Roadha Mihaaru
ޓެޑްގެ "އަމާނާތް" ޔޫޓިއުބަށް

ޓެޑްގެ ހަދިޔާއެއްގެ ގޮތުގައި "އަމާނާތް" ޔޫޓިއުބަށް ލައިފި

06 އެޕްރީލް 2017

ރިލީޒް ކުރިތާ 19 އަހަރު ފަހުން އެޓާނަލް ޕިކްޗާސްގެ ފިލްމް "އަމާނާތް" މި އަހަރު ސްކްރީނުގައި ވަރަށް ކާމިޔާބު ޝޯތަކެއް ދެއްކުމަށް ފަހު، އެ ފިލްމް މިއަދު ޔޫޓިއުބުން ބެލޭނެ ގޮތް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިލީޒް ކުރިތާ 19 އަހަރު ފަހުން އެޓާނަލް ޕިކްޗާސްގެ ފިލްމް "އަމާނާތް" މި އަހަރު ސްކްރީނުގައި ވަރަށް ކާމިޔާބު ޝޯތަކެއް ދެއްކުމަށް ފަހު، އެ ފިލްމް މިއަދު ޔޫޓިއުބުން ބެލޭނެ ގޮތް ހަދައިފި އެވެ.

މުހައްމަދު ނިޔާޒް (ޓެޑްރީ) ޕްރޮޑިއުސްކޮށްފައިވާ މި ފިލްމް ޔޫޓިއުބަށް ލާން ނިންމީ ފިލްމުގެ ވަގު ކޮޕީއެއް ވެސް ބަޔަކު ގެންގުޅޭ ކަމަށް ފަޅާއަރާފައިވާ ދަނޑިވަޅެއްގަ އެވެ.

ނޮވެމްބަރު 4، 1998 ގައި "އަމާނާތް" ރިލީޒްކުރި ދުވަސްވަރު ވެސް އޭގެ ވަގު ކޮޕީއެއް ހަދައިގެން ބަޔަކު އުޅުނެވެ.

ނަވާރަ އަހަރު ފަހުން "އަމާނާތް" ޔޫޓިއުބަށްލާން ޓެޑް ނިންމި އިރު، މި މަހުގެ ނުވަ ވަނަ ދުވަހަކީ މުނިފޫހި ފިލުވުމުގެ ދާއިރާގައި އޭނާ މަސައްކަތް ކުރާތާ 30 އަހަރު ފުރޭ ދުވެހެވެ. އެހެންވެ "އަމާނާތް" މި ފަހަރު ޔޫޓިއުބަށް ދޫކޮށްލަނީ އެކަމާ ވެސް ގުޅުވައިގެން، ފޭނުންނަށްދޭ ހަދިޔާއެއްގެ ގޮތުގައި ކަމަށް ޓެޑް މިއަދު ބުންޏެވެ.

"މީގެ ވަގު ޑީވީޑީ ހަދައިގެން ބަޔަކު އޭތި އެބަ ދައުރު ކުރޭ. އޭތި އެބަ އޮތް އަހަރެންގެ އަތަށް ވެސް އަރާފައި. އެ ކޮޕީއަކީ ދެހާސް އެގާރަގައި މީގެ ކްލެސިފިކޭޝަނަށްލި އިރުގެ އެއްޗެއްކަން އޭތި ބަލާލީމަ އެބަ އެނގޭ. ވަރަށް ކޮލިޓީ ދަށްކޮށް އޮތީ ވެސް،" އޭނާ ބުންޏެވެ.

ޓެޑް ބުނީ ކޮންމެހެން ފެންވަރު ދަށް ވަގު ކޮޕީއެއް ބެލުމުގެ ބޭނުމެއް ނެތް ކަށަށާއި ކޮލިޓީ ރަނގަޅުކޮށް ޔޫޓިއުބަށް ލުމުން، ބަލާލަން ބޭނުންވާ ބަޔަކަށް ބެލޭނެ ކަމަށެވެ.

"ކޮންމެހެން ދެން މީގެން ރެވެނިއުއެއް ޖެނެރޭޓް ކުރާކަށް ވިސްނުމެއް ނެތް. އަދި އަތުގައި ކޮންމެހެން ދެން ބާއްވާނެ ކަމެއް ވެސް ނެތީމަ ޔޫޓިއުބަށް ލާން ނިންމީ،" ޔޫޓިއުބަށްލި ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ތިން ވަނަ ގައުމީ ފިލްމް އެވޯޑްސްގައި 12 އެވޯޑް އުފުލައިލި "އަމާނާތް" އަކީ މިހާރުގެ އެންމެ މަޝްހޫރު ސްކްރީން ރައިޓަރު މަހުދީ އަހުމަދު މިހާތަނަށް ޑައިރެކްޓް ކުރި ހަމައެކަނި ފީޗާ ފިލްމެވެ.

މާލެ އާއި އައްޑޫގައި މަންޒަރުތައް ނަގާފައިވާ "އަމާނާތް" ގައި ލީޑް ރޯލް ކުޅެފައި ވަނީ އަލީ ހާލިދާއި ޖަމްޝީދާ އަހުމަދާއި ފާތުމަތު ރަމީޒާ އެވެ.

މި ފިލްމަކީ 1983 ވަނަ އަހަރު އިންޑިއާގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރު ގެނެސް ދިން ފިލްމް "މާސޫމް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އެރިކް ސޭގަލްގެ "މޭން ވުމަން އެންޑް ޗައިލްޑް" އަށެވެ.

"އަމާނާތް" އަށް ފަހު މިހާތަނަށް އެއްވެސް ފީޗާ ފިލްމެއް ގެނެސް ދީފައި ނުވާ "ދެރިޔާ" ގެ ޑައިރެކްޓަރު ޓެޑް ވަނީ ފެބްރުއަރީ މަހު "ލަސްވިޔަސް" ގެ ނަމުގައި އޭނާ ޑައިރެކްޓް ކުރާ ދެވަނަ ފީޗާ ފިލްމް ލޯންޗްކޮށް، އޭގެ ޓީޒާ ވެސް ދައްކާލައިފަ އެވެ.

އެ ފިލްމް ސިނަމާ އަށް އަންނާނީ އަންނަ އަހަރު އެވެ.