Roadha Mihaaru
110 ގައުމަކަށް ބައިޑަންގެ ދައުވަތު، ޗައިނާ ނުހިމެނޭ

110 ގައުމަކަށް ބައިޑަންގެ ދައުވަތު، ޗައިނާ ނުހިމެނޭ

24 ނޮވެމްބަރ 2021

ވޮޝިންޓަން (ނޮވެމްބަރު 24) - ޑިމޮކްރެސީއާ ގުޅޭ ގޮތުން ބާއްވާ ވާޗުއަލް ސަމިޓަކަށް 110 ގައުމަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ދައުވަތު ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ނޮވެމްބަރު 24) - ޑިމޮކްރެސީއާ ގުޅޭ ގޮތުން ބާއްވާ ވާޗުއަލް ސަމިޓަކަށް 110 ގައުމަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ދައުވަތު ދެއްވައިފި އެވެ.

ޑިސެމްބަރު 9-10 އަށް ބާއްވާ އޮންލައިން ސަމިޓަށް ދައުވަތު ދިން ގައުމުތަކުގެ ލިސްޓް ސްޓޭޓް ޑިޕާޓްމަންޓުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ އިރު އެންމެ ބޮޑަށް ފާހަގަވި ކަމަކީ ޗައިނާގެ ނަން ނެތުމެވެ. ނަމަވެސް ޓައިވާނަށް ވަނީ ދައުވަތު ދީފަ އެވެ. މިއީ ޗައިނާގެ ރުޅިވެރިކަން އިތުރަށް ބޮޑުވާނެ ކަމެކެވެ.

ސަމިޓްގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ހުޅަނގުގެ އެމެރިކާގެ ބައިވެރިންނާއި އިރާގާއި އިންޑިއާ އަދި ޕާކިސްތާން ހިމެނެ އެވެ.

ލިސްޓުން އުނިކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ނޭޓޯގެ މެންބަރު ތުރުކީ ހިމެނެ އެވެ. ރަޝިޔާ އަށް ވެސް ދައުވަތެއް ނުދެ އެވެ. މެދުއިރުމަތިން ދައުވަތު ދީފައި ވަނީ އިޒްރޭލަށާއި އިރާގަށެވެ. އެކަމަކު އެމެރިކާއާ ގާތް ގުޅުމެއް އޮންނަ އަރަބި ގައުމުތައް ކަމަށްވާ މިސްރު، ސައުދީ އަރަބިއާ، ޖޯޑަން، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ބައިޑަންގެ ދައުވަތު ފޮނުވައިފައެއް ނުވެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބްރެޒިލްގެ ރައީސް ޖައިރް ބޮލްސަނަރޯ ތާއީދު ކުރައްވައި އަދި ހަރުކަށި އުސޫލުތަކެއް އޭނާ ގެންގުޅުއްވި ނަމަވެސް ބްރެޒިލަށް ވަނީ ދައުވަތު ދީފަ އެވެ.

އިންސާނީ ހައްގުތަކުގެ ރެކޯޑާ މެދު ޔޫރަޕިއަން ޔޫނިއަންނާ ދެމެދު ބޮޑު ޚިޔާލުތަފާތުވުމެއް އުފެދިފައިވީ ނަމަވެސް ޕޮލެންޑަށް ވަނީ ދައުވަތު ދީފަ އެވެ. ހަރުކަށި އުސޫލުތައް ގެންގުޅުއްވާ ބޮޑުވަޒީރު ވިކްޓަ އޯބަންގެ ހަންގޭރީ އަށް ދައުވަތެއް ނުދެ އެވެ.

ލިސްޓުގައި އެފްރިކާ އިން ހިމެނޭ ގައުމުތަކަކީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ސައުތު އެފްރިކާ، ނައިޖީރިއާ އަދި ނައިޖަރެވެ.

ޑިމޮކްރެސީ ސަމިޓް އޮގަސްޓް މަހު އިއުލާންކުރަމުން ވައިޓް ހައުސް އިން ބުނެފައި ވަނީ ބައްދަލުވުން ކުރިއަށްދާނީ މައިގަނޑު ތިން އަސާސެއްގެ މަތީގައި ކަމަށެވެ. އެއީ ހުދުމުހުތާރު އުސޫލުތަކާ ދެކޮޅު ހެދުމާއި ކޮރަޕްޝަނާ ދެކޮޅު ހެދުން އަދި އިންސާނީ ހައްގުތައް ޕްރޮމޯޓް ކުރުމެވެ.