Roadha Mihaaru
އާ ގާނޫނުގެ ދަށުން ފުރަތަމަ ޒުވާނާ ހައްޔަރުކޮށްފި

ހޮންކޮންގުގެ އާ ގާނޫނުގެ ދަށުން ފުރަތަމަ ޒުވާނާ ހައްޔަރުކޮށްފި

09 އޮކްޓޯބަރ 2022

ހޮންކޮންގުގައި އަލަށް އަމަލު ކުރަމުން އަންނަ ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން، ފުރަތަމަ ފަހަރަށް ޒުވާނުންތަކެއް ޖަލަށް ލައިފި އެވެ.

ހޮންކޮންގުގައި އަލަށް އަމަލު ކުރަމުން އަންނަ ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން، ފުރަތަމަ ފަހަރަށް ޒުވާނުންތަކެއް ޖަލަށް ލައިފި އެވެ.

އާ ގާނޫނުގެ ދަށުން މިހާތަނަށް 18 އަހަރުން ދަށުގެ ކުއްޖަކަށް ހުކުމެއް އިއްވާފައެއް ނެތެވެ. އާ ގާނޫނުގެ ދަށުން ހައްޔަރުކުރި، 18 އަހަރުން ދަށުގެ ފަސް ޒުވާނުންގެ މައްޗަށް ހޮންގްކޮންގް ކޯޓުން އިއްޔެ ހުކުމް ކުރީ، ތިން އަހަރަށް ޖަލަށް ލުމަށެވެ. އެ ފަސް ޒުވާނުންގެ މައްޗަށް ސާބިތުވި ކުށަކީ، ޗައިނާގެ މައި ސަރުކާރު ވައްޓާލުމަށް މީހުންނަށް ހިތްވަރުދީ އެކަމަށް ބާރު އެޅުމުގެ ކުށެވެ.

ހޮންގްކޮންގްގައި އަމަލުކުރުމަށް، ޗައިނާ ސަރުކާރުން ގައުމީ ސަލާމަތާ ބެހޭ ގާނޫނެއް ފާސްކޮށް އަމަލުކުރަން ފެށީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން، ޗައިނާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި އެތައް ބަޔަކު ވަނީ، އެ ގާނޫނުގެ ދަށުން އަދަބު ކަނޑައަޅައި ޖަލަށް ލައިފަ އެވެ. އަދި ޗައިނާ ސަރުކާރާ އިދިކޮޅު ޚިޔާލާތުގެ ގިނަ އަދަދެއްގެ ސިޔާސީ މީހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ޖަލަށް ލީ ފަސް ޒުވާނުންގެ މައްޗަށް ކުށް ސާބިތުވި އަމަލުތަކަކީ، ޗައިނާ ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ބަޔަކު ފަށައިގެން އުޅޭ "ލޭގެ އިންގިލާބު"އާ ގުޅޭ ގޮތުން، މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަގުމަތީގަޔާއި ސޯޝަލް މީޑިއާގައި ތަފާތު ހަރަކާތްތައް ހިންގުމެވެ. ލޭގެ އިންގިލާބުގެ ބޭނުމަކީ ޗައިނާގެ މަރުކަޒީ ސަރުކާރު ވައްޓައިލުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނެރެ، ހަމަޖެހުން ނަގާލައި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމެވެ.

ފަސް ޒުވާނުންގެ މައްޗަށް ހުކުމް އިއްވަމުން، ފަނޑިޔާރު ކްވޮކް ވައި-ކިން ވިދާޅުވީ އެންމެ މީހަކު ވެސް ބަސް ނާހައި އުޅެން ވެއްޖެ ނަމަ، ހޮންގްކޮންގުގެ ހަމަޖެހުމާއި ރައްޔިތުންގެ ސަލާމަތްތެރިކަމަށް ނުރައްކާ ކުރާނެ ކަމަށެވެ. މިފަހަރު ހުކުމް އިއްވި ފަސް ޒުވާނުންނަކީ އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ. މި ފަސް ޒުވާނުންނަކީ ވެސް، ހޮންގް ކޮންގްގެ މިނިވަންކަމަށް މަސައްކަތް ކުރާ އަމިއްލަ ޖަމާއަތެއް ކަމަށްވާ "ރިޓާނިންގް ވޭލިއަންޓް"ގެ މެންބަރުންނެވެ.

ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ ކުށް ސާބިތުވި ޒުވާނުންގެ އުމުރާއި ތަސައްރަފް ނުފުދުމުގެ ހާލަތަށް ރިއާޔަތްކޮށް، އެމީހުންގެ މައްޗަށް އިއްވާ ހުކުމަކީ، ޖަލަށް ލުމުގެ ބަދަލުގައި، ތަމްރީން މަރުކަޒެއްގައި ބަންދުކޮށްފައި ބޭތިއްބުން ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ހޮންގް ކޮންގްގައި މިހާރު އަމަލު ކުރަމުން އަންނަ ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން މިހާތަނަށް 110 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޗައިނާ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ސިޔާސީ އިސް ހަރަކާތްތެރިންނާއި، މުޒާހަރާތަކުގެ ބައިވެރިންގެ އިތުރުން ގާނޫނީ ވަކީލުން ވެސް ހިމެނެ އެވެ.