Roadha Mihaaru
އެންމެ ދުވަސްވީ ޕެންޑާ އަށް 35 އަހަރު

އެންމެ ދުވަސްވީ ޕެންޑާގެ 35 ވަނަ އުފަން ދުވަސް ފާހަގަކޮށްފި

05 އޯގަސްޓް 2021

މި ވަގުތު ދުނިޔޭގައި އޮތް އެންމެ ދުވަސްވީ ޖަޔަންޓް ޕެންޑާގެ 35 ވަނަ އުފަން ދުވަސް އަންގާރަ ދުވަހު ފާހަގަކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ވަގުތު ދުނިޔޭގައި އޮތް އެންމެ ދުވަސްވީ ޖަޔަންޓް ޕެންޑާގެ 35 ވަނަ އުފަން ދުވަސް އަންގާރަ ދުވަހު ފާހަގަކޮށްފި އެވެ.

ހޮންކޮންގުގެ އޯޝަން ޕާކްގައި އޮންނަ، 1986 ގައި އުފަންވި މި ފިރިހެން ޕެންޑާގެ ނަމަކީ "އަންއަން" އެވެ. ޗައިނާ ބަހުން އޭގެ މާނަ އަކީ "ޕީސް" އެވެ. މީގެ 22 އަހަރު ކުރިން ފެށިގެން އޯޝަން ޕާކްގައި ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ އަންއަންގެ އުފަން ދުވަސް ފާހަގަކުރީ އެއަށް ހާއްސަ ކޭކަކާ ވެސް އެކީގަ އެވެ. އަދި ހަދިޔާއަކަށް ބެމްބޫ ޝޫޓާއި އެކި ކަހަލަ މޭވާތައް ވެސް ދިނެވެ.

އޯޝަން ޕާކް އިން ބުނި ގޮތުގައި ޕެންޑާއެއްގެ އުމުރުން 35 އަހަރުވުމަކީ 105 އަހަރު ފުރުން ކަހަލަ ކަމެކެވެ. ސަބަބަކީ ވަލުތެރޭގައި އުޅޭ ޕެންޑާއެއްގެ އުމުރަކީ އެވްރެޖްކޮށް 20 އަހަރަށްވެފައި، އިންސާނުންގެ ބެލެހެއްޓުމުގައި ދަށުގައި ޕެންޑާ ގެންގުޅޭ ނަމަ އެވްރެޖްކޮށް 30 އަހަރު ވަންދެން ޕެންޑާ ދުނިޔޭގައި އޮތުމެވެ. އެހެންވެ އަންއަންގެ އުމުރުން 35 އަހަރު ފުރި، މިހާރު 40 އާ ގާތްކުރުމަކީ އިންސާނެއްގެ އުމުރުން ގަރުނެއް ފުރުން ކަހަލަ ކަމެއް ކަމަށް އޯޝަން ޕާކްގެ އޮފިޝަލުން ބުންޏެވެ.

ޗައިނާގެ ސިޗްއާން ޕްރޮވިންސަށް އުފަންވި އަންއަން އަކީ ޗައިނާ ސަރުކާރުން 1999 ގައި ހޮންކޮންގަށް ހަދިޔާއަކަށް ދިން ޕެންޑާއެކެވެ. އޭރު އޭގެ ބައިވެރިއެއްގެ ގޮތުގައި އޮތް ޖިއާޖިއާ ވަނީ 2016 ގައި 38 އަހަރުގައި މަރުވެފަ އެވެ. އޭރު އެއީ އެންމެ ދުވަސްވީ ޕެންޑާ އެވެ.

ޗައިނާ އަށް ހާއްސަ އެއްޗެއްގެ ގޮތުގައި މަޝްހޫރު ޕެންޑާ އަކީ އާންމުކޮށް ހުދާއި ކަޅު ކުލައިން ވަރަށް ލޯބިކޮށް އޮންނަ ޖަނަވާރެކެވެ.