Roadha Mihaaru

ފެތުނު ބޯޓުން ފަޅުވެރިން ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަވެއްޖެ

މޮންޓެވީޑިއޯ (އެޕްރީލް 3) - ސައުތު އެޓްލާންޓިކް ކަނޑަށް ފެތުނު ސައުތު ކޮރެއާގެ ބޮޑު ކާގޯ ބޯޓުން ފަޅުވެރިން ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަ ކަމަށް މީހުން ސަލާމަތްކުރާ ޓީމުތަކުން ބުނެފި އެވެ.

ފެތުނު ބޯޓުން މީހުން ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަ
ހަސަން އާމިރު
ހަސަން އާމިރު

03 އެޕްރީލް 2017

މޮންޓެވީޑިއޯ (އެޕްރީލް 3) - ސައުތު އެޓްލާންޓިކް ކަނޑަށް ފެތުނު ސައުތު ކޮރެއާގެ ބޮޑު ކާގޯ ބޯޓުން ފަޅުވެރިން ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަ ކަމަށް މީހުން ސަލާމަތްކުރާ ޓީމުތަކުން ބުނެފި އެވެ.

ދެ ބުރިވެގެން މިދިޔަ ހުކުރު ދުވަހު އަޑިއަށް ދިޔަ ކަމަށް ބެލެވޭ ސްޓެއްލާ ޑެއިޒީ ކާގޯ ބޯޓުން މިހާތަނަށް ސަލާމަތް ކުރެވިފައި ވަނީ ދެ ފަޅުވެރިންނެވެ. އެ މީހުން ތިބީ ލައިފް ރާފްޓުގަ އެވެ.

ސައުތު ކޮރެއާ ސަރުކާރުގެ އޮފިޝަލުން އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީ އަށް ބުނެފައި ވަނީ މީހުން ހޯދުމުގެ މަސައްކަތުގައި އިތުރު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށާއި އެކަމަކު ބޯޓުން އެޅުނު ކަމަށް ބެލެވޭ ތެލާއި ބޯޓުން ދޫވި ސާމާނާއި ހުސް ލައިފްބޯޓުތައް ފެނިފައިވާ ކަމަށެވެ. ފެތުނު ބޯޓުން 24 ފަޅުވެރިން ދަތުރު ކުރި އެވެ.

"ވަގުތުތައް ފާއިތުވެގެންދާ ވަރަކަށް ދިރިތިއްބާ މީހުން ފެނިދާނެ ކަމުގެ ފުރުސަތު ދާނީ ކުޑަވަމުން،" އުރުގުއާއީގެ ކަނޑުގެ ސިފައިންގެ ތަރުޖަމާން ގަސްޓޮން ޖައުންސޮލޯ ރޮއިޓާސް އަށް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 312 މީޓަރު (1024 ފޫޓު) ދިގު ބޯޓު އަޑިއަށް ދިޔަ ކަމަށް ބެލެވެނީ އުރުގުއާއީން ފެށިގެން 3،700 ކިލޯ މީޓަރު (2،300 މޭލު) ދުރަށެވެ. ބޯޓުގެ ޚަބަރެއް އެންމެ ފަހުންވީ މިދިޔަ ހުކުރު ދުވަހު އެވެ. ބޯޓުގެ ފަޅުވެރިއަކު އެ ދުވަހު ވަނީ ބޯޓު ފޫގޮސްގެން ލޮނު ވަންނަމުންދާ ކަމަށް ބުނެ މެސެޖެއް ކޮށްފަ އެވެ.

ބޯޓުން ސަލާމަތްވި ފިލިޕީންސްގެ ފަޅުވެރިން ބުނީ ބޯޓު ފޫގޮސްގެން ލޮނުވަދެ އަދި ބޯޓު ފަޅައިގެންދާ ކަމަށް ކެޕްޓަން އަންގާފައިވާ ކަމަށެވެ. ނަމަވެސް ބޯޓު ފޫދިޔައީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ.

ގާތްގަނޑަކަށް 260،000 ޓަނުގެ ބޮޑު ބޯޓު އޮޕަރޭޓް ކުރަނީ ސައުތު ކޮރެއާގެ ކުންފުންޏަކުން ކަމަށް ވިޔަސް އެ ބޯޓު ދަތުރު ކުރީ މާޝަލް އައިލެންޑްސްގެ ދިދަ ނަގައިގެންނެވެ. ބޯޓުގައި ތިބީ ފިލިޕީންސްގެ 16 މީހުންނާއި ސައުތު ކޮރެއާގެ އަށް މީހުން ކަމަށްވެ އެވެ.

ފެތުނު ބޯޓުން މީހުން ސަލާމަތް ކުރުމުގައި ދަނީ ބްރެޒިލް އާއި އާޖެންޓީނާގެ ބޯޓުތަކުގެ އިތުރުން ސްޓެއްލާ ޑެއިޒީ އޮޕަރޭޓް ކުރާ ސައުތު ކޮރެއާގެ ޕޮލާރިސް ކުންފުނީގެ އެހެން ބޯޓުތަކުން ވެސް ބައިވެރިވަމުންނެވެ.

ބޯޓު ދަތުރު ކުރީ ބްރެޒިލް އިން ޗައިނާ އަށް ދަގަނޑު ހިފައިގެންނެވެ.