް ސްޓޫޑިއޯގެ "ބާކީވެފާ" އަކީ އަންނަ އަހަރު ސިނަމާ އަސް ގެންނަން ނިންމާފައިވާ ފިލްމްތަކެވެ. މުހައްމަދު ޝަރީފް ޑައިރެކްޓްކޮށްފައިވާ "ބާކީވެފާ" އަކީ ކުރިން މި މަހަށް ތާވަލު ކުރި ނަމަވެސް، ޓެކްނިކަލް މައްސަލަތަކަކާ ހެދި ކަމަށް ބުނެ އަންނަ އަހަރަށް ލަސްކޮށްލި ފިލްމެކެވެ.

އަންނަ އަހަރަކީ ދިވެހި ސިނަމާ އަށް ވަކިން ހާއްސަ އަހަރެއް ވެސް މެ އެވެ. އެއީ "ދެރިޔާ" ގެ ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ ދެވަނަ ފީޗާ ޑައިރެކްޝަން "ލަސްވިޔަސް" އަންނަ އަހަރު ސިނަމާ އަށް ގެންނަން ނިންމާފައިވުމެވެ. ވަކި ތާރީހެއް އަދި އިއުލާންކޮށްފައި ނެތަސް، ޔަގީނުން ވެސް އެ ފިލްމްވެގެން ދާނީ 2018 ގެ އެންމެ "އެންޓިސިޕޭޓެޑް" ފިލްމަށެވެ. "ދެރިޔާ" ރިލީޒް ކުރިތާ 24 އަހަރު ފަހުން ޓެޑް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމަކީ ކިހާ ވަރެއްގެ ފިލްމެއްތޯ ބަލައިލުމުގެ ޝައުގުވެރިކަން މި ފިލްމްގެ ޓިޒާ މި އަހަރުގެ ކުރީކޮޅު ދައްކައިލުމާ އެކު ވެސް އޮތީ އުފެދިފަ އެވެ.

މި އަހަރު ގެނެސް ދިން ކްރައިމް ތުރިލާ "ވިޝްކާ" އަށް ފަހު ޔާރާ ޕްރޮޑަކްޝަނުން ވެސް ވަނީ އަންނަ އަހަރު ފިލްމެއް ގެނެސް ދޭން ނިންމައިފަ އެވެ. މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދި އައިޝަތު ރިޝްމީ ޑައިރެކްޓް ކުރާނެ ކަމަށް ބެލެވޭ އެ ފިލްމަކީ ލައިޓްހާޓެޑް ލޯބީގެ ފިލްމެކެވެ.

މީގެ އިތުރުން އަމްޖަދު އިބްރާހީމް (އަމްޖޭ) 50 ވަނަ ޑައިރެކްޝަން "ގިލަން" އާއި 51 ވަނަ ފިލްމް "ދޭތީ" އަނިޔާގެ އިތުރުން ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ގެ ފުރަތަމަ ޑައިރެކްޝަން "ތިޔަ ލޯތްބާ ދުރަށް" އަކީ ވެސް އަންނަ އަހަރަށް ހުރި ފިލްމްތަކެވެ. ބެލެވޭ ގޮތުން މަރީގެ ފިލްމަކީ އެޕްރީލަށް އަމާޒު ހިފާފައިވާ ފިލްމެކެވެ.

ރިލީޒް ނުވެ ދިގުލައިގެން ގޮސްފައިވާ ޔޫއްޕެ ޑައިރެކްޓްކޮށްފައިވާ ސަސްޕެންސް ތުރިލާ "އިންތިހާ" އާއި ރާއްޖޭގެ ފުރަތަމަ އެންތޮލޮޖީ ފިލްމް "ހަތަރު ހަޅަ" އަކީ ވެސް 2018 ގއި ރިލީޒް ކުރާނެ ކަމަށް ލަފާ ކުރެވޭ ފިލްމްތަކެވެ.

"ގިލަން" ގެ ޓީޒާއެއް.

މި ފާހަގަކޮށްލި ފިލްމްތަކާ އެކު، އަންނަ އަހަރު ސިނަމާ އަށް އަންނާނެ ކަމަށް ބެލެވޭ ފިލްމްތަކުގެ އަދަދު 20 އާ ގާތް ކުރެ އެވެ. ލިސްޓްކޮށްލާ ނަމަ މިއީ 17 ފިލްމެވެ. އެކަމަކު މި ހުރިހާ ފިލްމެއް ރިލީޒް ވެދާނެތޯ ސުވާލު އުފެދުނީ ކުރިން ވެސް ބުނި ސަބަބުތަކާ ހެދި އެވެ. ނަމަވެސް މި އަދަދަށް 2018 ގައި ފިލްމް ރިލިޒްކޮށްފި ނަމަ، ވާނީ އާ ރެކޯޑަކަށެވެ. މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ސިނަމާގައި މިހާ ގިނަ ފިލްމް އެއް އަހަރެއްގައި ރިލީޒްކޮށްފައެއް ނެތެވެ.

ނިކަން ވާ ގޮތެއް ބަލަން އަންނަ އަހަރަށް އިންތިޒާރު ކުރަމާ ހިނގާށެވެ.