Roadha Mihaaru
ހޮންގް ކޮންގަށް ފުރަތަމަ ފަހަރަށް އަންހެން ލީޑަރެއް

ހޮންގް ކޮންގުގެ ލީޑަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް

27 މާޗް 2017

ޗައިނާގެ ބައެއްގެ ގޮތުގައި އޮންނަ އެކަމަކު ޑިމޮކްރަސީއަށް ވެރިކަން ކުރަމުން އަންނަ ހޮންގް ކޮންގުގެ ލީޑަަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިއްޔެ ހޮވައިފި އެވެ.

ޗައިނާގެ ބައެއްގެ ގޮތުގައި އޮންނަ އެކަމަކު ޑިމޮކްރަސީއަށް ވެރިކަން ކުރަމުން އަންނަ ހޮންގް ކޮންގުގެ ލީޑަަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިއްޔެ ހޮވައިފި އެވެ.

ހޮންގް ކޮންގްގެ އާ ލީޑަރަކަށް އުމުރުން 50 އަހަރުގެ ކެރިއަ ލޭމް، ހޮވީ ޗައިނާ ސަރުކާރުގެ ތާއީދު ލިބިގެންނެވެ. ހޮންގް ކޮންގްގެ ޗީފް އެގްޒެކްޓިވްގެ މަގާމަށް މީހަކު ހޮވަނީ ރަައްޔިތުން ވޯޓު ލުމުގެ ބަދަލުގައި 1،200 މެމްބަރުން ތިބޭ ކޮމިޓީއަކުންނެވެ. މި ކޮމިޓީގެ ބޮޑު އަގުލަބިއްޔަތެއް އޮންނަނީ ޗައިނާ ސަރުކާރަށް ތާއީދުކުރާ މީހުންގެ އަތުގަ އެވެ.

ކުރިން އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ހޮންގް ކޮންގް ޗައިނާގެ ބަޔަކަށް ރަސްމީކޮށް ވީ 1996 ގަ އެވެ. އެކަމަކު 50 އަހަރު ވަންދެން ހޮންގް ކޮންގް އޮންނާނީ ޗައިނާގެ އެހެން ސަރަހައްދުތަކަށް ވުރެ ބޮޑު މިނިވަންކަމެއް ލިބޭ ގޮތަށެވެ. އެގޮތުން ހޮންގް ކޮންގްގެ އެތެރޭގެ ހުރިހާ ކަމެއް ހިންގާނީ ހޮންގް ކޮންގް ރައްޔިތުންގެ ބާރު އޮންނަ ގޮތަށެވެ. ނަމަވެސް ޗައިނާ ސަރުކާރުގެ ނުފޫޒު ގަދަވަމުން ދާތީ، ޑިމޮކްރެޓިކް ބައެއް ހައްގުތައް މިހާރު ހަނިވަމުން އަންނަކަމުގެ ޝަކުވާ ހޮންގް ކޮންގުގެ އާންމުންގެ ތެރޭގައި ބޮޑެވެ. އެހެންވެ ދޭތެރެ ދޭތެރެ އިން މުޒާހަރާ ވެސް ކުރެ އެވެ.

އެންމެ ފަހުން ބޮޑު މުޒާހަރާއެއް ބޭއްވީ ޗީފް އެގްޒެކެޓިވްގެ މަގާމަށް ސީދާ ރައްޔިތުން ވޯޓު ލައިގެން ހޮވާ ގޮތް ހަދާށެވެ. އެކަމަކު އެ މަގުސަދު ހާސިލެއްނުވި އެވެ.

އިއްޔެ އޮތް ވޯޓު ލޭމް ކާމިޔާބުކުރެއްވީ 777 ވޯޓާ އެކުގަ އެވެ. އާންމުންގެ އެންމެ ބޮޑު ސަޕޯޓެއް އޮތް ކުރީގެ ފިނޭންސް އެންމެ އިސް ވެރިިޔާ ޖޯން ސަންގަށް ލިބިވަޑައިގަތީ 365 ވޯޓެވެ.

ޗީފް އެގްޒެކްޓިވްގެ މަގާމަށް ހޮވިވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަމުން ލޭމް ވިދާޅުވީ އޭނާގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ދެ ބައި ވެފައި އޮތް ރައްޔިތުންނަށް ހަމަޖެހުން ގެނެސްދިނުން ކަމަށެވެ.

"އަހަރެމެންގެ ހޮންގް ކޮންގް ތެރޭގައި ވަރަށް ބޮޑު ހިތްހަމަނުޖެހުންތަކެއް އެބަ ހުރި. އަހަރެން އެންމެ ބޮޑު އިސްކަމެއް ދޭނީ އެކަމަށް ޝިފާއެއް ހޯދައިދޭން،" ލޭމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ފަރާތެއްގެ އަޑު ވެސް އައްސަވާނެ އެވެ. އަދި އެންމެ ބޮޑު ހިތްހަމަނުޖެހުންތަކެއްގައި ތިބި ޒުވާނުންނަށް ސަލާމުކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާގެ ނުފޫޒު ބޮޑުވުމާ ދެކޮޅަށް އެންމެ ގަދައަށް އަޑުއުފުލާ މުޒާހަރާކުރަނީ ޒުވާނުންނެވެ. އޭގެ ތެރޭގައި ޗައިނާގެ ބާރުގެ ދަށުން މުޅިން މިނިވަންވާން އަޑުއުފުލާ ޒުވާނުން ވެސް ހިމެނެ އެވެ.

ލޭމް ވިދާޅުވީ ހޮންގް ކޮންގުގެ ރައްޔިތުންގެ އަސާސީ އަގުތައް ކަމަށްވާ އެންމެން ބައިވެރިކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރައްވާނެ ކަމަށެވެ.

ކޮމިޓީގެ ވޯޓުލުން ކުރިއަށް ދިޔަ އިރު ބޭރުގައި އާންމުން މުޒާހަރާކުރި އެވެ. އެ މީހުން ބުނަމުން ދަނީ ވޯޓު ލާ ގޮތަކީ ވެސް ބޮޑު ލަދެއް ކަމަށެވެ.

ލޭމްއަކީ ހޮންގް ކޮންގުގެ ކުރީގެ ސަރުކާރުތަކުގައި އިސް މަގާމުތަކެއް އަަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.