Roadha Mihaaru
ޓެޑްރީގެ "ލަސްވިޔަސް"ގެ މަންޒަރުތަކެއް ކަމަދޫގައި

ޓެޑްރީގެ "ލަސްވިޔަސް"ގެ މަންޒަރުތަކެއް ކަމަދޫގައި

27 މާޗް 2022

ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ އެންމެ އުއްމީދީ އެއް ފިލްމު ކަމަށްވާ "ލަސްވިޔަސް"ގެ މަންޒަރުތަކެއް ބ. ކަމަދޫގައި ނަގާ ނިންމާލައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ އެންމެ އުއްމީދީ އެއް ފިލްމު ކަމަށްވާ "ލަސްވިޔަސް"ގެ މަންޒަރުތަކެއް ބ. ކަމަދޫގައި ނަގާ ނިންމާލައިފި އެވެ.

ކުރީގެ މަޝްހޫރު އެކްޓްރެސް ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހީމް ފިލްމީ ދާއިރާ އަށް ނެރޭ "ލަސްވިޔަސް" އެންމެ ފުރަތަމަ އިއުލާންކުރީ 2017 ގަ އެވެ. އެއަށް ފަހު އެ އަހަރު ފިލްމުގެ ޓީޒާއެއް ދައްކާލުމަށް ފަހު ފިލްމުގެ މާ ގިނަ ވާހަކަތަކެއް ނުދެކެވެ އެވެ.

އެކަމަކު ދާދިފަހުން ޓެޑްރީ ސޯޝަލް މީޑިއާގައި އިއުލާންކުރި ގޮތުގައި އޭނާގެ ފިލްމުގެ ޝޫޓިން މި މަހު 11 ގައި ވަނީ ފަށައިފަ އެވެ. އެއަށް ފަހު ފިލްމުގެ ޝޫޓިން ވަރަށް ހަލުވި ސްޕީޑުގައި ކުރިއަށް އެބަދެ އެވެ. އެ ފިލްމުގެ ބައެއް މަންޒަރުތައް ނަގަން ހަމަޖެހިފައިވާ އެއް ލޮކޭޝަން ކަމަށްވާ ކަމަދޫގައި ނަގާ މަންޒަރުތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް ޓެޑްރީ އިއްޔެ ބުންޏެވެ.

ކަމަދޫގައި ޝޫޓިން ނިމުނުކަން ހާމަކޮށް، ޓެޑްރީ ވަނީ ސޯޝަލް މީޑިއާ އަށް ފޮޓޮތަކެއް ވެސް ދޫކޮށްލައިފަ އެވެ. އެއް ފޮޓޯގައި ފެންނަނީ ޒޯޔާއާ އެކު ޓެޑްރީ އެވެ. ޒޯޔާ ހުރީ އެ ފިލްމުގައި އޭނާ ފެންނާނެ ލުކްގަ އެވެ. ހީވާގޮތުން، އެ ފިލްމުގައި ޒޯޔާ ކުޅޭނީ ވަރަށް ބަލި ކުއްޖެއްގެ ރޯލެވެ. އޭނާގެ ބޯ ތަލަކޮށް ހުރި އިރު، އޮކްސިޖަން ފުޅި ގުޅައިގެން ނޭވާލުމަށް ބޭނުންކުރާ ނޭސަލް ކެނުލާއެއް އޭނާގެ ނޭފަތަށް ގުޅާފައިވެ އެވެ.

އިތުރު ފޮޓޯއެއްގައި އެ ފިލްމުގެ ކާސްޓާއި ކްރޫ ފެނެ އެވެ. އެ ފޮޓޯގައި ނިއުމާ ވެސް ފެނެ އެވެ. އެހެން އެކްޓަރުންގެ ތެރޭގައި އަލީ އާސިމް އާއި ފިލްމުތަކުން މިހާރު ވަރަށް މަދުން ފެންނަ ހަދީޖާ އިބްރާހީމް (ކުޑަ ހައްޖަ) ހިމެނެ އެވެ. ޓިކްޓޮކް އަދި ޓީވީ ޕްރެޒެންޓިން އިން މަޝްހޫރުކަން ހޯދާފައިވާ މަރްޔަމް ޝިފާ (މަރްޔަމް ޝިފް) އާއި ވިދަމުން އަންނަ އެކްޓަރު އަހްމަދު އީސާ (އާނަންދު) އަދި ވާޝިޔާ މުހައްމަދު ވެސް ފެނެ އެވެ.

ޑެޓްރީގެ އިޓާނަލް ޕިކްޗާސްގެ މި ފިލްމަކީ އޭނާގެ އަމިއްލަ ވާހަކައަކަށް ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. ގިނަ ދުވަސްތަކަކަށް ފަހު ޓެޑްރީ އެނބުރި ޑައިރެކްޝަނަށް އަންނަ މި ފިލްމު ސިނަމާގައި ދައްކަން ފަށާނެ ދުވަހެއް އަދި އިއުލާންނުކުރެ އެވެ.